މެދުއިރުމަތީގެ ކަންބޮޑުވުންތަކާއި ގުޅޭ މަޝްވަރާއަށް ގިނަ ގައުމުތަކެއް ތުރުކީގައި

23 Oct 2026 | 15:48
ތުރުކީގައި ކުރިޔަށްދާ މިނިސްޓަރުންގެ ބައްދަލުވުން --

ތުރުކީގައި ކުރިޔަށްދާ މިނިސްޓަރުންގެ ބައްދަލުވުން --

މެދުއިރުމަތީގައި އިތުރުވަމުންދާ ހަނގުރާމައިގެ ކަންބޮޑުވުންތަކާއި ގުޅޭ މަޝްވަރާއަށް ގިނަ ގައުމުތަކެއްގެ ފޮރިން މިނިސްޓަރުން ތުރުކީގެ އިސްތަންބޫލަށް ޖަމާވެއްޖެ އެވެ.

މި މަޝްވަރާގައި ހިމެނޭ މައިގަނޑު ގައުމުތަކަކީ ޕާކިސްތާން، ސައުދީ އަރަބިއްޔާ، މިސްރު އަދި ތުރުކީ އެވެ. މި ގައުމުތަކުގެ މިނިސްޓަރުން ބާއްވާ ބައްދަލުވުމުގެ ހަވާސާގައި ޖަރުމަނުވިލާތާއި، އިޓަލީ، ފްރާންސް އަދި އިނގިރޭސިވިލާތުގެ މަންދޫބުންނާއި އެ ހަތަރު ގައުމުގެ މިނިސްޓަރުން ވަކިން ބައްދަލުވުން ބާއްވާނެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ބައްދަލުވުންތަކުގައި ބޮޑަށް މަޝްވަރާ ކުރާނީ ޔަމަނުގެ ހާލަތާއި، އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ހަނގުރާމައާއި، ފަލަސްޠީނުގެ ޤައްޒާގައި އިޒްރޭލުން ހިންގާ އުދުވާނާއި ބެހޭ ގޮތުންނެވެ. އަދި ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ކުރިއަށްދާ ހަނގުރާމަ އާއި ބެހޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.

މެދުއިރުމަތީގެ ޤައުމުތަކާއި ޔޫރަޕުގެ ޤައުމުތަކުގެ ދެމެދުގައި، ޚާއްޞަކޮށް ސަލާމަތީ ގޮންޖެހުންތަކާއި ހަނގުރާމަތަކަށް ރައްދުދިނުމުގައި، ގުޅިގެން މަސައްކަތްކުރުން ހަރުދަނާކުރެވޭނެ ގޮތްތަކާ މެދު ވެސް މި ބައްދަލުވުންތަކުގައި މަޝްވަރާކުރާނެއެވެ.

މީގެ އިތުރުން އެންމެ މުހިންމު ވާހަކަތަކުގެ ތެރޭގައި ކަނޑުގެ ރައްކާތެރިކަމާއި ގުޅުން ހުރި ކަންކަން ހިމެނެ އެވެ. އެގޮތުން ބައިނަލްއަޤުވާމީ ވިޔަފާރިއާއި ހަކަތައިގެ ތަކެތި އުފުލުމަށް މުހިންމު ހުރުމުޒު ކަނޑުއުޅިއާއި ބާބުލް މަންދަބުން އުޅަނދު ފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ގޮތް އަލުން ހޯދުމާ މެދު ބައިވެރިން ވާހަކަ ދައްކާނެ ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް