ވެރިކަންކުރާ ބޮޑު ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ރައީސް ކަމަށް މުހައްމަދު ނަޝީދު އަދި ނައިބުރައީސް ކަމަށް މުހައްމަދު ޝިފާޒް އިންތިހާބުވެއްޖެއެވެ.
ރައީސް ކަމުގެ މަގާމަށް ނަޝީދު އިންތިހާބުވެފައިވަނީ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންނެވެ. އެއީ އެ މަގާމަށް އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީއެވެ.
ނައިބު ރައީސްގެ މަގާމަށް، ރައީސް އޮފީހުގެ މިނިސްޓަރު ޝިފާޒް އިންތިހާބުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ވާދަކުރައްވައިގެންނެވެ.
ވޯޓުގެ ޖުމްލަ ނަތީޖާތައް އަދި ސާފުނުވިނަމަވެސް ޝިފާޒްގެ ކެމްޕޭން ޓީމުން ބުނެފައިވާގޮތުގައި ޝިފާޒަށް 56 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ. ނުގުނި ހުރި ފޮށިތައް ގުނާ ނިމުނުނަމަވެސް މާބޮޑު ބަދަލެއް ނާންނާނެ ކަމަށް އެ ޓީމުން ބުނެއެވެ. އެހެންނަމަވެސް އަސްލަމްގެ ޓީމުން ބުނެފައިވަނީ ޝައްކު ކުރެވޭ ކަންތައްތަކެއް ހުރީތީ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އަސްލަމްގެ ކެމްޕޭން ޓީމުގެ ބައެއް ބޭފުޅުން މިހާރު ޝިފާޒަށް މަރުހަބާވެސް ދަންނަވާފައިވެއެވެ.
އެމްޑީޕީން ބުނެފައިވާގޮތުގައި އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 87،439 މީހަކަށް ލިބިގެންވެއެވެ. ނަމަވެސް ވޯޓުލާފައިވަނީ ކިތައް މީހުންކަން އެމްޑީޕީން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް