އަހުން ރާއްޖެތެރޭ މީހުންނަށް ބަޖެޓްގައި އޮތީ ކޯއްޗެއް؟

އާނއެކެވެ. މަމެންނަކީ އެއްކަލަ ތިބުނާ ރާއްޖޭތެރޭ މީހުންނެވެ. އެހެނަސް މަމެން މިތިބީ ސުވާދީބު ސަރުކާރުގައެއް ނޫނެވެ. ހަމަ ދިވެހި ދިދައިގެ ހިޔަލުގައެވެ. މި ގައުމުން ހިއްސާ އެއް މަމެންނަށް ވެސް އޮންނާންވ...

23 Nov 2017 | 00:32

އާނއެކެވެ. މަމެންނަކީ އެއްކަލަ ތިބުނާ ރާއްޖޭތެރޭ މީހުންނެވެ. އެހެނަސް މަމެން މިތިބީ ސުވާދީބު ސަރުކާރުގައެއް ނޫނެވެ. ހަމަ ދިވެހި ދިދައިގެ ހިޔަލުގައެވެ. މި ގައުމުން ހިއްސާ އެއް މަމެންނަށް ވެސް އޮންނާންވާނޭކަން މަމެންގެ ބައި ކުޅަނދު މަދު ސިކުނޑިއަށް ވިސްނުމަކީ ގޯހެއް ނަމަވެސް އެކަން ކުރެވިއްޖެއެވެ.

ގެއަށް ވަދެ މާލޭ ޓީވީ ހުޅުވާލިއިރު އަސްތާ ގައުމީ ބަޖެޓް ފާސްކުރަނީއެވެ. އަނދެގެން ހުރި މުންޑު ކުޑައިކޮށް ރަނގަޅުކޮށްލުމަށް ފަހު ދެފައި ވަށްކޮށްގެން މާލޭ ޓީވީން ބަލާން ޖައްސާލީމެވެ. ވަރަށް އުފާވެއްޖެއެވެ. މާލެ ބްރިޖް އަޅަނީ އެވެ. ހުޅުމާލޭގައި ފްލެޓް އަޅަނީއެވެ. މާލޭގައި ބޮޑު ހޮސްޕިޓަލެއް އަޅަނީ އެވެ. ދަރުމަވަންތަ ހޮސްޕިޓަލަކޯލައެވެ. މާލޭ ކަރަންޓްގެ އަގު ހެޔޮވަނީއެވެ. މަމެން ރަށް ކުޑައެއް ކަމަކު މި ރަށަށް ވެސް ކޮންމެ ވެސް ކަމެއް ކޮށްދޭނެ ކަމަށް ހީކުރީމެވެ. އެހެންޏާފަހެ، އެހެރަ ޖެޓީއަކުން ރަށަށް އަރައިފައިބަން ޖެހެނީ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. ސްކޫލް އިމާރާތުގެ ފުރާޅުން ވާރޭ ވެހެނީއެވެ. ސިއްޙީމަރުކަޒުގައި ބޭސްފަރުވާނެ ވަސީލަތެއް ނެތެވެ. ކިޔާނެ ކަމެއް ނެތެވެ. ހަތާވީސް ބިލިއަންގެ ބަޖެޓްގައި މަމެންގެ ރަށަށް ހަމަ އެއްކަމެއް ވެސް ނެތީ ހެއްޔެވެ. މަމެން ރަށުގެ އާބާދީ މަދަސް މިވެސް ދިވެހި ދަރިން އުޅޭރަށެކެވެ. މާލޭ މުންސަނދިން ހިންގާ ފަތުރުވެރިކަމުގެ ސިނާއަތް ޕްރޮމޯޓްކުރުމަށް ފަންސާސް މިލިއަން ޚަރަދުކުރެވެއެވެ. މަމެންގެ ރަށުގެ ޖެޓީއެއް ނޭޅެއެވެ. ގައިމު ސަރުކާރު ނަމުގައި ތި ދަރަންޏަށް މަމެންނާއި މަމެންގެ ދަރިންގެ ދަރިން ޒިންމާވާންޖެހެއެވެ.

އެހެނަސް މަމެންނަކީ ދިވެހި ސަރުކާރުގެ ޝަކުވާ ކުރާނޭ ބައެއް ނޫނީމުއެވެ. ވޯޓް ކިތައްމެ މަދަސް އެވޯޓް ލިބޭނެކަން މަމެންގެ ރައީސަށް އެނގޭނެއެވެ. އަމުދަކުން ޔަގީންވާ ވޯޓެއް ހޯދަން އިތުރު މަސައްކަތެއް ކުރުމަކީ ވިސްނޭ މީހަކު ނުކުރާނެ ކަމެކެވެ. މި ވިސްނުމުގައި އިންދާ ޖެހިގެން އޮތް ރަށުގަ އުޅޭ އަހަންމަދުބެ ގުޅައިފިއެވެ. ވޭނީ ރާގެއްގައި އަހަންމަދުބެ ބުންޏެވެ. " އަހައްމަދުބެމެން ރާއްޖެތެރޭ މީހުން މަތިން ބަޖެޓްހަދާ ކުދިން ހަނދާން ނުހުންނަނީތޯއެވެ". އަހަރެން ބުނީމެވެ. " އަހަންމަދުބޭއެވެ. ދުވަހަކުވެސް ސަރުކާރަށް މަދު ބަސް ނުބުނާށެވެ"

އަހަންމަދުބެ ބުންޏެވެ. " އަހަންމަދުބެގެ އުމުރު ހުސްމިވަނީ ރާއްޖެތެރެ ތަރައްގީވާނެ ދުވަހެއްގެ އިންތިޒާރުގައި ހުއްޓައެވެ".

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް