އަބަދު ޕްރޮފައިލް ފޮޓޯ ބަދަލުކުރުން: އަމިއްލަ ނަފްސާ ބެހޭ ގޮތުން އެ ބުނެދެނީ ކޮން ވާހަކައެއް؟

23 Nov 2026 | 14:43
އަބަދު ޕްރޮފައިލް ފޮޓޯ ބަދަލުކުރުން: އަމިއްލަ ނަފްސާ ބެހޭ ގޮތުން އެ ބުނެދެނީ ކޮން ވާހަކައެއް؟

ސޯޝަލް މީޑިއާގައި ޕްރޮފައިލް ފޮޓޯ އާންމުކޮށް ބަދަލުކުރާ މީހުންނަކީ އެހެން މީހުން ތިމާއާ މެދު ދެކޭ ގޮތާ މެދު ބޮޑަށް ވިސްނާ ބައެއް ކަމަށް ނަފްސާނީ ދިރާސާތަކުން ދައްކައެވެ.

ވަޓްސްއެޕް ނުވަތަ އިންސްޓަގްރާމް ޕްރޮފައިލް ފޮޓޯ ބަދަލުކޮށްލުމަކީ ގިނަ ބަޔަކަށް ވިސްނާވެސް ނުލައި ދެ ސިކުންތުން ކޮށްލެވޭ ކަމެކެވެ. ބައެއް މީހުން މަސްތަކެއް ވާއިރުވެސް ހަމަ އެއް ފޮޓޯއެއް ބައިންދާއިރު، އަނެއް ބައި މީހުން ކޮންމެ ދުވަހަކުހެން ފޮޓޯ ބަދަލުކުރެއެވެ.

Advertisement

ނަމަވެސް ޕްރޮފައިލް ފޮޓޯއަކީ ފޯނުގައި ހުންނަ އެހެން ފޮޓޯތަކެއް ފަދަ އެއްޗެއް ނޫނެވެ. ޗެޓުތަކުގައާއި ކޮމެންޓުތަކުގައާއި ރައްޓެހިންގެ ލިސްޓުގައި ތިބާގެ ނަމާ ޖެހިގެން ފެންނަން ހުންނަ އެ ތަސްވީރަކީ ގިނަ ފަހަރަށް ބީރައްޓެއްސަކު ނުވަތަ އާ ބައިވެރިއަކު ތިބާ ދެނެގަންނަން ފުރަތަމަ ބަލާ އެއްޗެވެ.

އެހެންކަމުން ކޮންމެ ފަހަރަކު ފޮޓޯއެއް ހިޔާރުކުރާއިރު، ނޭނގިނަމަވެސް "އެހެން މީހުންނަށް ފެންނަން ބޭނުންވަނީ ކޮން ގޮތަކަށް" ކަމާ މެދު ނިންމުމެއް ނިންމެނީއެވެ.

2017 ވަނަ އަހަރު ފްރންޓިއާޒް އިން ސައިކޮލޮޖީގައި ޝާއިއުކުރި ދިރާސާއެއްގައި ޕްރޮފައިލް ފޮޓޯ ސިފަކޮށްފައިވަނީ ޕްރޮފައިލް ވެރިޔާގެ މައިގަނޑު ތަމްސީލުގެ ގޮތުގައެވެ. އާ ރައްޓެހިން ރިކުއެސްޓެއް ފޮނުވުމުގެ ކުރިން ބަލާ ފުރަތަމަ ތަސްވީރަކީ ވެސް ހަމަ އެ ފޮޓޯ ކަމަށް އެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ނަފްސަށް ކުރާ އިތުބާރާ ގުޅޭ ގޮތުން ކޯނެލް ޔުނިވާސިޓީގައި ކުރި ދިރާސާއެއް 2011 ވަނަ އަހަރު ސައިބާސައިކޮލޮޖީ، ބިހޭވިއާ، އެންޑް ސޯޝަލް ނެޓްވާކިންގައި ޝާއިއުކޮށްފައިވެއެވެ. އެ ދިރާސާގައި 63 ދަރިވަރަކު ފޭސްބުކް ޕޭޖެއް، ލޯގަނޑެއް، ނުވަތަ ހުސް ސްކްރީނެއް ކުރިމަތީ ބައިތިއްބައިގެން ބެލި ބެލުމުން، ފޭސްބުކް ޕްރޮފައިލް ބެލި މީހުން އެހެން ދެ ގުރޫޕަށް ވުރެ ތިމާއާ މެދު ހެޔޮ އިހްސާސްތައް ތަޖުރިބާކުރި ކަމަށް ދެއްކިއެވެ.

ދިރާސާ ކުރިއަށް ދިޔައިރު ޕްރޮފައިލް އެޑިޓުކުރި މީހުން، ނަފްސަށް ކުރާ އިތުބާރު ވަރަށް މަތިކަމަށް ރެކޯޑުކުރެވުނެވެ. ދިރާސާގެ ލީޑް ރިސާޗަރު ހެންކޮކް ބުނި ގޮތުގައި ފޭސްބުކް މީހުންނަށް ފުރުސަތު ދެނީ އެންމެ ރީތި ފަރާތް ދައްކާލާށެވެ. ދައްކާނެ އެއްޗެއް އިހްތިޔާރުކޮށް، ނުރަނގަޅު ގޮތަކަށް ފެނިދާނެ ކަންކަން ފިލްޓާކޮށްލެވެއެވެ. ހެންކޮކް އެކަން ސިފަކޮށްފައިވަނީ "ފޭސްބުކުން ލިބޭ ނަފްސާނީ ފައިދާ"ގެ ހެއްކެއްގެ ގޮތުގައެވެ.

ޕްރޮފައިލް ފޮޓޯ ބަދަލުކުރުމުގެ ފަހަތުގައި ވަނީ ހަމައެކަނި ރީތިކޮށް ފެނުމުގެ ބޭނުމެއް ނޫނެވެ. ނަފްސާނީ އިލްމުވެރިން ރޯއި ބައުމައިސްޓާ އާއި މާކް ލިއެރީ 1995 ވަނަ އަހަރު ސައިކޮލޮޖިކަލް ބުލެޓިންގައި ހާމަކުރި ގޮތުގައި ބައިވެރިވުމުގެ ބޭނުމަކީ "ބާރުގަދަ، އެންމެ އަސާސީ، އަދި ވަރަށް ފޯރިއާއި އެކު އަންނަ ހިތްވަރެ"ކެވެ. މީހުންނާ ގާތް ގުޅުމެއް ބޭއްވުމުގެ ބޭނުން ހުރިހާ އެންމެގެ ކިބައިގައިވެސް ހުންނައިރު، އެބްސްކޯގެ ރިސާޗް އޯވަވިއުއިން ދައްކާ ގޮތުގައި މި ބޭނުމާ އެހެން މީހުންގެ ރުހުން ހޯދުމުގެ ބޭނުމާ ގުޅިފައިވެއެވެ.

އާ ފޮޓޯއެއް ލުމުން ކޮމެންޓެއް، ރިއެކްޝަނެއް، ނުވަތަ "ވަރަށް ރީތި" ފަދަ ކުރު މެސެޖެއް ލިބެއެވެ. އެއިން ކޮންމެ ރައްދަކީ ތިބާ އެ ގުރޫޕުގެ ބައެއް ކަމުގެ ކުޑަ ހެއްކެކެވެ.

އެހެންކަމުން ޕްރޮފައިލް ފޮޓޯ ގިނައިން ބަދަލުކުރުމަކީ އައިބެއް ނޫނެވެ. އެއީ "މިހާރު މިއީ އަހަރެން" ކަމަށް ބުނެލާ ގޮތެއް ކަމަށް ވެދާނެއެވެ. ނަމަވެސް ދޭތެރެދޭތެރެއިން ނަފްސާ ސުވާލެއް ކޮށްލުން ރަނގަޅެވެ. ބަދަލުކުރަނީ އެ ފޮޓޯ ކަމުދާތީ ކަމަށްވާ ނަމަ އެއީ ދުޅަހެޔޮ ކަމެކެވެ. ނަމަވެސް ބަދަލުކުރަނީ އެހެން މީހުންގެ ސަމާލުކަން ބޭނުންވާތީ ކަމަށްވާ ނަމަ، އެ ސަބަބާ މެދު ވިސްނައިލުން ފައިދާ ހުރި ކަމެކެވެ. މި ތަފާތު ދެނެގަތުމަކީ ނަފްސާ މެދު ހަރުދަނާ ވިސްނުމެއް ބިނާކުރުމާ ދިމާއަށް އެޅޭ ކުޑަ ފިޔަވަޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް