ރާކީއާ ދެކޮޅަށް ބާރުގެ ބޭނުން ކުރެވެން ނެތުމުން ހައްޔަރު ކުރަން ނެރުނު އަމުރު ބާތިލުކޮށްފި

23 Oct 2026 | 15:15
ރާކީ ސާވަންތު --

ރާކީ ސާވަންތު --

އިންޑިއާގެ ޓީވީ ތަރި ރާކީ ސާވަންތު ހައްޔަރު ކުރުމަށް އުއްތަރް ޕްރަދޭޝްގެ ޖާންސީގެ ކޯޓަކުން ނެރުނު އަމުރު ބާތިލުކޮށްފި އެވެ.

ކަފާލާތް ނުލިބޭގޮތަށް ހައްޔަރު ކުރަން ކޯޓުން އަމުރު ކުރީ އެތައް ފަހަރަކު ކޯޓަށް ހާޒިރު ވުމަށް ޗިޓު ފޮނުވުމުންވެސް ހާޒިރުވެފައި ނުވާތީ އެވެ. އޭނާއާ ދެކޮޅު މައްސަލައެއް ކޯޓުގައި ކުރިޔަށް ދަނީ 2010 ވަނަ އަހަރު ޓީވީ ޝޯއެއްގައި ދެއްކި ވާހަކަ އަކާއި ގުޅިގެން މީހަކު އަމިއްލައަށް މަރުވުމުގެ ޒިންމާ އޭނާ ނަގަން ޖެހޭ ކަމަށް ބުނެ އެވެ.

މި މައްސަލައިގަ ނެރުނު އަމުރާއި ގުޅިގެން ރާކީގެ ގާނޫނީ ވަކީލު ވަނީ ޖާންސީގެ ކޯޓަކަށް އެދުމެއް ހުށަހަޅާފައި އެވެ. އެދުމުގައި ފާހަގަކޮށްފައިވަނީ ރާކީއާ ދެކޮޅަށް ބާރުގެ ފިޔަވަޅެއް ނޭޅުމަށް އައްލާހާބާދު ހައިކޯޓުން ކުރިން ނެރެފައިވާ އަމުރަކަށް 2011 ވަނަ އަހަރު ހައި ކޯޓުން ތާއީދުކޮށްފައިވާ ކަމެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 482 ވަނަ މާއްދާގެ ދަށުން ރާކީ ހުށަހެޅި ޕެޓިޝަނެއްގައި ހައިކޯޓުން އަންގާފައިވަނީ އިތުރު އަމުރެއް ނެރެންދެން އޭނާއާ ދެކޮޅަށް ބާރުގެ ފިޔަވަޅެއް ނާޅާށެވެ.

ހައްޔަރުކުރުމުގެ އަމުރު ނެރުނު ފަހުން ރާކީ މީޑިއާގައި ބުނީ، އޭނާއަކީ ހަމައެކަނި އެ ޝޯގެ ހޯސްޓް ކަމަށާއި، ވާހަކަ ދެއްކީ ޗެނަލުން އިރުޝާދުދިން ގޮތަށް ކަމަށެވެ. އެހެން ކަމުން އޭނާއާއި ދެކޮޅަށް އެ މައްސަލައިގަ އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ގަބޫލު ކުރާ ކަމަށެވެ.

މި މައްސަލައަކީ ޖާންސީގެ ހަންސަރީ ޕްރޭމް ނަގަރުގައި ދިރިއުޅުނު ލަކްޝްމަން އަހިރްވާރު 2010 ވަނަ އަހަރުގެ ނޮވެމްބަރު 10 ގައި އަމިއްލައަށް މަރުވި މައްސަލަ އެވެ. އޭރު ދެއްކި ރާކީގެ "ރާކީ ކާ އިންސާފް" ނަމަކަށް ކިޔާ ޓީވީ ޝޯގައި އޭނާ ބުނި ބަސްތަކުން ލަކްޝްމަނަށް ލަދުގަންނަން ޖެހި މީހުންގެ ފުރައްސާރައާ ކުރިމަތިވެ އަމިއްލައަށް މަރުވާން ނިންމީ ކަމަށްވެ އެވެ.

ލަކްޝްމަންގެ މަންމަ ސާވިތުރީ، އިންޑިއާގެ ޕްރޭމް ނަގަރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ޓީވީން އެ ޝޯ ދެއްކުމާ އެކު އާންމުންގެ ފަރާތުން އަމާޒުވި ފުރައްސާރަ އާއި ލިބުނު ނަފްސާނީ އަނިޔާގެ ސަބަބުން އޭނާގެ ދަރިފުޅު ޑިޕްރެޝަނަށް ގޮސް، 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހު އަމިއްލައަށް މަރުވީ ކަމަށެވެ. އެއާ އެކު ރާކީގެ މައްޗަށް ވަނީ އަމިއްލައަށް މަރުވާން ހިތްވަރުދިނުމުގެ ދައުވާ އުފުލައިފަ އެވެ.

ރާކީ ހަޔއްރު ކުރެވޭގޮތް ނުވި އިރު މި މައްސަލައިގެ ދެން އޮތް އަޑުއެހުން ބާއްވާނީ ޑިސެމްބަރު 1 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް