ހެއްދެވި ފަރާތަށް ދުއާ ދެންނެވުމުގެ މަތިވެރި އަޅުކަން ކުރާ ފަރާތްތައް ހިފާ ހައްޔަރުކުރުން ކުށްވެރިކުރަން: އެމްޑީޕީ

ހެއްދެވިފަރާތަށް ދުޢާ ދެންނެވުމުގެ މަތިވެރި އަޅުކަން އަދާކުރާ ފަރާތްތައްވެސް ހިފާ ހައްޔަރުކޮށް، ބިރުދައްކާ، ބޮޑެތި ދަޢުވާތައް އުފުލަމުން ގެންދާ ގެންދިޔުން އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ އިން އެންމެ ހަރ...

23 Nov 2015 | 14:00

ހެއްދެވިފަރާތަށް ދުޢާ ދެންނެވުމުގެ މަތިވެރި އަޅުކަން އަދާކުރާ ފަރާތްތައްވެސް ހިފާ ހައްޔަރުކޮށް، ބިރުދައްކާ، ބޮޑެތި ދަޢުވާތައް އުފުލަމުން ގެންދާ ގެންދިޔުން އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނު އަސާސީ ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ ޙައްޤާއި، ދިވެހި ރައްޔިތުންގެ އަސާސީ އެތައް ޙައްޤުތަކަކަށް ތަކުރާރުކޮށް އަރައިގަނެ އަނިޔާވެރިކަން އިސްކޮށްފައިވާ ޢަބްދުﷲ ޔާމީނުގެ ސަރުކާރުން، ދިވެހި މުސްލިމް ރައްޔިތުން އަދާކުރާ ދީނީ އަޅުކަންކަމާ ބެހި، ހެއްދެވިފަރާތަށް ދުޢާ ދެންނެވުމުގެ މަތިވެރި އަޅުކަން އަދާކުރާ ފަރާތްތައްވެސް ހިފާ ހައްޔަރުކޮށް، ބިރުދައްކާ، ބޮޑެތި ދަޢުވާތައް އުފުލަމުން ގެންދާ ގެންދިޔުން އެންމެ ހަރުކަށި އިބާރާތުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން (އެމްޑީޕީ) ކުށްވެރިކުރާ ކަމަށެވެ. އަދި އަނިޔާވެރިކަމާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހު އިސްވެ ދުޢާކުރެއްވި، މިޕާރޓީގެ ޤައުމީ މަޖިލިސް މެމްބަރު ޙަސަން އަޙުމަދު މިއަދު އެއްވެސް ހަމައެއް ނެތި ހައްޔަރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށާއި މިހާރުން މިހާރަށް ޙަސަން އަޙުމަދު ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

"އަމިއްލަ ސިޔާސީ ބޭނުމަށް ދައުލަތުގެ މުއައްސަސާތައް ނަހަމަގޮތުގައި ބޭނުންކުރަމުން ގެންދާ މި ސަރުކާރުން، އަނެއްކާވެސް އިސްލާމް ދީން ހަތިޔާރަކަށް ހަދައި، ދީނަކީ ހަމައެކަނި އަމިއްލަ ވެރިކަން ޙިމާޔަތްކުރަން އޮންނަ އައްޑަނައެއް ކަމަށް ދެކި، ރާއްޖޭގެ މިސްކިތްތަކުގެ މުދިމުންނަށް މަޖުބޫރުކުރުވައިގެން ސިޔާސީ ދުޢާތައް ކުރުވާފައިމެ، ސަރުކާރުގެ އަނިޔާވެރިކަމާ ނުރުހޭ ރައްޔިތުންނަށް ހެއްދެވިފަރާތާ ދެމެދު ދުޢާ ދެންނެވުމަށް ހުރަސްއަޅައި، ބިރުދައްކައި، ހައްޔަރުކޮށް، ބޮޑެތި ދަޢުވާތައް އުފުލަމުން ގެންދިޔުން ދޭހަކޮށްދެނީ މިސަރުކާރު ގޮތްހުސްވެ، ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުން ހައްދުފަހަނައަޅާގޮސްފައިވާ މިންވަރު، ބަދު ދުޢާކޮށް، ސިޔާސީ އެއްވުންތަކުގައި ކުރިން ތަކުރާރުކޮށް ދުޢާކޮށްހަދާފައިވާ މީހުން މިއަދު ވެރިކަމުގައި ތިބެ ދެއްކުންތެރިކަމުގެ ގޮތުން ކުރެވޭ ދުޢާއެކޭ ބުނެ، އަނިޔާވެރިކަމާ ދެކޮޅަށް ދުޢާކޮށްގެން މިހާތަނަށް ތިން މީހަކު ހަތަރު ފަހަރެއްގެ މަތިން ފުލުހަށް ހާޒިރުކޮށް ބިރުދައްކާފައިވޭ" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އަނިޔާވެރިކަމާ ދެކޮޅަށް ކުރެވޭ ދުޢާގައި ބައިވެރިވާ ފަރާތްތަކުގެ އިތުރުން އަޑު އައްސަވާ ހުރިހާ ބޭފުޅުންނާއި، މީޑިޔާތަކުން ބައްލަވާ އެއްމެހާ ފަރާތްތަކަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، މިގޮތުން ކުރެވެމުންދާ ދުޢާގައި އެއްވެސްކަހަލަ ބަދު ބަހެއް، އަދި ބަދު ދުޢާއެއް ހިމެނިފައިނުވާނެއެވެ. އަދި ދުޢާކުރުމުގެ ތެރޭގައި މިސްކިތްތަކުގެ ޙުރުމަތްކެނޑި، މަސްލަހަތު ގެއްލި ހަމަނުޖެހުމަކަށް މަގުފަހިވާފަދަ އެއްވެސް ކަމެއް ހިންގާފައެއް ނުވާނެ ކަމަށެވެ.

މީގެ އިތުރުން ދުޢާކުރުމަކީ މުއުމިނުތަކުންގެ އެންމެބޮޑު ހަތިޔާރުގެ އިތުރުން، ދީނީގޮތުން އަދާކުރަންޖެހޭ މުހިންމު އަޅުކަމެއްކަމުގައި ވީހިނދު، ޢަބްދުﷲ ޔާމީނުގެ ސަރުކާރުން ރައްޔިތުންގެ މިފަދަ އަޅުކަންކަމަށް ހުރަސްއަޅައި، ރައްޔިތުންނަށް ބިރުދައްކައި، އިންތިހާއަށް އަނިޔާވެރިކަން އިސްކުރަމުން ގެންދާ ގެންދިޔުން ވަގުތުން ހުއްޓާލައި، އިންސާފުން ބޭރުން ހައްޔަރުކުރެވިފައި ހުރި ޙަސަން އަޙުމަދު މިހާރުން މިހާރަށް ދޫކޮށްލައި، އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް އުފުލަމުންގެންދާ ދަޢުވާތައް އުފުލުން ވަގުތުން ހުއްޓާލުމަށް މިޕާރޓީން ގޮވާލާ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް