އިނގެރޭސި ޕްރިމިއަރލީގުގައި ރޭ މެންޗަސްޓަރ ޔުނައިޓެޑުން އަރސެންލްގެ މައްޗަށް ކުރިހޯދައފިއެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމިފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ ވެންހާލްގެ ކޯޗުކަމުގައި ޔުނައިޓެޑް ރަށުން ބޭރުގައި ހޯދި ފުރަތަމަ މޮޅެވެ. މެޗުގެ ފަރަތަމަ ހާފްގައި ދެޓީމުންވެސް ގޯލް ޖަހާނެ ހަމަލާތަކެއް އުފައްދާފައިވާއިރު، ފުރަތަމަ ހާފް ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުންނެވެ.
ދެވަނަ ހާފް ފެށިގެން 56 ވަނަ މިނެޓުގައި ޔުނައިޓެޑުންވަނީ ލީޑު ނަގާފައެވެ. އަރސެނަލްގެ ޑިފެންޑަރ ގިބްސްގެ އަތުން ބައިކޮޅަށް ވަން ގޯލާއެކު ޔުނައިޓެޑުން ލީޑު ނަގާފައިވާއިރު، ގޯލް ދިފާއުކުރަން އުޅުމުގެ ތެރޭގައި އަރސެނަލްގެ ކީޕަރ ޝެޒްނީއަށްވަނީ އަނިޔާވެފައެވެ. އަރސެނަލްއިން މެޗުގެ ބާކީބައި ކުޅުނީ ބަދަލު ކީޕަރ މަރޓިނޭޒްއާއެކީގައެވެ.
ޔުނައިޓެޑްގެ ގޯލަށްފަހު އަރސެނަލްއިންވަނީ މެޗުގެ ކުޅުން ރަނގަޅުކޮށް ހަމަލާތަށް އުފައްދާފައެވެ. ވެންގާގެ " އެޓޭކިން" ބަދަލަކާއެކު ރެމްސީގެ ބަދަލުގައި ޖީރޫވަނީ ކުޅެންނެރެފައެވެ. މިއީ 3 މަހުގެ އަނިޔާއަށްފަހު ޖީރޫ ކުޅެންނިކުތް ފުރަތަމަ މެޗެވެ.
މެޗު ނިމެންދަނިކޮށް 85 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ކައުންޓަރ އެޓޭކަކުން ލީޑު ފުޅާކޮށްދިނީ އެޓީމުގެ ކެޕްޓަން ވޭންް ރޫނީއެވެ. 90 ވަނަ މިނެޓުގައި އަރސެނަލްގެ ޖީރޫ ގޯލެއް ޖެހިނަމަވެސް މެޗު ނިމިފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުން މޮޅުވެ ޔުނައިޓެޑްވަނީ ތާވަލުގެ 4 ވަނައަށް ޖެހިލާފައެވެ. އަރސެނަލްއޮތީ ތާވަލުގެ 8 ވަނައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް