"ކޮންމެ މީހަކަށްވެސް އޭނާ ބޭނުން ވައްތަރެއްގެ ހެދުން ލުމުގެ މިނިވަންކަން އޮންނަން ޖެހޭނެއެވެ. އަދި އޭނާ ކޮންމެ ގޮތަކަށް ހެދުން އެޅިޔަސް އެކަމާ އެއްވެސް މީހަކަށް ބަސްބުނުމުގެ ހައްގެއް ލިބިގެން ނުވެއެވެ. ޚާއްސަކޮށް އެއީ މައިންބަފައިން ނުވަތަ ބަލަދުވެރިއެއް ނޫންނަމަ ތިމާ ހެދުން އަޅާ ގޮތާމެދު އެއްވެސް އެއްޗެއް ނުވަތަ ނުރުހުންތެރިކަމެއް ފާޅުކުރުމުގެ ހައްޤު އެމީހަކަށް ލިބިގެން ނުވެއެވެ." މިއީ ވަރަށް ގިނަ ދިވެހި އަންހެނުންގެ ވާހަކަ ހުންނަ ގޮތެވެ.
މިއި ވަރަށް ބޮޑު އޮޅުމެކެވެ. ތިމާ ހެދުން އަޅާ ގޮތުން އެމީހެއްގެ ހިތް ފަސާދަވެދާނެ ކަމަށް ހީވާ މީހާއަށްވެސް ތިމާގެ ހެދުން އެޅުން ރަނގަޅު ކުރުމަށް ބުނުމުގެ ހައްޤު ލިބިގެންވެއެވެ. މުސްލިމް ކޮންމެ އަޚާއަކަށް އަދި އުޚްތަކަށް ތިމާ ހެދުން އަޅާގޮތް އިސްލާހު ކުރުމަށް ނަސޭހަތް ދިނުން ވާޖިބު ވެގެންވެއެވެ. އެއީ ދުވަހަކު ނުދަންނަ މީހަކަށް ވިޔަސް ވެހެވެ. ތިމާއަށް ވާޖިބުވަނި ހައްޤު ތެދުބަސް މީހަކު ބުނެފިނަމަ އެބަހަކަށް ތަބާވުމެވެ.
މިހިސާބަށް މިއާރޓިކަލް ކިޔުމަށްފަހު ގިނަ އަންހެނުން ފޫހިވެ އިތުރަށް ނުވެސް ކިޔާނެއެވެ. އެއީ އެމީހުން ގަޔާ ނުވާ ވާހަކަތަކެއް އޮންނާނެތީއެވެ. ރަނގަޅުގޮތް އެނގުނަސް އެގޮތް ގަބޫލު ކުރަން ބޭނުން ނުވާތީއެވެ. ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަމަށްވާ މި ދިވެހި ރާއްޖޭގައި އިސްލާމް ދީނާ އެއްގޮތަށް ހެދުން އަޅަނީ މަދު ބަޔެކެވެ. ގިނަ މީހުން ހެދުން އެޅުމުގައި ގެންގުޅެނީ ހުޅަނގުގެ ކާފަރުންގެ ގޮތްތަކެވެ. އިސްލާމް ދީނުގައި ހެދުން އެޅުމުގެ މިންގަނޑުތައް އަންހެނުންނަށް ބަޔާން ކޮށްދެއްވާފައިވަނީ އެބައިމީހުންގެ އެންމެ ފުރިހަމަ ރައްކަލަކަށެކެވެ.
" އަހަރެން ހެދުން އަޅަންވީ ގޮތަކާ ދީނާ ކޮން ގުޅުމެއްހެއްޔެވެ؟ ދީނަކަށް އަހަރެން ހެދުން އަޅަންވީ ގޮތަކާ ނުބެހެވޭނެއެވެ." މިއީވެސް ގިނަ ބަޔަކު ބުނާ ވާހަކައެކެވެ. މި ފަދަ ގޮތް ގޮތަށް ވާހަކަ ދެއްކުމަކީ ތިމާގެ ހިތްވަރުގަދަކަމާއި މޮޅުކަން ހާމަވާ ކަމެއްނޫނެވެ. އެއިން ހާމަވަނީ ތިމާ ދީނަށް އިޙުތިރާމް ނުކުރާ ކަމާއި ޤަވައިދުތަކަށް ކިޔަމަން ވުމުގައި ނުކުޅެދިފައިވާ މިންވަރެވެ.
ދީނާ އެއްގޮތަށް ހެދުން އެޅުމަކީ ކޮންމެހެން ކަޅު ކުލައިގެ ނުވަތަ ހަމައެކަނި ދިގުކޮށް ހުންނަ ، މަގުމަތީ މޮޕުލަމުން ދާ ފަދަ ހެދުން ލުމެއް ނޫނެވެ. މި ގޮތަށް ހެދުން އެޅުމަކީ ދީނާ އެއްގޮތަށް ހެދުން އެޅުން ކަމުގައި ވިސްނުމަކީވެސް މުޅިން ރަނގަޅު ގޮތެއް ނޫނެވެ. ކިތަންމެ ދިގަސް އަދި ކަޅު ފޮތީގެ ހެދުމަކަށްވިޔަސް ގަޔަށް ބާރުނަމަ އަދި ފޮތި ތުނިނަމަ އިސްލާމީ މިންގަނޑުތަކަކަށް އެ ހެދުމެއް ނުފެތެއެވެ. އަދި އަޅާފައި ހުންނަ ބުރުގަލުން މޭމަތި ނުފޮރުވި ހުންނަ ނަމަވެސް މި މިންގަނޑަކަށް ނުފެތޭނެއެވެ. އަދި ބުރުގާ އަޅައިގެން ހުންނައިރު ބޮލުގެ ހުޅި ބޮޑުކޮށް އެނގެން ހުންނަ ނަމަވެސް އެވެ. މީގެ އިތުރުން ބުރުގަލުގެ ތުނިކަމުގެ ސަބަބުން ނުވަތަ އެޅިފައިވާ ގޮތުގެ ސަބަބުން ކަރުން ބައެއް ނުވަތަ އިސްތަށިގަ ނޑުން ބައެއް ހާމަވާނަމަވެސް މިފަދައެވެ.
ހެދުން އެޅުމުގެ މިނިވަންކަން އިސްލާމް ދީނުގައި ނޯންނަނީކީ ނޫނެވެ. އޮވެއެވެ. އިސްލާމް ދީނުގައި އެހެން ކަންކަންވެސް އޮންނަ ފަދައިން ވަކި ހައްދެއްގެ ތެރެއިންނެވެ. އިސްލާމް ދީނުގައި އަންގަނީ ގައިގެ ބައްޓަންނޭންގޭހާ ދޫކޮށް ހެދުން ލުމަށެވެ. ތުނިކަމުން ހަށިގަނޑު އެނގޭހާ ތުނި ފޮތިގެ ހެދުން ނުލުމަށެވެ. ބުރުގަލުން އިސްތަށިގަނޑާއި ކަރާއި މޭމަތި ނިވާވުމަށެވެ. ފައިތިލަ ނިވާވުމަށެވެ. އަތްތިލައާއި މޫނު ފިޔަވާ އަންހެނާގެ ގައިގެ އެހެން ހުރިހާ ހިސާބެއް ނިވާވުމަށެވެ. މި މިންގަނޑުތަކަށް ފެތޭނަމަ ކުރުހެދުން ލިޔަސް ދިގުހެދުން ލިޔަސް މައްސަލައެއް ނެތެވެ. މީހަކަށް ނުލިބޭނީ އިސްލާމްދީނުގެ މި ހަމަތަކަށް ފެތޭގޮތުން ކުރުހެދުން ލުމުން ނުވަތަ ދިގުހެދުން ލުމުން ތިމާއަށް އެއްޗެކޭ ބުނުމުގެ ހައްޤެވެ. ކުރުހެދުމެއް ނުވަތަ ދިގު ހެދުމެއް ލުމުގެ ސަބަބުން ތިމާގެ އުޅުން ހުންނާނީ ވަކިގޮތަކަށް ކަމަށް ކަނޑައެޅުމުގެ ހައްޤެވެ. ހެދުން އެޅުމުގެ މިނިވަންކަން އޮންނަނީ މިހެންވެ. އަދި ހެދުން އެޅުމުގެ މިނިވަންކަން އޮންނަން ޖެހޭނީވެސް މިހެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް