ރޭ ބޭއްވި ހަފްލާގެ ތެރެއިން --
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމާއި ރަނިންމޭޓު އާދަމް އާޒިމަށް ތާއީދުކުރައްވާ ކަމަށް ސީދާކޮށް ވިދާޅުވާން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ވަރަށް ބޮޑަށް ފަސްޖެހިވަޑައިގެންފިއެވެ.
ގައުމީ މަޖިލީހުގެ އިންތިޚާބަށް "ޓީމް އެމްޑީޕީ"ގެ ނަމުގައި ރައީސް ސޯލިހާއި ފައިސަލް އަދި އާޒިމް ގުޅިވަޑައިގެން ގާތްގަނޑަކަށް 200 ކެންޑިޑޭޓުން ނެރުއްވާފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވެއެވެ. ރޭ އެ ކެންޑިޑޭޓުންނާ ބައްދަލުކުރެއްވުމަށް ވަނީ ޖަލްސާއެއް ބާއްވާފައި އެވެ.
އެ ޖަލްސާ ނިމުމުން ސަންގު ޓީވީގެ ނޫސްވެރިޔަކު ރައީސް ސޯލިހާ ސުވާލުކުރެއްވީ ޕްރައިމަރީގައި ފައިސަލާއި އާޒިމަށް ތާއީދުކުރައްވަންތޯއެވެ. ފުރަތަމަ ފަހަރު ޖަވާބު ދެއްވީ މިހާރު ކުރިއަށް ދަނީ ގައުމީ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން ކަމަށް ވިދާޅުވެ، ޕްރައިމަރީގެ ވާހަކައާ ނުގުޅުއްވައެވެ. ދެވަނަ ފަހަރަށް ހަމަ އެ ސުވާލު އެހުމުންވެސް ގައުމީ މަޖިލީހުގެ އިންތިޚާބާ ގުޅުއްވައި، ޕްރައިމަރީގައި ވާދަކުރެއްވުމަށް އެމަނިކުފާނު އިއުލާނެއް ނުކުރައްވާ ކަމުގައި ވިދާޅުވިއެވެ.
"ފައިސަލް އެ އޮތީ ކުރިމަތިލައްވަން އިއުލާނު ކުރައްވާފައި. އަޅުގަނޑެއް ކުރިމަތިލާކަށް އިއުލާނެއް ނުކުރަން،" ރައީސް ސޯލިހް ފުރަތަމަ ވިދާޅުވިއެވެ.
ނޫސްވެރިޔާ ތިންވަނަ ފަހަރަށް އެ ސުވާލު ތަކުރާރުކުރެއްވުމުން، އެ ދެ ބޭފުޅުން ޕްރައިމަރީއަށް ނިކުންނެވީ އެމަނިކުފާނާ މަޝްވަރާކުރެއްވުމަށް ފަހު ކަމަށާއި ތާއީދާ އެކީގައި ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑާއި މަޝްވަރާކޮށްފައި ކުރިމަތިލައިގެން އެ ތިބީ. އަޅުގަނޑު ތާއީދުކޮށްގެން ކުރިމަތިލީ،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް އެމަނިކުފާނުގެ ތާއީދު މީގެ ކުރިން ވެސް އެ މައުޟޫޢުގައި ސާފުކޮށް ހާމަކުރައްވާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް