މަކަރާއި ހީލަތުން ފައިސާހޯދުން މިދުވަސްވަރު އިތުރުވެފައިވާތީ، މިކަމަށް ސަމާލުވުމަށް ދިވެހިފުލުހުން އިލްތިމާސް ކުރައްވައިފިއެވެ.
މިގޮތުން މިދުވަސްވަރު އެކިއެކި ކުންފުނިތަކުން ހިންގާ ޕްރޮމޯޝަންތަކާއި މިނިވަން ފަންސާހުގެ ޕްރޮމޯޝަންގެ ނަމުގައި ނުދަންނަ ނަމްބަރުތަކުން ގުޅައި އޮޅުވާލައިގެން މަކަރާ ހީލަތުން ފައިސާ ހޯދުން އިތުރުވެފައިވާތީ ރައްޔިތުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް ފުލުހުންވަނީ އިލްތިމާސް ކުރައްވާފައެވެ.
ފުލުހުން ބުނީ ބޮޑެތި ކުންފުނި ނުވަތަ ޖަމާޢަތްތަކުގެ ނަމުގައި ތަފާތު ޕްރޮމޯޝަންތަކުން ނަން ހޮވިފައިވާކަމަށް ބުނެ އޮޅުވާލައިގެން މަކަރާއި ޙީލަތުން ފައިސާ ހޯދައި، ރީލޯޑް ކުރުމާއި ރާސްޓަސް އެޅުމާއި ބޭންކް ޑެބިޓް ނުވަތަ ކްރެޑިޓް ކާރޑުގެ މަޢުލޫމާތު ހޯދައިގެން ފައިސާ ހޯދުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިގެން ހުށަހެޅެމުންދާ މައްސަލަތައް ދުވަހުން ދުވަހަށް ދަނީ އިތުރު ވަމުން ކަމަށެވެ.
އަދި މިފަދަ ކަންކަން ތަކުރާރުވަމުންދާތީ ރައްޔިތުންގެ ސަމާލުކަން އިތުރު ކުރުމަށް މީގެ ކުރިންވެސް ނަސޭޙަތްތެރިވެ ހޭލުންތެރި ކުރުމުގެ މަސައްކަތް މީގެ ކުރިންވެސް ފުލުހުން ކޮއްފައިވާ ކަމަށާއި މިފަދަ ކަންކަމަކީ އަބަދުވެސް ތަކުރާރުވަމުންދާ ކަންކަންކަމަށްވާތީ، ވީހާވެސްބޮޑަކަށް ރައްޔިތުން ހޭލުންތެރިވެ، ސަމާލުކަން ދިނުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.
ފުލުހުންނަށް ހުށަހެޅޭ މިފަދަ މައްސަލަތަކަށް ބަލާއިރު މިގޮތަށް ގުޅާ ފަރާތްތަކުން ބޮޑެތި އިނާމްތަކުގެ ދަޅަ ދައްކައިގެން އަގު ބޮޑު ޓީވީ ލިބޭނެ ކަމަށާއި އެޕާރޓްމަންޓް ލިބިފައިވާ ކަމަށާއި އަގު ބޮޑެތި ފަރްނީޗަރު ލިބިފައިވާ ކަމަށް ބުނުމުގެ އިތުރުން ރާއްޖެއިން ބޭރު ޤައުމަކަށް ޗުއްޓީ ހޭދަކޮށްލަންދާން ދެކޮޅު ޓިކެޓާއި ޕެކޭޖް ލިބިފައިވާ ކަމަށް ބުނެ ބޮޑެތި އޮޅުވާލުން އޮޅުވާލާފައި ހުރި މައްސަލަތައް ފާހަގަ ކުރެވޭކަމަށް ފުލުހުން ބުނެއެވެ.
މިގޮތަށް ގުޅާފަރާތްތަކުން އެފަރާތުން ބޭނުންނަމަ ކުއިޒެއްގައި ބައިވެރިވެގެން ފައިސާ ލިބޭނެކަމަށް ބުނެ އެކައުންޓް މަޢުލޫމާތު ހޯދައި އިތުރަށް ވާހަކަ ދެއްކުމަށްފަހު އެމީހެއްގެ ބޭންކް ކްރެޑިޓް ކާޑް ނުވަތަ ޑެބިޓް ކާޑުގެ ނަމްބަރާއި ސެކިއުރިޓީ ކޯޑް ހޯދައިގެން އޮޅުވާލައިގެން ފައިސާގެ މުޢާމަލާތް ހިންގައި މަކަރާ ޙީލަތުން ބޮޑެތި ޢަދަދުތަކުން ރައްޔިތުން އަތުން ފައިސާ އަތުލާކަން ފާހަގަ ކުރެވިފައި ވާކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
"މިފަދަ މައްސަލަތަކަކީ ރައްޔިތުންގެ އެއްބާރުލުން އިތުރުކޮށް މިކަމަށް ފާރަވެރިވެ ހުރެއްޖެނަމަ ހުއްޓުވައި އޮޅުވާލައިގެން މަކަރާ ޙީލަތުން ފައިސާ ހޯދުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދެވޭނެ މައްސަލަތަކެއް، ވަކިން ޚާއްޞަކޮށް ބޭންކުން އެމީހަކަށް ލިބިފައިވާ ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުގެ އެއްވެސް ނަމްބަރެއް އިތުބާރާއި ޔަޤީންކަން ނެތް ފަރާތަކަށް ނުދިނުމާ ނުދަންނަ ނަމްބަރުން ގުޅައި ކާކުކަން ކަށަވަރުނުވާ އެއްވެސް މީހަކަށް ރީލޯޑްކޮށްދީ ރާސްޓަސް ފޮނުވައިނުދިނުމަކީ މިކަން ކުރާ ފަރާތްތަކުގެ މަސައްކަތް ހުއްޓުވާ ލެވޭނެ ކަމެއް" ފުލުހުން ބުނެއެވެ.
އެހެންކަމުން މިފަދަ ކަންކަމަށްދެއްވާ ސަމާލުކަން އިތުރުކޮށް ނުދަންނަ އަދި އިތުބާރު ނުކުރެވޭ އެއްވެސް މީހަކަށް ފައިސާގެ މިފަދަ މުޢާމަލާތްތައް ނުހިންގުމަށް އިލްތިމާސް ކުރާ ކަމަށާއި ވަކިން ޚާޢްޞަކޮށް، ބޭންކުން ދޫކޮށްފައިވާ އެއްވެސް ކާޑެއްގެ އެއްވެސް ނަމްބަރެއް އަދި ކާޑުގެ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކާ ޙިއްސާ ނުކުރުމަށް ފުލުހުން އިލްތިމާސް ކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް