ބަންޖާބް ނެޝަނަލް ބޭންކުގެ ބްރާންޗެއް --
އިންޑިއާގެ އުއްތަރްޕްރަދޭޝްގެ ސަހާރަންޕޫރުގައި ހުރި ޕަންޖާބު ނޭޝަނަލް ބޭންކު (ޕީއެންބީ) ގެ ތިޖޫރީން 17.29 ކްރޯރު އިންޑިއަން ރުޕީސްގެ ވަގު ނޫޓު ހުރި މައްސަލައެއް ތަހުގީގު ކުރަމުން އެބަދެ އެވެ.
މި މައްސަލަ ފަޅާއެރީ މިދިޔަ އޮގަސްޓު މަހުގެ 29 ވަނަ ދުވަހު އެވެ. އެކަން ރިޕޯޓު ކުރީ ސަހާރަންޕޫރުގެ ބާޒާރު ސަރަހައްދުން ބަޔަކަށް އެކަން ފާހަގަވެގެން ރިޕޯޓު ކުރުމުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ތަހުގީގަށް މިހާތަނަށް ހޯދުނު މައުލޫމާތުތަކަށް ބަލާއިރު އެ ފައިސާ ދައުރުކޮށްފައިވަނީ ބޭންކުގެ ތިން މުވައްޒަފެއްގެ އެހީތެރިކަމާއި އެކު އެވެ. އެ ތިން މުވައްޒަފުން މިހާރު ސަސްޕެންޑުކޮށްފައިވާ ކަމަށާއި މިހާތަނަށް މި މައްސަލައިގަ ހަތް މީހުން ވަނީ ހައްޔަރު ކޮށްފައި އެވެ.
އެ ސަރަހައްދުގެ ފުލުހުން އިއްޔެ ވަނީ މި މައްސަލައިގަ ވަގު ނޫޓޫ ޗާޕުކޮށް ފެތުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރުކޮށްފައި އެވެ. އެ ދެމީހުން ހައްޔަރު ކުރީ ފިލައިގެން ގޮސް މަނާލީގައި އުޅެނިކޮށެވެ.
އެމީހުންނަކީ ކުރިން ހައްޔަރު ކުރި ފަސް މީހުންނާއި ގާތް ގުޅުމެއް ބާއްވަމުން ދިޔަ ބައެކެވެ.
ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި މިކަން ފަޅާ އެރި އިރު އެ ހުރިހާ ފައިސާއެއް ވަނީ ބޭންކުތެރެއިން ބޭރުވެ އާންމުންގެ މެދުގައި ދައުރުވާން ފަށާފައި އެވެ.
ފުލުހުން މިހާރުވަނީ މި ވަގު ނޫޓުތައް އަނބުރާ ބޭންކަން ވެއްދުމަށް ބޮޑު އޮޕަރޭޝަނެއް ފަށާފައި އެވެ. އަދި މި މައްސަލައިގަ ހިމެނޭ އިތުރު މީހުން ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް