ޗޮއި ކިޔޯ ޖިން --
ޤައުމީ ޔުނިވާސިޓީ އެންޓްރެންސް އިމްތިޙާނު ސުނެއުންގގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މަކަރު ހެދުން ހުއްޓުވުމަށް ފަހު ވަގުތު އެޅި ފިޔަވަޅުތަކުން ހިނގި ހަމަނުޖެހުމުގެ ޒިންމާ ނަންގަވައި ދެކުނު ކޮރެއާގެ ތަޢުލީމީ މިނިސްޓަރު ޗޮއި ކިޔޯ ޖިން އިސްތިއުފާ ދީފިއެވެ.
ގާތްގަނޑަކަށް ނުވަ ގަޑިއިރަށް ދެމިގެންދާ ސުނެއުންގ އިމްތިޙާނަކީ ދެކުނު ކޮރެއާގެ އެތައް މިލިއަން ރައްޔިތެއްގެ ކެރިއަރު ބައްޓަންކުރުމުގައި ނުހަނު ބޮޑު ދައުރެއް އަދާކުރާ ވާދަވެރި އިމްތިޙާނެކެވެ. ބުރާސްފަތި ދުވަހު ބޭއްވި މި އިމްތިޙާނުގައި ގާތްގަނޑަކަށް 500،000 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭއައި ޑިވައިސް ބޭނުންކޮށްގެން މަކަރު ހެދުމުގެ ކަންބޮޑުވުންތައް ބޮޑުވެގެން ދިޔައީ، އެޕްރީލް މަހު ބޭއްވި ޤައުމީ ޓެކްސް އެކައުންޓެންސީ އިމްތިޙާނުން އެއްވަނަ ހޯދި 34 އަހަރުގެ ހަން ވޮން ސޮކް މަކަރު ހެދިކަމަށް ހުސްވި ހަފުތާ ބަންދުގައި އެއްބަސްވުމާ ގުޅިގެންނެވެ. 160 ސުވާލުގެ ތެރެއިން އެންމެ ސުވާލެއް ފިޔަވައި ހުރިހާ ސުވާލެއް ރަނގަޅުކޮށްފައި އޮތުމުން ނަތީޖާއާ މެދު ޝައްކު ބޮޑުވެފައި ވަނިކޮށް، ވީޑިއޯ މެސެޖެއްގައި އޭނާ ބުނީ "ޓެސްޓުގެ ސުވާލުތައް މައިކްރޯ ކެމެރާއަކުން ފޮޓޯ ނަގައި އޭއައި އަށް ފޮނުވައި، ސްމާޓް ފޯނުން ޖަވާބު ޗެކުކޮށްގެން މަކަރު ހެދީ" ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ސުނެއުންގއާ ޖެހެންދެން މަދު ދުވަސްކޮޅެއް އޮއްވައި ކުއްލި ފިޔަވަޅުތައް އެޅުނެވެ. ސިއްރު ޑިވައިސް ދެނެގަތުމަށް، ދެކުނު ކޮރެއާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޤައުމީ ކާރިސާ އެލާޓް ސިސްޓަމް މި ބޭނުމަށް ބޭނުންކޮށް، ލޯކަލް ގަޑީން ހެނދުނު 08:00 އާއި މެންދުރުފަހު 15:00 އާ ދެމެދު ތިން އެލާޓް ފޮނުވިއެވެ. ސައިލެންޓް މޯޑުގައި ހުއްޓަސް، ޑޭޓާ ރޯމިންގގައި ފަތުރުވެރީން ގެންގުޅޭ ފޯނު ކަމުގައި ވިޔަސް، ނިއްވާލާފައި ނުވަތަ އެއާޕްލޭން މޯޑުގައި ނެތް ހުރިހާ ފޯނެއް ރިންގުވިއެވެ. ގޮށްތަކުގެ ފަހަތުގައި ކެމެރާ ފޮރުވާފައި ހުރެދާނެ ކަމަށް ބަލައި ގަމީހާއި ޖެކެޓުގެ ގޮށްތައް ނިވާކުރަން އެންގުމާއި، އައިނު ޗެކުކުރުން ވެސް ހިމެނެއެވެ. ތަޢުލީމީ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ހުއްދަ ނެތް ސްމާޓް ޑިވައިސް ގެންގުޅުނު 111 ކެންޑިޑޭޓަކު ފެނިފައިވެއެވެ.
ޔޮންހެޕް ނިއުސް އެޖެންސީއާ ހަވާލާދީ ޗޮއި އާދީއްތަ ދުވަހު ބުނީ "ޒިންމާ ހުރި މިނިސްޓަރުގެ ހައިސިއްޔަތުން، ކުރީބައިގައި ތައްޔާރުވުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ ކުރެވޭ ފާޑުކިޔުމުން ސަލާމަތްވެވިދާނެ ކަމަށް ޤަބޫލެއް ނުކުރެވެ" ކަމަށެވެ. "އިމްތިޙާނު ނިމިފައިވާއިރު ފުން ޒިންމާއެއް އިޙްސާސްކުރެވޭތީ އިސްތިއުފާ ހުށަހަޅަނީ" ކަމަށް ވެސް އޭނާ ބުންޏެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން މަކަރު ނުހެދި ދަރިވަރުންނަށް ވެސް ހާސްކަން ލިބިފައިވެއެވެ. ކޮރެއާ ޓައިމްސްއާ ވާހަކަ ދެއްކި ސީނިއާ ދަރިވަރަކު ބުނެފައި ވަނީ ބޯ ފްރޭމުގެ އައިނު ސްމާޓް އައިނަކަށް ހީކޮށްފާނެ ކަމާ މެދު ހާސްވާ ކަމަށެވެ. ޔޮންހެޕް ނިއުސް އެޖެންސީއާ ވާހަކަ ދެއްކި އެހެން ދަރިވަރަކު ބުނީ އާންމުކޮށް އައިނު އެޅި ނަމަވެސް ޝައްކު ނުއުފެދޭނެ ގޮތަށް ކޮންޓެކްޓް ލެންސް ލައްވައިގެން އިމްތިޙާނަށް ދިޔަ ކަމަށެވެ. ދެކުނު ކޮރެއާގެ ރައީސް ލީ ޖެ މިޔުންގ ވަނީ ޗޮއިގެ އިސްތިއުފާ ޤަބޫލުކޮށްފައެވެ. ރައީސް ލީ ގެންދަނީ މިހާރު އޮތް އިމްތިޙާނީ ނިޒާމު އިސްލާޙުކުރުމަށް ގޮވާލައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް