އަޒާން ދުވެފައިގޮސް ގެއަށްވަނުމާއެކު ސިޑިން މައްޗަށް އަރައިގެން ދިޔައީ ކޮޓަރިއަށެވެ. ވާނުވާއެއް ނޭނގި ސިޓިން ރޫމުގައި އަޒާންއަށް ބަލަހައްޓައިގެން ހުމޭދާ އިނެވެ. އަޒާން އަށް ހުމޭދާ ފެނުނުހެނެއްވެސް ހީއެއްނުވެއެވެ. ކޮޓަރިއަށް ވަނުމަށްފަހު ފާހާނާއަށްވަދެ މޫނު ދޮވެލައިގެން އައިސް ތުވާލިން މޫނު ހިއްކާލުމަށްފަހު ހެދުން ބަދަލުކޮށްލައިގެން އެނދުގައި އޮށޯންއިރުވެސް މުޅި މީހާ ތުރުތުރު އަޅައެވެ. އެދުގައި އުޑުތިލަމަތިން އޮށޯވެލުމަށްފަހު ފަންގިލިފިލައާއި ދިމާއަށް ބަލާލިއެވެ.
ކުއްލިއަކަށް އަޒާންއަށް ފެނުނީ ފަންގިފިލާގައި ތަތްވެގެން އޮތް ބޮޑު މީހެކެވެ. އެ މީހާގެ ދެލޯ ހީވަނީ ބޮޑުއަނގުރު ގަނޑެއްހެންނެވެ. އަޒާންއަށް ހަޅޭއްލަވައިގަނެވުނެވެ. އެ އަޑު އިވިގެން ޖެހިގެން ހުރި ރޫމުގައި ނިދާފައިއޮތް ޒާހިރާ އާއި ސިޓިން ރޫމުގައި އިން ހުމޭދާ ދުވެފައި ދިޔައެވެ.
"ކިހިނެއްވީ ދަރިފުޅާ.....؟" މަންމަގެ އަޑު އަޒާން އަށް އިވުނެވެ.
މަންމަ ގޮވާލިއަޑަށް ދޮރާއި ދިމާއަށް އަޒާން ބަލާލާފައި ދެން މައްޗަށް ބަލައިލިއިރު ފަންގިފިލައަކު އެކައްޗެއް ވެސް ނެތެވެ. އަޒާން އޮތީ ބިރުން މާނޭވާ ލެވިފައެވެ. ހިންދިރުވާލެވުނީވެސް ވަރަށް މަސައްކަތުންނެވެ. އަޒާން ތެދުވެގެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
"ކިހިނެއްވީ ދަރިފުޅާ.....؟" އަޒާން ދޮރު ހުޅުވާލުމާއެކު ޒާހިރާ އެހިއެވެ.
"ފާޑެއްގެ މީހެއް......!" ފަންގިފިލާއާއި ދިމާއަށް ބަލާލަމުން މާނޭވާލަމުން އަޒާން ބުނެލިއެވެ.
"އަނެއްކާ މިރޭވެސް ކޮންމެސް ބިރުވެރި ފިލްމެއް ބެލީދޯ..... ނިދަން އޮށޯންނަމުން އަބަދުވެސް ޝަހާދަތްކިޔަން ހަނދާންކޮށްބަލަ.... އެކަންވެސް މަންމަ މިޖެހެނީ އަދިވެސް ހަނދާންކޮށްދޭން....." ޒާހިރާ ކޮޓަރިތެރެއަށް ވަންނަމުން ބުނެލިއެވެ.
"ނޫނެކޭ މަންމާ..... މިތާ މަތިން ފެނުނީ....." ފަންގިލާ އަށް ބަލާލުމަށްފަހު އަޒާން ބުނެލިއެވެ.
"މިތަނަށް ދެން ވަންނާނީ ކާކު...." ތިވާނީ ފިލްމު ބެލީމަ ދަރިފުޅަށް ހީވި ހީވުމެއް ކަމަށް....." ކޮޓަރިތެރެއަށް ބަލާލަމުން ޒާހިރާ ބުނެލިއެވެ.
އެހެން ނަމަވެސް އެއީ އަޒާންއަށް ހީވި ހީވުމެއް ނޫންކަމަށާއި، މިރޭ ބޭރުގައި ހިނގިކަންކަންވެސް އެއީ އާދަޔާ ޚިލާފު ކަންތައްތަކެއް ކަމުގައިވެސް އަޒާން ޔަޤީން ކުރިއެވެ.
"ޝަހާދަތް ކިޔައިގެން ދެން ނިދަން އޮށޯވޭ.... މަންމަވެސް މިދަނީ ކޮޓަރިއަށް...." ޒާހިރާ އާއި ހުމޭދާ ކޮޓަރިން ނިކުންނަން ހިނގައިގަންނަމުން ޒާހިރާ ބުނެލިއެވެ.
އަޒާން ނިދާލެވޭތޯ އެދުގައި އޮށޯވެލިއެވެ. ދިމާވި ހާދިސާއާއި ގުޅިގެން އެއްގޮތަކަށްވެސް ނިދޭގޮތެއް ނުވިއެވެ. ފުރޮޅި ފުރޮޅި އޮތުމަށްފަހު އަނެއްކާވެސް އުއްޑުން ޖެހިލުމަށްފަހު ލޯހުޅުވާލާ އަތުގައި އޮތް ގަޑި ބަލާއިރު ދެގަޑި ސާޅީސް ފަހެއް ވެއްޖެއެވެ. އެވަގުތު އަނެއްކާވެސް ފަންގިފިލާއަށް ބަލާލިއިރު ކުރިން ފެނުނު ބޮޑު މީހާ އެނދާދިމާއިން މަތީގައި ފަންގިފިލާގައި ތަތްކޮށްލައިގެން އަޒާންއާއި ދިމާއަށް ބަލަން އޮތެވެ. އޭރު އެމީހާގެ އަތް އަޒާންއާއި ދިމާއަށް ދިއްކޮށްލަނީއެވެ. އާދިޔާޚިލާފު ދިގުއަތެވެ. ފަންގިފިލާގައި އޮތް އެމީހާ އަތްދިއްކޮށްލުމަށްފަހު ހިފީ އަޒާންގެ ކަރުގައެވެ.
"ކަލޭ އަދިވެސް މީހުންނަށް ފާރަލާނަންތަ....؟ ދުވަސް ދުއްވާލަންވީތަ.....؟ ބާރުއަޑަކުން އެމީހާ ވާހަކަ ދެއްކިއެވެ.
އަޒާން ބިރުން ހަޅޭއްލަވަމުން ގެންދިޔައެވެ.
"ކަލޭގެ ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް މިކޮޓަރިން ބޭރަކަށް މިހާރު ތިޔައަޑެއް ނުފޯރާނެ..... މަގޭ ސުވާލަށް ޖަވާބުދީ.... ކަލޭގެ ހިތުގައި ތިވާ ކަންކަން ހަނދާން ނައްތާލާ..... އެހެން ނޫނީ ވަރަށް އަވަހަށް ކަލޭ ދުވަސް ދުއްވާލާނަން...." އެމީހާ އަނެއްކާވެސް ބަރުއަޑަކުން ވާހަކަ ދެއްކިއެވެ.
އަޒާން މަސައްކަތް ކުރަމުން ގެންދިޔައީ އޭނާގެ ކަރުގައިވާ އަތް ނައްޓާލެވޭތޯ އެވެ. އެހެން ނަމަވެސް އެކަމެއް އަޒާނަކަށް ކާމިޔާބެއްނުވިއެވެ. ފަންގިލާގައި ތަތްކޮށްލައިގެން އޮތް އެމީހާ އަޒާންގެ ކަރުގައި ހިފައިގެން އެދުން މައްޗަށް އަޒާން ހިއްލާލުމަށްފަހު ނަގާ ބިންމައްޗަށްޖެހިއެވެ. ވީނުވީއެއް އަޒާންއަކަށް ނޭގުނެވެ. އަޒާންގެ ދެލޯ މަޑުމަޑުން މެރެމުންދިޔަ ވަގުތު ފަންގިފިލާގައި ތަތްކޮށްލާފައިއޮތް މީހާ ދުންގަނޑަކަށް ބަދަލުވުމަށްފަހު ރޫސްލާފައި ކުޑަދޮރުން ބޭރަށް އެދުންގަނޑު ނުކުންތައް އަޒާނަށް ފެނުނެވެ.
ގަޑިން ހެނދުނު އަށްގަޑި ބައިވަނީއެވެ. ޒާހިރާ ސައި ތައްޔާރުކުރަމުން ބަދިގޭގައި އުޅެނިކޮށް ހަސީނާ ބަދިގެއަށް އައެވެ.
"ލަކްޝަމީ ނުފެންނަތާ ދުވަސްކޮޅެއްވެއްޖެ.... ކޮބާތަ އޭނަ....؟" ޖޯޑުތައް ދޮންނަމުން ހަސީނާ ބުނެލިއެވެ.
"ނުބުނެވޭދޯ.... ލަކްޝަމީގެ ފިރިމީހާ ބަލިވެ އުޅޭތީ މިދުވަސްކޮޅު މިކޮޅަކަށް ނަޔަސް ފެމިލީކައިރީގައި މަޑުކޮށްލާށޭ ބުނެގެން މިއުޅެނީ.... އޭނާ ފިރިމީހާ ވަރަށް ބޮޑަށް ބަލިވެ އުޅެނީ....." ރޮށި ފުށުން ޖަހާލަމުން ޒާހިރާ ބުނެލިއެވެ.
"ރޭގަ ކާކު ހޮސްޕިޓަލުގައި އިނީ....." ޖޯޑުތައް ގެނެސް މޭޒުމަތީގައި ބަހައްޓަމުން ހަސީނާ ސުވާލުކޮށްލިއެވެ.
"ޒާހިރު އިނީ..... އަޒާން ސައިބޮއިގެން ދިޔައިމަ ޒާހިރު އަންނާނީ.... އަޒާންވެސް ކޮންމެސް ބިރުވެރި ހުވަފެނެއް ފެނިގެން ރޭގައި ނުނިދާ އުޅުނީ.... އަދިވެސް ތެދުވާކަށް ނޫޅޭ..... އަންނާނަން ގޮވާލާފައި....." ފިހުނު ރޮށިތައް ތައްޓަށް އެޅުމަށްފަހު ތަށީގައި މަތިޖަހަމުން ޒާހިރާ ބުނެލިއެވެ.
ޒާހިރާ މައްޗަށް ގޮސް އަޒާންގެ ކޮޓަރީ ދޮރުގައި ހިފާލިއިރު ދޮރުހުރީ ތަޅުލާފައެވެ.
"ދަރިފުޅާ އަޒާން..... އަޒާން..... މިހާރު އެއޮއް ނުވައެއް ޖަހަނީ..... ބައްޕަ ފޮނުވަން ހޮސްޕިޓަލަށްވެސް ދާންޖެހޭނެ.... އަވަހަށް ތައްޔާރު ވެގެން ސައިބޯން އާދެބަލަ....." ކޮޓަރީގެ ދޮރުގައި ޖަހާލަމުން ޒާހިރާ ގޮވަންފެށިއެވެ.
މަންމަ ގޮވާ އަޑު އަޒާންއަށް އިވެއެވެ. އެހެން ނަމަވެސް އަޒާން އެއްވެސް ޖަވާބެއް ނުދެއެވެ. އަޒާން ހުރީ ލޯގަނޑު ކައިރީގައެވެ. އޭނާގެ ކަރުދޮށް ހުރީ ވަރަށްބޮޑަށް ދުޅަވެ ނޫފައިގެންފައެވެ. އަދި ކަރުދޮށުގައާއި މޭމަތީގައި ވަކިއަޅާފައިހުރި ފާޑުގެ ނިޝާންތަކެއް ފެންނަން ހުއްޓެވެ. ޒާހިރާ ހުއްޓާނުލާ ގޮވަމުން ދޮރުގައި ތަޅަމުން ގެންދިޔައެވެ. އެހެން ނަމަވެސް އެހާލުގައި ހުރެ ބޭރަށް ނުކުންނާކަށް އަޒާން ބޭނުމެއްނުވެއެވެ. ކަޅިޖަހާނުލައި ލޯގަނޑަށް ބަލަހައްޓައިގެން އަޒާން ހުއްޓެވެ. އެހެން ނަމަވެސް މަންމަގެ އެ ގޮވުން ހުއްޓާލާނީ އަޒާން ޖަވާބެއް ދީގެން ކަމުގައި އަޒާންއަށް ޔަޤީންވެއެވެ.
"ހޭލާ މިއުޅެނީ.... " އެންމެ ފަހުން މަންމަގެ ގޮވުން ހުއްޓާނުލުމުން އަޒާން ގޮވާލިއެވެ.
"މިހާރު ނުވައެއް ޖަހަނީ..... ތައްޔާރުވެގެން އަވަހަށް ސައިބޯން އާދޭ....." ޒާހިރާ ހިނގައިގަންނަމުން ބުނެލިއެވެ.
ކޮޓަރިން ބޭރަށް ނިކުތުން ނޫން އިތުރުގޮތެއް ނެތިގެން އަޒާން ފާހާނާއަށްވަދެ ނިކުމެ ކުޑަކޮށް ތައްޔާރު ވެލިއެވެ. މިއަދު އަޒާންލީ އަތްދިގު ގަމީހެކެވެ. އަދި ކަރުގޮށް އަޅުވާލީ ކަރުގައި އަޅާފައިހުރި ވަކިތަކާއި ނޫފައިގެންފައިވާ ތަންތަން އެއްވެސް މީހަކަށް ފެންނަން ބޭނުންނުވާތީ އެވެ.
އަޒާން ތިރިއަށްދާން ހިނގައިގެންއިރު ހުމޭދާވެސް ކޮޓަރިން ނުމެގެން ތިރިއަށްދާން ހިނގައިގަންނަނީއެވެ. ސިޑިމަތިން ދެމީހުންނަށް ފޭބުނީ އެކުއެކީގައެވެ.
"ހުމޭ، ރޭގައި ހާދަ ލަސްވަންދެން ބޭރުގައި އުޅުނީ..... ކޮންތާކަށް ދިޔައީ....." އަޒާން ހުމޭދާއާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ.
އެވަގުތު އަޒާން ސިޑިމަތިން އަރިއަޅާލިއެވެ. ހީވީ ކޮންމެވެސް މީހަކު ފަހަތުން ކޮށްފާލިހެންނެވެ. އަޒާން އަރިއަޅާލައިގެން ވެއްޓެން ދިޔަ ވަގުތު ސިޑީގެ އަތްގަނޑުގައި ހިފެހެއްޓޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވެ ސިޑިމަތިން ގޮސް ވެއްޓުނީ ބިންމައްޗަށެވެ. އިވުނު ބާރު އަޑަށް ބަދިގޭގައި ތިބި ހަސީނާ އާއި ޒާހިރާ ދުވެފައި އައެވެ. އޭރު ބިންމަތިން އަޒާން ތެދުވަނީއެވެ.
"ކިހިނެތްވީ...."؟ އަޒާންގެ އަތުގައި ހިފަމުން ޒާހިރާ ސުވާލު ކުރިއެވެ.
"ކައްސާލީ..... ސިޑިމަތީގައި ފެންހުރީ ކަންނޭގެ....." މަޑުމަޑުން ކޮރުޖަހަމުންގޮސް ކާމޭޒު ދޮށުގައި އިށީންނަމުން އަޒާން ބުނެލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 23 ނޮވެމްބަރު، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް