އިރާގާއި ސޫރިޔާގެ ބޮޑުބައެއް އެބައެއްގެ ކޮންޓްރޯލް ދަށަށް ގެނެސް ހަނގުރާމަ ކުރަމުން އަންނަ އައިއެސް ޖަމާއަތާ މިހާތަނަށް ސްވިޑަނުން 300 އަށްވުރެ ގިނަ މީހުން ގުޅިފައިވާކަމަށް އެގައުމުގެ ޖާސޫސީ އިދާރާގެ އިސްވެރިޔާ ބުނެފިއެވެ.
ސްވިޑަންގެ ޕަބްލިކް ރޭޑިއޯއަށް ދިން އިންޓަވިއުއެއްގައި ޖާސޫސީ ޗީފް އެންޑާސް ތޯންބާގް ބުނީ އެތައް ބަޔަކު އައިއެސްއާ ގުޅެން ސޫރިޔާ އަދި އިރާގަށް ދާން އުޅޭ ކަމުގެ މައުލޫމާތު މި ފަހަކަށް އައިސް ވަރަށް ގިނައިން ލިބެމުން އަންނަ ކަމަށާއި މުޅި އެކު މިހާތަނަށް 300 އަށްވުރެ ގިނަ މީހަކު ސޫރިޔާ އަދި އިރާގަށް ގޮސްފައިވާކަމުގައި ބެލެވޭކަމަށްވެސް ތޯންބާގް ވަނީ ބުނެފަ އެވެ.
ތޯންބާގް ބުނީ އައިއެސްއާ ގުޅެން ސްވިޑަނުން ގިނައިން ދާ ކަމަށް ބެލެވެނީ ޒުވާނުން ކަމަށާއި ޒުވާނުން އެކަމަށް ޝައުގުވެރިވެ ދާކަމަށް ބެލެވެނީ ޓެރަރިސްޓުންނަށް ވުމަށާއި ހަތިޔާރު ގެންގުޅުމުގެ ޝައުގުވެރިކަން ޒުވާނުންގެ ހިތްތަކުގައި އޮންނާތީ ކަމަށްވެސް ތޯންބާގް ބުނެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔޫރަޕްގެ ގައުމުތަކުން މި ފަހަކަށް އައިސް 3000 އަށްވުރެ ގިނަ މީހުންވަނީ އައިއެސް ޖަމާއަތާ ގުޅިފައެވެ. އަދި ޔޫރަޕްގެ އެކި ގައުމުތަކުން އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ގުޅެމުން އަންނަ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް