ދިރާގުން އޯޓިޒަމް ކުދިންނަށް ގާއިމްކޮށްދިން ޕްލޭގްރައުންޑް ހުޅުވައިފި

ދިރާގުން މިއަހަރުގެ ބައިނަލްއަޤްވާމީ އޯޓިޒަމް ދުވަހާއި ގުޅިގެން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގައި ގާއިމުކޮށްދޭން ނިންމާފައިވާ އައުޓްޑޯ ޕްލޭގްރައުންޑު މިއަދު ހުޅުވައިފިއެވެ. މި ޕްލޭގްރައުންޑް ހުޅުވު...

23 Nov 2018 | 14:29

ދިރާގުން މިއަހަރުގެ ބައިނަލްއަޤްވާމީ އޯޓިޒަމް ދުވަހާއި ގުޅިގެން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގައި ގާއިމުކޮށްދޭން ނިންމާފައިވާ އައުޓްޑޯ ޕްލޭގްރައުންޑު މިއަދު ހުޅުވައިފިއެވެ.

މި ޕްލޭގްރައުންޑް ހުޅުވުމުގެ ގޮތުން އިއްޔެ ވަނީ އެތަނުގައި ހާއްސަ އިވެންޓެއްވެސް ބާއްވާފައިއެވެ.

މި ޕްލޭގްރައުންޑް ހުންނަނީ ހުޅުމާލޭގައި ހުންނަ މޯލްޑްވްސް އޯޓިޒަމް އެސޯސިއޭޝަންގެ މަރުކަޒުގައިއެވެ.  ދިރާގުން ވަނީ ޕްޕްލޭގްރައުންޑުގައި ބޭނުންކުރާނެ އިކުއިޕްމަންޓް ގެ ފުލް ސެޓްއަޕް ހަދިޔާ ކޮށްފައިއެވެ.

ދިރާގުން މައުލޫމާތުދޭގޮތުގައި މި ޕްލޭގްރައުންޑްގައި ކުދިންގެ މޯޓަރ ސްކިލްސް ތަރައްގީ ވުމަށް  ބޮޑު އެޙީތެރިކަމެއް ލިބިގެންދާނެއެވެ.  މީގެ އިތުރުން ކުދިން އިޖުތިމާއީ ހުނަރުތައް އިތުރަށް ފުރިހަމަކުރުމުގެ މަގުފަހިވެގެންދާނެއެވެ.

މޯލްޑިވެސް އޯޓިޒަމް އެސޯސިއޭޝަނަކީ އޯޓިޒަމް އާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ އިތުރުން އާރލީ އިންޓަވެންޝަން ހެދުމަށް މަގު ފަހިކޮށްދޭ ޖަމިއްޔާއެކެވެ. ހަމަ އެހެންމެ، ކުދިންނަން ކްލާހުގެ ތެރޭގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާން އެހީތެރިވެ، ހެދިބޮޑުވުމަށް ބޭނުންވާ ތެރަޕީތައް އޯޓިޒަމް އެސޯސިއޭޝަނުން ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެއެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން އޯޓިޒަމް އެސޯސިއޭޝަނަށް މީގެ ކުރީގައިގައިވެސް ވަނީ އެހީ ފޯރުކޮށްދީފައެވެ. 2015 ވަނަ އަހަރު މާލޭގައި އެ އެސޯސިއޭޝަނަށް އިންޑޯ ޕްލޭގްރައުންޑެއް ހަދަން  އެހީތެރިކަން ފޯރުކޮށްދީފައިއެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ދިރާގުން ބާއްވާ ދިރާގު މޯލްޑްވްސް ރޯޑް ރޭސް މެދުވެރިކޮށްވެސް އޯޓިޒަމް އެސޯސިއޭޝަނަށް އެހީތެރިކަން ފޯރުކޮށްދީފައިއެވެ.

ކުޑަކުދިން ރައްކާތެރިކުރުމަކީ ދިރާގު އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ އިސްކަންދޭ އެއް ދާއިރާއެވެ. ދިރާގު ގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނަށް އެހީ ތެރިވުމަށް ތަފާތު ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މިގޮތުން ކެއަރ ސޮސައިޓީ، އާކް، އަދި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ސެންޓަރ ތައް ހިމެނެއެވެ. އަދި ކޮންމެ އަހަރަކު ކުރިއަށް ގެންދާ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އަކީ ރާއްޖޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރުގެ ހަރަކާތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް