ރައީސްގެ ޝުކުރު ޕާކިސްތާނަށް، ދަތުރުފުޅުން ގުޅުމުގެ އާ ބާބެއް ފެށުނު ކަމަށް ވިދާޅުވި

23 Oct 2026 | 07:14
ރައީސްގެ ޝުކުރު ޕާކިސްތާނަށް، ދަތުރުފުޅުން ގުޅުމުގެ އާ ބާބެއް ފެށުނު ކަމަށް ވިދާޅުވި

ޕާކިސްތާނުން އަދާކުރި ފުރިހަމަ މެހެމާންދާރީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ރައީސް މުޢިއްޒުވަނީ އެމަނިކުފާނަށާއި އަނބިކަނބަލުންނަށް އަދި ދިވެހި ވަފުދުގެ ބޭފުޅުންނަށް ޕާކިސްތާނުން ކީ ހޫނު މަރުޙަބާއާއި ބެހެއްޓެވި ގާތްކަމަށްޓަކައި ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރްދާރީއަށާއި، ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް އަދި ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

އަދި ވިދާޅުވީ، މިއީ ރާއްޖެއާއި ޕާކިސްތާނުގެ ގުޅުމުގައި ތާރީޚީ އަދި މުހިންމު ދަނޑިވަޅެއް ކަމަށެވެ. އަދި ދަތުރުފުޅުން ގުޅުމުގެ އާބާބެއް ފެށިގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް އަމާޒަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް އިތުރުކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ އަޒުމް ވަރަށް ސާފު. އެއީ ދެ ގައުމުގެ ގުޅުން ދުވަހަކުވެސް ނުދާ މިންވަރަށް މައްޗަށް ގެންގޮސް، ޒަމާންވީ އެކުވެރިކަން އިޤްތިޞާދީ ފުރުޞަތުތަކަކަށާއި، ދެ ގައުމުގެ ރައްޔިތުންނަށް ލިބޭ ޙަޤީޤީ ފައިދާއަކަށް ބަދަލުކުރުން،" އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ބޮޑުވަޒީރު ޝެހެބާޒް ޝަރީފާއެކު ބޭއްވުނު މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމަކީ މި ވިސްނުންތައް ޢަމަލީ އިންވެސްޓްމަންޓްތަކަކަށް ބަދަލުކުރުމަށް އެޅުނު މުހިންމު ބިންގަލެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ބަދަލުކުރެވުނު 20 ފަހުމުނާމާ އަކީ ހަމައެކަނި އުއްމީދުތަކެއް ނޫންކަމަށާއި، މިއީ ނަތީޖާއެއް ނެރުމަށް އެޅުނު ފިޔަވަޅުތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ޕޯސްޓް ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ، އިސްލާމްއާބާދުން އެނބުރި ވަޑައިގަންނަވަނީ ފޮނި ހަނދާންތަކަކާއެކު، ދެ ގައުމުގެ 60 އަހަރުވީ ގުޅުން އައު އުސްމިންތަކަކަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާ އެކުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް