އީރާނުން ހަނގުރާމައިގެ ޖަރީމާތަކުގެ ދައުވާ ފަސް ޤައުމެއްގެ ކޯޓުތަކުގައި އުފުލައިފި

23 Nov 2026 | 06:44
ހަނގުރާމައިގަ އިރާނުގެ އިމާރާތަކަށް ގެއްލުން ލިބިފައި --

ހަނގުރާމައިގަ އިރާނުގެ އިމާރާތަކަށް ގެއްލުން ލިބިފައި --

އެމެރިކާއާއި އިސްތިއުމާރީ އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން "ހަނގުރާމައިގެ ޖަރީމާ"ތަކުގެ ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް އެމެރިކާއާއި ޔޫރަޕުގެ ހަތަރު ޤައުމެއްގެ ކޯޓުތަކުގައި ފަށާފައިވާ ކަމަށް އީރާނުގެ ނައިބު ރައީސް މަޖީދް އަންސާރީ ވިދާޅުވެއްޖެ އެވެ.

އީރާނުގެ ރަސްމީ ނޫސް އެޖެންސީ އައިއާރުއެންއޭ ބުނީ، އެމެރިކާއާއި އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ކުޑަކުދިންގެ ޢާއިލާތަކުގެ ޝަރަފުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަމުން އަންސާރީ ވަނީ ޖަސްޓިސް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީ އަދި ކަމާ ގުޅޭ އެހެން އިދާރާތައް ގުޅިގެން ހަމަލާތައް ލިޔެ ރެކޯޑުކޮށް، ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން ބަދަލު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ވިދާޅުވެފައި ކަމަށެވެ. 2025 ވަނަ އަހަރުގެ ޖޫންގައި އިޒްރޭލާ ދެމެދު 12 ދުވަހަށް ދެމިގެންދިޔަ ހަނގުރާމައާ ގުޅިގެން އީރާން-އެމެރިކާ ކްލެއިމްސް ޓްރައިބިއުނަލަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement

ފެބްރުއަރީ މަހު އެމެރިކާއާއި އިޒްރޭލުން ދިން އެންމެ ފަހުގެ ހަމަލާތަކާ ގުޅޭ ދެވަނަ ޝަކުވާއެއް ހުށަހެޅުމުގެ ތައްޔާރީތައް ނިމުމުގެ މަރުހަލާގައި އޮތް ކަމަށް އަންސާރީ ފާހަގަކުރިއެވެ. ބައިނަލްއަޤުވާމީ ކޯޓުތަކުގައި ހަނގުރާމައިގެ ޖަރީމާތައް ސާބިތުކުރުމަކީ "ބޮޑު ޤާނޫނީ މަރުހަލާ"އެއް ކަމަށް ސިފަކޮށް، ހެއްކާއި ލިޔެކިޔުންތައް އެއްކުރުމަށް "ބަދަލު ހޯދުމުގެ ނިޒާމެއް" ހިންގަމުންދާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

"ޝަރުޢީ ދާއިރާގެ ވަކީލުންގެ މަރުކަޒުން ވަނީ ޝަހީދުވި 5،000 މީހުންގެ ޢާއިލާތައް ތަމްސީލުކުރުމާ ހަވާލުވެ، މިހާތަނަށް 2،000 އަށް ވުރެ ގިނަ ޝަކުވާ ދާޚިލީ ކޯޓުތަކަށް ހުށަހެޅިފައި" ކަމަށް އަންސާރީ ވިދާޅުވި އެވެ. ރައީސް މަސްޢޫދު ޕެޒެޝްކިއާން ވެސް މި ދައުވާތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދެއްވާފައި އެވެ.

ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނަށް ހަމަލާ ދިނުމުން، ތެހެރާނުން ވަނީ އިޒްރޭލަށާއި ޢަރަބި ޤައުމުތަކުގައި ހުރި ކަމަށް ސިފަކުރި އެމެރިކާގެ އަސްކަރީ ތަންތަނަށް ރައްދު ހަމަލާ ދީފައެވެ. ޖޫން މަހު ދެ ޤައުމުން އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރާ ގުޅޭ ޚިޔާލު ތަފާތުވުންތަކާ ހެދި އެ އެއްބަސްވުން ތަންފީޒުކުރުން ހުއްޓި، ޖުލައިގައި ދެ ފަރާތުގެ ކުރިމަތިލުން އަލުން ހޫނުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް