ވެލެންސިއާ އަތުން ފަހުވަގުތު މާޒިޔާ މޮޅުވެއްޖެ

ދިވެހި ޕްރިމިއަރ ލީގުގައި ކްލަބު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު މޮޅުވެއްޖެ އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ވެލެންސ...

23 Nov 2015 | 18:43

ދިވެހި ޕްރިމިއަރ ލީގުގައި ކްލަބު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު މޮޅުވެއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން މާޒިޔާ މޮޅުވީ 2-1 ލަނޑުންނެވެ.

މިމެޗުގެ 24 ވަނަ މިނެޓްގައި މާޒިޔާއަށް ލީޑު ނަގައިދިނީ އަހްމަދު ނާޝިދު (ނައްޓޭ) އެވެ. އޭނާ މިލަނޑު ކާމިޔާބުކުރީ ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މިމެޗުގެ ފުރަތަމަ ހާފްގައި ވެލެންސިއާއަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ފުރަތަމަ ހާފްގައި ވެލެންސިއާގެ ބިދޭސީ ކުޅުންތެރިޔާ އަވީލޯއާއި އާދިލް އަބްދުލްރަހްމާންއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 ލަނޑުން ވެލެންސިއާ ކުރީގައި އޮވެގެންނެވެ.

މިމެޗުގެ 73 ވަނަ މިނެޓްގައި އަވީލޯ ވަނީ ވެލެންސިއާއަށް ލަނޑެއް ކާމިޔާބުކޮށްދީ، ނަތީޖާ ހަމަހަމަކޮށްފައެވެ. އޭނާ މިލަނޑު ކާމިޔާބުކޮށްފައިވަނީ މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.

މާޒިޔާއިން މެޗުގެ ލީޑު އަލުން ނަގާފައިވަނީ ދެވަނަ ހާފްގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. މާޒިޔާއަށް ލިބުނު ކޯނަރަކުން ނައްޓޭ ނަގައިދިން ހުރަހުން ޕަބްލޯ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ވެލެންސިއާގެ ގޯލްގެ މަތީ ކަނަށެވެ.

މި ނަތީޖާއާއެކު ކުޅުނު 12 މެޗުން ލިބުނު 21 ޕޮއިންޓާއެކު ލީގުގެ ތިންވަނައިގައި މާޒިޔާ އޮތްއިރު، ހަތަރު ވަނައިގައި އޮތް އީގަލްސްއަށް 12 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. މިރޭ ކުޅުނު މެޗުން ބަލިވި ވެލެންސިއާ 12 މެޗުން ލިބުނު 12 ޕޮއިންޓާއެކު އޮތީ ލީގުގެ ހަތް ވަނައިގައެވެ. ލީގުގެ އެއްވަނައިގައި ނިއު ރޭޑިއަންޓް އޮތްއިރު، ދެވަނައިގައި އޮތީ ޓީސީ އެވެ.

ލީގުގައި މާދަމާވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސްއެވެ. އަދި މާދަމާރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް