މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމަށް ބޭއްވި ޖަލްސާ ނިންމުމުގެ ރަސްމިއްޔާތު މިރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާނެކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްއާރުއެމް އިން މައުލޫމާތުދެއްވާގޮތުގައި މިރޭ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލްގައެވެ. ޖަލްސާ ފެށުމަށް ހަމަޖެހިފައިވާ ވަގުތަކީ މިރޭ 08:30 ކަމަށް އެ ޕާޓީން ބުނެއެވެ.
ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގެ ނިންމުން މިރޭ ފާހަގަކުރުމަށް ނިންމާފައިވާއިރު ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްއާރުއެމް ރަޖިސްޓްރީ ކުރުމަށް ނިންމާފައެވެ. ރަޖިސްޓްރީ ސެޓިފިކެޓް އެ ޕާޓީއަށް ހޯމަ ދުވަހު ހަވާލުކުރާނެ ކަމަށް އިލެކްޝަންސުން ބުނެފައިވެއެވެ.
އެމްއާރުއެމް އުފެއްދުމަށް މި މަހުގެ ހަތްވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެޕާޓީގެ ވަގުތީ ރައީސް އަކަށް އިންތިޚާބު ކޮށްފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމެވެ. ޕާޓީ ހިންގާނެ ވަގުތީ ލީޑާޝިޕް އިންތިހާބުކޮށް، ޕާޓީގެ ލޯގޯއާއި ކުލަ ފާސްކޮށް ޕާޓީ ހިންގާނެ އަސާސީ ގަވާއިދުވެސް ވަނީ އެޖަލްސާގައި ފާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް