މުވައްޒަފުންނަށް ސިޔާސީ ހަރަކާތް މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ބިލެއް ހުށަހަޅައިފި

23 Nov 2026 | 10:51
މީކާއިލް ނަސީމް -- ފޮޓޯ: މަޖިލީސް

މީކާއިލް ނަސީމް -- ފޮޓޯ: މަޖިލީސް

ސަރުކާރާއި ދައުލަތުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސިޔާސީ ޕާޓީތަކަށް ސޮއިކުރުވައި ޕާޓީ ހަރަކާތްތަކުގައި ބައިވެރިކުރުވުން ޤާނޫނީ ގޮތުން މަނާކުރުމަށް ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމެވެ.

Advertisement

ބިލު ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ޕާޓީ ހަރަކާތްތަކުގައި ބައިވެރިވާން މަޖުބޫރުކުރުމާއި، ބައިވެރިނުވެއްޖެނަމަ ވަޒީފާގެ ކުރިއެރުން ހުއްޓުވައި ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރުދެއްކުމުގެ ޢަމަލުތައް ހިނގަމުންދާ ކަމަށެވެ.

އެހެންނަމަވެސް ޕާޓީއެއްގައި ބައިވެރިވުމާއި ނުވުމަކީ ކޮންމެ ރައްޔިތެއްގެ ވެސް އަސާސީ ޙައްޤެއް ކަމަށާއި، އެއީ ކޮންމެ މީހެއްގެ ވެސް އަމިއްލަ އިޚްތިޔާރުގައި ނިންމަންޖެހޭނެ ކަމެއް ކަމަށް މީކާއިލް ވިދާޅުވިއެވެ.

ހުށަހެޅި އިސްލާހުގައި ވާ ގޮތުން، ވަކި ޕާޓީއަކާ ގުޅުމަށް ނުވަތަ ޕާޓީއަކުން ވަކިވުމަށް މުވައްޒަފަކަށް އެންގުމާއި، ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކާއި އެ ނޫން ވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވާން އެންގުން މަނާވާނެއެވެ. މި މާއްދާއާ ޚިލާފުވާ ފަރާތެއްގެ ޢަމަލު ޤާނޫނުލްޢުޤޫބާތުގެ ދަށުން ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

ވެރިކަމުގައި އޮންނަ ޕާޓީއަށް ސޮއިކުރުވައި، ޕާޓީ ހަރަކާތްތަކުގައި ކުންފުނި މުވައްޒަފުން ބައިވެރިކުރުވުމުގެ ކަންބޮޑުވުމަކީ ކޮންމެ ސަރުކާރެއް އޮތް ދައުރެއްގައި ވެސް ފެންމަތިވެފައިވާ މައްސަލައެކެވެ.

އެކަން ފާހަގަވެގެން ދަނީ ކޮންމެ ވެރިކަމަކާއި އެކު ވެރިކަމުގައި އޮންނަ ޕާޓީއެއްގެ މެމްބަރުންގެ އަދަދާއި އެ ބައެއްގެ ވެރިކަން ބަދަލުވުމުން ޕާޓީން ވަކިވާ މީހުންގެ އަދަދުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް