ވިއްސާރައިގަ ހދ. ނޮޅިވަރަމްފަރުގައި ފެންބޮޑުވެފައި -- ފޮޓޯ: އެންޑީއެމްއޭ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ކުޅުދުއްފުށީ ސިޓީ އާއި ހދ. ނޮޅީވަރަމް ފަރުގެ ގޭގެއަށް ބޮޑެތި ގެއްލުންތަކެއް ވެގެން ރިޕޯޓުކޮށްފި އެވެ.
ނެޝަނަލް ޑީޒާސްޓާ މެނޭޖްމެންޓު އޮތީރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތުދޭ ގޮތުގައި ރޭން ފެށިގެން ބޯކޮށް ވާރެހި ނޮޅިވަރަމްފަރު ރަށު ތެރޭގައި އެއްކޮށް ފެންބޮޑުވެފައިވާ ކަމަށެވެ. 60 ގެއަކުން މިހާތަނަށް ފެން ބަދެގެން ރިޕޯޓުކޮށްފައިވާ ކަމަށާއި އެ ގެތަކުގެ އަޑިން ފެން އަރަމުންދާ ކަމަށެވެ.
ފެންވަދެފައިވާ ގެތަކުގެ ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ވެފައި ވީނަމަވެސް މީހުން ހުސްކުރަންޖެހޭ ހާލަތަށް އެއްވެސް ގެއެއް ނުދާ ކަމަށް މައުލޫމާތުދެ އެވެ. އެ އިދާރާއިން ބުނީ އެ ރަށުގައި ގޭގެއަށް ފެން ނުވަންނާނެ ގޮތް ހެދުމަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކައުންސިލާއި ފުލުހުން އަދި ރައްޔިތުން ގުޅިގެން ކުރަމުންދާ ކަމަށެވެ.
ކުޅުދުއްފުށި ސިޓީއަށް ބޯކޮށް ވާރޭވެހި 190 އަށްވުރެ ގިނަ ގެއަށް ފެންވަދެގެން ރިޕޯޓުކޮށްފައިވެ އެވެ. އެ ސިޓީގެ އިދާރާތައް ގުޅިގެން ރަށު ތެރެއިން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު އެހީތެރިކަން ބޭނުންވާ އާއިލާތައް ދެނެގަންނަމުން ދާ ކަމަށް ބުނެ އެވެ.
އެންޑީއެމްއޭއިން ބުނީ ވިއްސާރައިގަ ލިބެމުންދާ ގެއްލުމުގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް ދެނެގަންނަމުންދާ ކަމަށެވެ. އަދި ރަށު ކައުންސިލްތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް