އިންޑިއާގައި ހިނގި އެހެން ހާދިސާއެއްގައި ލިފްޓެއްގައި ތާށިވި މީހަކު ސަލާމަތް ކުރަނީ --
އިންޑިއާގެ ޕޫނޭ ޑިސްޓްރިކްޓުގެ ކޮލެޖެއްގައި ކިޔަވާ 19 އަހަރުގެ އަންހެން ދަރިވަރަކު ކަރަންޓު ކެނޑުމުގެ ސަބަބުން ހުއްޓުނު ލިފްޓެއްގެ ތެރޭގައި ގާތްގަނޑަކަށް 12 ގަޑިއިރު ތާށިވެފައި ހުއްޓައި ސަލާމަތްކޮށްފިއެވެ.
ލޯނީ ކަލްބޯރުގައި ހުންނަ އެމްއައިޓީ ކޮލެޖުގައި ކިޔަވާ މި ދަރިވަރު ލިފްޓުގައި ތާށިވީ މިދިޔަ ބުދަ ދުވަހުގެ ހަވީރު ހެއް ހައެއް ހާއިރު ކްލާސްތައް ނިންމައި ގެއަށް ދިޔުމަށް ފަސް ވަނަ ފަންގިފިލާއިން ފައިބަނިކޮށް ތަކުރާރުކޮށް ކަރަންޓު ކެނޑުމާ ގުޅިގެންނެވެ. އެ ވަގުތު ކެމްޕަހުގައި އެހެން ދަރިވަރަކު ނެތުމުން މި ހާދިސާ އެއްވެސް ފަރާތެއްގެ ސަމާލުކަމަށް ނައިސް ދިޔައެވެ.
ގެއަށް ނުގޮސް ލަސްވުމުން ދަރިވަރުގެ މައިންބަފައިންނާއި ހަމަ އެ ކޮލެޖުގައި ކިޔަވާ އޭނާގެ ދައްތަ ހޯދަން ފެށިއެވެ. އެ ރޭ ނުވައެއް ޖެހި ހާއިރު ޢާއިލާއިން ލޯނީ ކަލްބޯރު ޕޮލިސް ސްޓޭޝަނަށް މީހަކު ގެއްލިގެން ރިޕޯޓުކުރިއެވެ.
ފުލުހުން ވަގުތުން ބީއެންއެސް ގެ ދަށުން ކިޑްނެޕިން މައްސަލައެއް ރެޖިސްޓާކޮށް ކޮލެޖު ކެމްޕަހާއި ކައިރި ޢިމާރާތްތަކާއި ވަށައިގެންވާ ސަރަޙައްދު ބަލައި ފާސްކުރިއެވެ. ބުރާސްފަތި ދުވަހު ފަތިހު ފަހެއް ޖެހެންދެން މި އޮޕަރޭޝަން ކުރިއަށް ގެންދިޔައެވެ.
ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ފަސް ވަނަ ފަންގިފިލާގެ ލިފްޓު ތެރޭގައި ތާށިވެފައި ހުއްޓައި ދަރިވަރު ފެނުނީ ކޮލެޖު މުވައްޒަފުން ލިފްޓަށް ކަރަންޓު ދިނުމުންނެވެ. އޭރު ހެނދުނު ގާތްގަނޑަކަށް ހަތެއް ޖަހައިފި އެވެ.
ދަރިވަރު ސަލާމަތުން ފެނުމާ އެކު ޢާއިލާއިން ފުލުހުންނަށް އެންގީ ދެން އެ މައްސަލައިގައި ޝަކުވާއެއް ނެތް ކަމަށެވެ.
އެހެންނަމަވެސް، މި ފަދަ ހާދިސާ ތަކުރާރު ވިޔަ ނުދިނުމަށް ލިފްޓުގެ ޙާލަތު ރަނގަޅުކުރުމަށް އަޅާ ފިޔަވަޅުތަކާ ގުޅޭ ތަފުޞީލު ހޯދުމަށް ފުލުހުން ކޮލެޖަށް ސިޓީ ފޮނުވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް