ޕޮލިސް މިއުޒިއަމް ހުޅުވިފަހުން މިހާތަނަށް 21 ހާހަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފި

ޕޮލިސް މިއުޒިއަމް ހުޅުވި ފަހުން މިހާތަނަށް 21413 މީހުން ޒިޔާރަތްކޮށް ފުލުހުންގެ ތާރީޚާއި ގުޅޭ މަޢުލޫމާތު ހޯދާފައި ވާކަމަށް ފުލުހުން ހާމަކޮށްފި އެވެ. ޕޮލިސް މިއުޒިއަމް އަކީ ފުލުހުންގެ ތާރީޚާއި ސަޤާފަތް...

23 Nov 2015 | 05:36

ޕޮލިސް މިއުޒިއަމް ހުޅުވި ފަހުން މިހާތަނަށް 21413 މީހުން ޒިޔާރަތްކޮށް ފުލުހުންގެ ތާރީޚާއި ގުޅޭ މަޢުލޫމާތު ހޯދާފައި ވާކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ޕޮލިސް މިއުޒިއަމް އަކީ ފުލުހުންގެ ތާރީޚާއި ސަޤާފަތް އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދީ ފުލުހުންގެ ތެރޭގައި ފެންނަންހުރި އާސާރީ މުހިއްމު ތަކެތި ޢާއްމުކޮށް ފެންނާނެ ގޮތަށް ހެދުމުގެ މަޤުޞަދުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓްގެ ޕޮލިސް ހެރިޓޭޖް ސެންޓަރުގެ ދަށުން 2013 މާރޗް 29 ވަނަ ދުވަހު ހުޅުވިގެން ދިޔަ ތަނެކެވެ.

"ޕޮލިސް މިއުޒިއަމްގެ ތަފާސް ހިސާބްތަކަށް ބަލާއިރު 2013 ވަނަ އަހަރު 3119 މީހުން ޕޮލިސް މިއުޒިމަށް ޒިޔާރަތްކޮށްފައިވާއިރު 2014 ވަނަ އަހަރު 10616 މީހުން ޒިޔާރަތް ކޮށްފައި ވޭ، މީގެ އިތުރުން މިއަހަރުގެ މިހާތަނަށް 7078 މީހުން ޕޮލިސް މިއުޒިއަމްއަށް ޒިޔާރަތްކޮށް ފުލުހުންގެ ތަރައްޤީ އަށް މިހާތަނަށް ކުރެވިފައި ހުރި މަސައްކަތްތަކާއި ފުލުހުންގެ ތާރީޚީ ތަކެއްޗާއި ބެހޭ މަޢުލޫމާތު ވަނީ ހޯދާފައި، މީގެތެރޭގައި 12306 ފަތުރުވެރިންނާއި، 4658 ދިވެހިންނާއި 4189 ކިޔަވާކުދިން ހިމެނެއެވެ. އަދި އިއްޒަތްތެރިންގެ ގޮތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން 260 ޢިއްޒަތްތެރިއަކު ޒިޔާރަތްކޮށްފައިވޭ" ފުލުހުން ބުނެ އެވެ.

ފުލުހުން ހާމަކުރާ ގޮތުގައި ޕޮލިސް މިއުޒިއަމްއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ވަކިން ހާއްޞަކޮށް ސްކޫލްތަކާއި ކޮލެޖް ތަކުން ޒިޔާރަތްކުރާ ކިޔަވާ ކުދިންނަށް އަމާޒުކޮށްގެން ކުރައިމް ޕްރިވެންޝަން ޔުނިޓާއި ޕޮލިސް ހެރިޓޭޖް ސެންޓަރ ގުޅިގެން ވަނީ، މުޖުތަމަޢުގައި ހިނގާ ކުށްތައް މަދުކުރުމަށް ބާރު އެޅުމުގެ ގޮތުން އެފަދަ ކަންކަމުން ރައްކާތެރި ވާނެ ގޮތްތަކާއި ބެހޭ މަޢުލޫމާތު ހިމެނޭ ލީފުލެޓްތައްވެސް ހަދިޔާކޮށްފައެވެ.

ޕޮލިސް މިއުޒިއަމްއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރޭގައި ސްކޫލް މަދަރުސާ ތަކުގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ކޮލެޖްތަކުގެ ދަރިވަރުންނާއި ދުނިޔޭގެ އެހެނިހެން ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެކިއެކި ޤައުމުތަކުގެ އިއްޒަތްތެރިން ހިމެނޭ ކަމަށާއި އަދި ބޭރުދުނިޔޭގެ ޤައުމުތަކުން ރިސާޗް ކުރުމަށް ޒިޔާރަތް ކުރާ ފަރާތްތައް ހާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ. މިގޮތުން ވޭތުވެދިޔަ އަހަރު އެންމެ ގިނަ ފތުރުވެރިން ޒިޔާރަތްކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ޗައިނާ، ޖަޕަން، އިންޑިޔާ، ފުރާންސް، ޖާމަނީ، އިޓަލީ ފަދަ ޤައުމުތައް ހިމެނޭ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ ވޭތުވެދިޔަ ތިން އަހަރުގެ ތަފާސް ހިސާބުތަކަށްބަލާއިރު އެންމެ ގިނަ މީހުން ޒިޔާރަތްކޮށްފައިވަނީ 2014 ވަނަ އަހަރުކަން ފާހަގަކޮށްލެވޭ ކަމަށެވެ.

ޕޮލިސް މިއުޒިއަމް ހުޅުވިފައި ހުންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 16:00 އަށެވެ. މިގޮތުން ޤައުމީ ދާރުލް އާސާރުގައި ހެދިފައިވާ ޤަވާއިދުތަކާ، އުޞޫލުތަކާ އެއްގޮތަށް ޕޮލިސް މިއުޒިއަމްއަށް ޒިޔާރަތް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް