ޞިއްޙީ ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާއިން ހދ. މަކުނުދޫ ޞިއްޙީ މަރުކަޒާ ގުޅިގެން އެރަށުގައި ކުރިއަށްގެންދިޔަ "މޫދު ކަސްރަތުން އުފާވެރިކަން – 14" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ރޭ ހދ. މަކުނުދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޕްރޮގްރާމުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް ހަނދާނީ ލިޔުމާއި މެޑަލް އަދި ޓްރޮފީ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ. މީގެ އިތުރުން، މި ޕްރޮގްރާމަށް އެކިއެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް އެމްއެންޑީއެފުން ދޭ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ ވެސް ޗީފް އޮފް ޑިފެންސް ފޯސް އެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ޕްރޮގްރާމްގެ ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ހދ. މަކުނުދޫގައި ކުރިއަށްގެންދެވުނު މޫދު ކަސްރަތުން އުފާވެރިކަން މި ޕްރޮގްރާމްގައި ވަނަވަނަ ހާސިލްކުރެއްވި ފަރާތްތަކުގެ ތެރޭގައި މޯސްޓް މޯޓިވޭޓެޑް މެޑަލް ހާސިލް ކޮށްފައިވަނީ ހދ. މަކުނުދޫ ރޯޒްމީޑް އަލްފާޟިލާ ރުޤިއްޔާ ޙުސައިނެވެ. މި ޕްރޮގްރާމުން 3 ވަނަ ހާސިލްކޮށްފައިވަނީ ހދ. މަކުނުދޫ ގަހާ، އަލްފާޟިލާ އާމިނަތު ޝީރީނެވެ. 2 ވަނަ ހާސިލްކޮށްފައިވަނީ ހދ. މަކުނުދޫ ބީޗްވިލާ، އަލްފާޟިލާ ސާޖިދާ ޢަބްދުލް ހަންނާނެވެ. އަދި މި ޕްރޮގްރާމުން ފަޚުރުވެރި 1 ވަނަ ހާސިލްކޮށްފައިވަނީ ހދ. މަކުނުދޫ ދިލްބަހާރުގެ، އަލްފާޟިލާ ފަޒްލީނާ އަޙުމަދެވެ.
މި ރަސްމިއްޔާތުގައި ޕްރޮގްރާމް ހިންގުމުގައި ޗީފް އިންސްޓްރަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ވޮރަންޓް އޮފިސަރ 1 އިސްމާއީލް އަޙްމަދަށް ވަނީ ކޮމެންޑޭޝަން ލެޓަރ އަދި ހަނދާނީ ފިލައެއް ހަވާލުކޮށްދެއްވާފައެވެ. ކޮމެންޑޭޝަން ލެޓަރ އަދި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ކޮމިޔުނިޓީ ހެލްތް އޮފިސަރ އަލްފާޟިލް އިބްރާހިމް ޝަރީފެވެ.
2018 ސެޕްޓެމްބަރު 4 އިން 2018 ނޮވެމްބަރު 22 ވަނަ ދުވަހުގެ ނިޔަލަށް އެކި އުމުރުފުރަޔަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، އެ ރަށުގެ 9 އަހަރާއި 79 އަހަރާއި ދެމެދުގެ، ދެ ޖިންސުން ޖުމްލަ 236 ފަރާތަކުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމަކީ ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ޞިއްޙަތާއި، އިޖުތިމާޢީ ފޭރާން ވަރުގަދަ ކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމައުއެއް ޤާއިމްކުރުމުގެ މަޤްސަދުގައި އެމްއެންޑީއެފުން ކުރިއަށްގެންގޮސްފައިވާ ޕްރޮގްރާމެކެވެ. ހއ.މަކުނުދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ، އެމްއެންޑީއެފްގެ ފަރާތުން ހިންގި "މޫދު ކަސްރަތުން އުފާވެރިކަން" ޕްރޮގްރާމްތަކުގެ ތެެރެއިން އެންމެ ބޮޑު އާބާދީއެއް ހިމެނޭހެން ހިންގުނު ޕްރޮގްރާމެވެ.
އެމްއެންޑީއެފުން ވަނީ މީގެ ކުރިން ވެސް ހއ. ގެ އިތުރުން ކ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅާއި ތ.އަތޮޅުގެ ބައެއް ރަށްތަކުގައި މި ޕްރޮގްރާމް ހިންގާފައެވެ. އަދި އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލާއި މާލޭގެ ބައެއް ކޯޓުތަކުގެ މުވައްޒަފުންނަށް ވެސް މި ޕްރޮގްރާމް ހިންގާފައިވެއެވެ.
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް އާއި އެމްއެންޑީއެފް ނޮދަން އޭރިއާގެ އިސް އޮފިސަރުންގެ އިތުރުން މަކުނުދޫގެ މުއައްސަސާތަކުގެ އިސްވެރިންނާއި، މި ޕްރޮގްރާމް ހިންގުމުގައި ހަރަކާތްތެރިވި މުދައްރިބުންނާއި ޕްރޮގްރާމްގެ ބައިވެރިން ބައިވެރިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް