ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސިއްދީގަށް ހަމަލާ ދިންކަމަށްބުނެ ހައްޔަރުކުރި، އެމްޑީޕީގެ އެކްޓިވިސްޓް އަލީ ހާޝިމް (ސުމިތު) ދޫކޮށްލި ސަބަބު ފުލުހުން ބުނެދީފިއެވެ.
ފުލުހުން އެ ސަބަބު ހާމަކޮށްފައިވަނީ މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.
ޢަލީ ހާޝިމް ފުލުހުންގެ ބަންދުން ދޫކޮށްލުމާއި ގުޅޭގޮތުން ޙަޤީޤަތް އޮޅޭގޮތަށް މީޑިއާތަކުގައި މަޢުލޫމާތު ފެތުރެމުންދާކަމަށްބުނެ ފުލުހުން ނެރެފައިވާ މި ނޫސްބަޔާނުގައި ބުނެފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެގެން ހއ. ދިއްދޫ/އޯޓަމްވާދީ، ޢަލީ ހާޝިމް، 2018 ނޮވެމްބަރު 21 ވަނަ ދުވަހުގެ 10:45 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށެވެ.
"ޢަލީ ހާޝިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މައްސަލައާއި ގުޅިގެން ފުލުހުންގެ ތަޙުޤީޤަށް ސާފުކުރުމަށް ބޭނުންވި ކަންތައްތައް ސާފުކުރުމަށްފަހު، ޢަލީ ހާޝިމް އިތުރަށް ފުލުހުންގެ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުން އޭނާ ވަނީ 2018 ނޮވެމްބަރު 22 ވަނަ ދުވަހުގެ 17:47 ހާއިރު ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ސުމިތު ދޫކޮށްލާފައިވާއިރު އޭނާ ދޫކޮށްލުމަށް ގޮވާލައި، އެމްޑީޕީން މިއަދު މުޒާހަރާ ކޮށްފައިވެއެވެ. އަދި ސުމިތު ދޫކޮށްލުމަށް އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވިއެވެ.
ކްރިމިނަލް ކޯޓުން ސުމިތުގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވަނިކޮށް ސުމިތު ދޫކޮށްލުމުން ގިނަ ބައެއްގެ ފާޑުކިޔުން މިކަމަށް މިވަނީ އަމާޒުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް