ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ތިރީސް ހަތަރުވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "ކައްސާލީ..... ސިޑިމަތީގައި ފެންހުރީ ކަންނޭގެ....." މަޑުމަޑުން ކޮރުޖަހަމުންގޮސް ކާމޭޒު ދޮށުގައި އިށީންނަމުން އަޒާން ބުނެލިއެވެ. "ސައިބޮއިގެން ގޮސް އަރާމުކޮށްލާ.... ބައްޕަ ފޮނުވ...

23 Nov 2023 | 02:58

ކުރީގެ އަދަދާއި ގުޅޭ...

"ކައްސާލީ..... ސިޑިމަތީގައި ފެންހުރީ ކަންނޭގެ....." މަޑުމަޑުން ކޮރުޖަހަމުންގޮސް ކާމޭޒު ދޮށުގައި އިށީންނަމުން އަޒާން ބުނެލިއެވެ.

"ސައިބޮއިގެން ގޮސް އަރާމުކޮށްލާ.... ބައްޕަ ފޮނުވަން ހޮސްޕިޓަލަށްދާން ޚާލިދުބޭ ކައިރީގައި ބުނާނަން...." ހަސީނާ ބުނެލިއެވެ.

"ދަރިފުޅު އާދޭ ސައިބޯން....." ޖޯޑަށް ސައި އަޅަމުން ޒާހިރާ ބުނެލިއެވެ.

އަޒާން ގޮސް ސައިބޯން އިށީނެވެ.

"މަންމަ އެބައަންނަން ގައިދޮވެލައިގެން...." ޒާހިރާ ހިނގައިގަންނަމުން ބުނެލިއެވެ.

"މަންމަވެސް އެބައަންނަން ބޭބެއަށް ގޮވާފައި...." ހަސީނާވެސް ހިނގައިގަންނަމުން ހުމޭދާގެ ބޮލުގައި އަތްޖައްސާލުމަށްފަހު ބުނެލިއެވެ.

ހަސީނާއާއި ޒާހިރާ އާއި ދިޔައީ މައްޗަށެވެ. ބަދިގޭގައި ސައިބޯންތިބީ އަޒާން އާއި ހުމޭދާ އާއި އެކަންޏެވެ.

"ރޭގައި ހުމޭ ކޮންތާކަށް ދިޔައީ..... އަޒާން ހުމޭއަށް ގެނައި ގިފްޓެއް މޭޒުމަތީގައި ބޭއްވިން.... ފެނުނުތަ ....؟" ސައިތަށިން ކޯވަރެއް ބޯލުމަށްފަހު ހުމޭދާއާއި ދިމާއަށް ބަލަންއިނދެ އަޒާން ވާހަކަ ދެއްކިއެވެ.

"އޭނ.... އެއީ އަޒާން ގެނައި މާބޮނޑިއެއްތަ....؟ ފެނުނު.... އެކަމަކު ކީއްވެ މާބޮނޑިއެއް....." ހުމޭދާ ހައިރާންވެފައި އިނދެ ސުވާލު ކޮށްލިއެވެ.

"ކިހިނެތްވީ.... ކަމުނުދަނީތަ.....؟ އަޒާން ބޭނުން އެއްޗެއްނު އަޒާން ދޭނީ...." އަޒާން ތެދުވެގެން ހުމޭދާ އާއި ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.

"އެކަމަކު ރެޑް ރޯސް..... ވައި.... އަޒާންއަށް އިނގޭތަ ރެޑްރޯސްގެ މާނަ....." އަޒާން އާއި ދިމާއަށް ބަލާލަމުން ހުމޭދާ ވާހަކަ ދެއްކިއެވެ.

"ލަވްތަ....؟" އަޒާން ހުމޭދާއާއި ދިމާއަށް އަންނަމުން ހަމަ ޤަސްދުގައި ބުނެލިއެވެ.

އެވަގުތު ކުއްލިއަކަށް އަޒާން ވަރަށް ބޮޑަށް ބޮލުގައި ރިއްސައިގަތެވެ. ތަނެއް ދޮރެއް ވަކިނުވާ ވަރަށެވެ.

"އޯކޭ... ދަނީ...." އަޒާން އަށް ކެތްނުކުރެވިގެން ސިޑިއާ ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.

އަޒާން ދިޔަގޮތަށް ދިޔައީ ކޮޓަރިއަށެވެ. އެނދާ އަރާހަމަވުމާއެކު އެނދުމައްޗަށް ހުރަހަށް ވެއްޓިއްޖެއެވެ. ކުއްލިއަކަށް ކޮޓަރީގެ ކުޑަދޮރު ހުޅުވުމަށްފަހު ދޮރުފޮތިގަނޑު ވަޔާ ހިއްލިގެން ދިޔުމާއެކު އެކޮޓަރިއަށް ބާރުވައިރޯޅިއެއް ވަދެގެން ދިޔަހެން ހީވިއެވެ. އެވަގުތު އަޒާންގެ ގަޔަށް ބާރުގަނޑެއް އެރިއެވެ. އަނެއްކާވެސް ކުޑަދޮރުން ބާރު އަޑަކާއެކު ވައިރޯޅިއެއް ވަނުމާއެކު ދޮރުފޮތިގަނޑު މިފަހަރުދިޔައީ ދުރަށް ވިއްސައިގެންނެވެ. އަދި ނުފެންނަ ބާރަކާ ދެކޮޅަށް އަޒާން ގަދަހަދަމުން ގެންދިޔައެވެ. އަޒާންގެ ކަޅި ކުއްލިއަކަށް ހުދުވެގެން ދިޔައެވެ. މޫނުގައި ވަކިތަކެއް އެޅިގެންދިޔުމަށްފަހު އަޒާން އިދިފުށަށް ދަމައިގަތުމާއެކު، ވަރަށް ބޮޑަށް ތުރުތުރުއަޅަން ފެށިއެވެ. އުއްޑުން އޮތް އަޒާންގެ ދެއަތް، އެނދުގެ ގޮދަޑީގައި ތަތްވެފައިވާ ކަހަލައެވެ. އަތުގެ މުލައްދަނޑީގައި މީހަކު ވަރަށް ބާރަށް ހިފަހައްޓާފައިވާކަމުގެ ނިޝާން ފެންނަން ހުއްޓެވެ. އަޒާން ތެޅިފޮޅެމުން ގެންދިޔައެވެ. އިރުކޮޅަކު މިގޮތަށް ތެޅިފޮޅުމަށްފަހު މަޑުމަޑުން އަޒާންގެ ގައިން ބާރުދޫވާން ފެށިއެވެ. އަޒާންއަށް ލޯހުޅުވާލެވުނީ މެންދުރުވީ ފަހުންނެވެ. ޓީޝާޓެއް ލައިގެން އޮތް އަޒާންގެ ލޯހުޅުވާލެވުނުއިރު އޮތީ ހުސްގަޔާ ހަމައެކަނި ސޯޓެއް ލައިގެންނެވެ. އަޒާން ތެދުވެގެން މަޑުމަޑުން ހިނގާފައިގޮސް ލޯގަނޑު ކައިރިއަށް ހުއްޓި މުޅި ހަށިގަނޑަށް ބަލާލިއެވެ. އެހެން ނަމަވެސް ހަށިގަނޑަށް އެއްވެސް ކަމެއްވެފައިވާ ކަމުގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ. ލޯގަނޑު ކައރީގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު އަޒާން ބެލްކަންޏަށް ނިކުމެ ކުޑަކޮށް ހަމަޖެހިލިއެވެ. އަދި މި ދެ ދުވަހު ވަމުންމިދާ ކަންތައްތަކާމެދު ވިސްނާލިއެވެ. އަދި މިއީ ފަންޑިތަވެރިކަމެއް ކަމަށް އަޒާން ގަބޫލުކޮށް އިތުރަށް އެކަން ގޯސްވާނަމަ ހުމޭދާއަށް ރުޤްޔާކުރަން ދެއްކި މީހާއަށް ދެއްކުމަށް ވިސްނިއެވެ.

ޖެހިގެން އައި ދުވަހެވެ. ގޭގައި މަސައްކަތްކުރަން ހުންނަ ލަކްޝަމީ އަދިވެސް ނާންނާތީ ގޭގެ ހުރިހާ މަސައްކަތްތައް ކުރަމުން ގެންދިޔައީ ހަސީނާއާއި ޒާހިރާއެވެ. އާދައިގެ މަތިން ހަސީނާއާއި ޒާހިރާ އުޅެނީ ބަދިގޭގައި ހެނދުނުގެ ސައި ތައްޔާރު ކުރާށެވެ. އެވަގުތު ތިރިއަށް ފައިބައިގެން އައީ ހުމޭދާއެވެ.

"ހުމޭ.... ދޭބަލަ އަޒާން ހޭލައިފިތޯ ބަލާލަން..... ބުނޭ ރެޑީވެގެން އަވަހަށް ސައިބޯން އަންނާށޭ.... ނުވައެއް ޖަހަންވާއިރަށް ހޮސްޕިޓަލަށް ދާންޖެހޭނެއޭ މަންމަ ބުންޏޭ.... " ސިޑިން ފައިބަމުންދިޔަ ހުމޭދާ ފެނުމުން ޒާހިރާ ބުނެލިއެވެ.

ހުމޭދާ މައްޗަށްގޮސް އަޒާން ކޮޓަރީގެ ދޮރުގައި ހިފާލިއެވެ. ދޮރުހުރީ ތަޅުލާފައެވެ.

"އަޒާން.... އަޒާން...." ދޮރުގެ ތަޅުގައި ހިފާލަމުން ދެފަހަރަކު ހުމޭދާ ގޮވާލިއެވެ.

އެހެން ނަމަވެސް އެތެރެއިން އެއްވެސް ޖަވާބެއް ނުލިބުނެވެ.

"އަޒާން.... އަޒާން...." އަނެއްކާވެސް ދޮރުފަތުގައި ބާރަށް ޖަހަމުން ތަންކޮޅެއް އަޑުހަރުކޮށް ހުމޭދާ އަޒާން އަށް ގޮވާލިއެވެ.

ނިދަންލާ ސޯޓްލައިގެން ހުސްގަޔާ ބެލްކަނީގައިހުރި އަޒާންއަށް ހުމޭދާ ގޮވާލިއަޑު އިވިގެން އައިސް، އަލަމާރި ތެރެއިން ޓީޝާޓެއް ނަގައިގެން ލައިގެން އައިސް ދޮރު ހުޅުވާލިއެވެ.

"ކިހިނެތްވީ....؟" ހުމޭދާގެ މޫނަށް ބަލަންހުރެ އަޒާން ސުވާލުކުރިއެވެ.

"މަންމަބުނީ ރެޑީ ވެގެން ސައިބޯން އަންނާށޯ....." ހުމޭދާ ދާން ހިނގައިގަންނަމުން ބުނެލިއެވެ.

"ހާދައަވަހަކަށް ތިދަނީ.... އާދެބަލަ ވާހަކަ ދައްކާލަން އެތެރެއަށް....." ފަހަކަށް އައިސް ކަންކަން ވަމުންދާގޮތް ޝެއަރ ކޮށްލާނެ މީހަކު ނެތުމާއެކު އެވާހަކަތައް ހުމޭދާއަށް ކިޔައިދޭން އަޒާން ވިސްނާލިއެވެ.

"ވާހަކަ ދައްކާނީ ފަހުން ދެން.... އަޒާން މަންމަ ލަސްވެގެން އެބައުޅޭ.... ރެޑީ ވެގެން ސައިބޮއިގެން އަވަހަށް ހޮސްޕިޓަލަށް ދާން އަންނާށޯ...." ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު ދިޔުމަށްޓަކައި ހިނގައިގަންނަމުން އަނެއްކާވެސް ހުމޭދާ ބުނެލިއެވެ.

ނާޞިރު ހޮސްޕިޓަލުގައި އިނީ އަޒާން އަންނާނެ ވަގުތަކަށް އިންތިޒާރު ކޮށްލަކޮށްލައެވެ. ޑޮކްޓަރު އައިސް ޢާއިޝާގެ އިއްޔެ ހެދި ޓެސްޓްތަކުގެ ނަތީޖާ ބެލުމަށްފަހު ބޭސް ސިޓީއެއް ލިޔެ، ނަރުހުންނާއި ވާހަކަތަކެއް ދެއްކުމަށްފަހު ދިޔައީ ދާދި ދެންމެއެވެ. ނާޞިރުވެސް އިނީ އެރިޕޯޓްތަކަށް ބަލަހައްޓައިގެންނެވެ. އެހެން ނަމަވެސް ނާޞިރަކަށް އެއިން އެކައްޗެއްވެސް ނޭގުނެވެ.

"ކޯއްޗެއްތީ.....؟" އަޒާން އެތެރެއަށް ވަދެގެން އައިސް ނާޞިރު ރިޕޯޓްތައް ބަލަން އިންތަން ފެނުމުން ސުވާލު ކޮށްލިއެވެ.

"މިއީ، ކޮއްކޮގެ ރިޕޯޓްތައް.... ޑޮކްޓަރު އައިސް ކޮއްކޮވެސް ބަލާފަ އެދިޔައީ.... ދޭބަލަ ޑޮކްޓަރާއި ވާހަކަ ދައްކާލާފަ އަންނަން......" އަޒާން ފެނުމުން ނާޞިރު ބުނެލިއެވެ.

އަޒާން ބޭރަށް ނުކުމެގެންގޮސް ނަރުހުންގެ ސްޓޭޝަންގައި އިން ނަރުހަކާ ވާހަކަ ދެއްކުމުން އެނަރުސްކުއްޖާ ޑޮކްޓަރަށް ފޯނު ކުރުމަށްފަހު ފޯނު އަޒާނަށް ދިނެވެ. ގާތްގަޑަކަށް ފަސްވަރަކަށް މިނިޓް ޑޮކްޓަރާއި ވާހަކަ ދެއްކުމަށްފަހު އަޒާން އެނބުރު އައިސް އައިޝާ އޮތް ކޮޓަރިއަށް ވަނެވެ.

"ދަރިފުޅާ، ކީކޭ ޑޮކްޓަރު ބުނީ....." އަޒާން ފެނުމުން ނާޞިރު ސުވާލު ކުރިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 26 ނޮވެމްބަރ، އާދީއްތަ ދުވަހު ގެނެސްދެވޭނެ... އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް