ރައީސް މުއިއްޒު ޕާކިސްތާނުން ފުރާވަޑައިގެންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖޫހިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ފަސްޓް ލޭޑި ސާޖިދާ މުހައްމަދު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.
ރައީސްގެ ދެކަނބަލުނ ޕާކިސްތާނަށް ރަސްމީ ދަތުރުފުޅު ކުރެއްވީ މިމަހުގެ 20-22 އަށެވެ. ދަތުރުފުޅަށް ފަހު ރައީސްގެ ދެކަނބަލުން ޕާކިސްތާނުން ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއި ކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ، ސިއްހީ، ދިފާއީ، ވަޔާއި ކަނޑުގެ ދަތުރުފަތުރާއި ވިޔަފާރީގެ ދާއިރާ އަދި ޓޫރިޒަމް ދާއިރާ އާއި ގުޅުން ހުރި އެއްބަސްވުންތަކެކެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް އަމާޒުކޮށް މޯލްޑިވްސް ޕާކިސްތާން ބިޒްނަސް ފޯރަމް ބާއްވާފައި އެވެ. އެ ފޯރަމްގައި ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމެންޓު ފުރުސަތުތަކުގެ ތަފްސީލް ހާމަކޮށްދެއްވާފައި އެވެ.
އެ ފޯރަމްގެ ތެރެއިން ރައީސް މުއިއްޒު ވަނީ ވަރަށް އަވަހަށް ގައުމީ އެއާލައިން މޯލްޑިވްސްގެ ސީދާ ދަތުރުތައް ޕާކިސްތާނުގެ ކަރާވީއަށް ފަށާނެކަން އިއުލާނު ކުރައްވާފައި އެވެ.

ރައީސްގެ ދަތުރުފުޅުގައި އެމަނިކުފާނުގެ ޝަރަފުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީގެ ދެކަނބަލުން ވަނީ ހާއްސަ ފަރިއްކޮޅެއް ބާއްވާފައި އެވެ.
މީގެ އިތުރުން ރައީސްގެ ދެ ކަނބަލުން ވަނީ ޕާކިސްތާނުގެ ތާރީހީ ތިން ބިނާއަކަށް ޒިޔާރަތް ކުރައްވާފައި އެވެ. ފަސްޓް ލޭޑީ ސާޖިދާ ވަނީ ޕާކިސްތާނުގެ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތް ކުރައްވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް