ގާޒީ ފާއިޒް - ފޮޓޯ: ޖޭއެސްސީ
ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު ސަސްޕެންޑް
ކޮށްފިއެވެ.
ދުވަހަށް އެނގިފައިވާގޮތުގައި ޖޭއެސްސީން ގާޒީ
ފާއިޒް ސަސްޕެންޑް ކޮށްފައިވަނީ 60 ދުވަހުގެ މުއްދަތަށެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ގާޒީ ފާއިޒް
ސަސްޕެންޑް ކޮށްފައިވަނީ މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ
އަލީ އަންވަރު މުހައްމަދު މިދިޔަ ހޮނިހިރު ދުވަހު ބަންދުން ދޫކޮށްލުމަށް ކުރި
އަމުރުގެ މައްސަލައާއި މަރުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން
ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާގެ ބަންދާއިމެދު އަމަލުކުރި ގޮތާއިމެދު ހުށަހަޅާފައިވާ
މައްސަލައަކާއި ގުޅިގެންނެވެ.
މިދިޔަ ހޮނިހިރު ދުވަހު އަލީ އަންވަރުގެ ބަންދުގެ
މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ގާޒީ ފާއިޒް އިއްވި ތަންތަނާއި ތަކެތި
ބަލައި ފާސްކުރުމަށް އެ ކޯޓުން ދީފައިވާ އަމުރާއެކު އޭނާ ހައްޔަރުކުރުމުގެ އަމުރެއް
ނެރެދީފައި އޮތް އޮތުމުގެ މައްޗަށް ބަލާއިރު، ފުރަތަމަ ތަންފީޒުކުރަންވާނީ ތަންތަނާއި
ތަކެތި ބަލައި ފާސްކުރުމުގެ އަމުރުކަމަށާއި އެގޮތުން ބަލައި ފާސްކުރުމުގައި މައްސަލައާ
ގުޅޭ ހެކި ލިބިއްޖެނަމަ ހައްޔަރުކޮށް ބަންދުކުރުމަށް ކަނޑައެޅިދާނެކަމާއި، އޭގެ ބަދަލުގައި
ހައްޔަރުކުރުމުގެ އަމުރެއް އޮތްނަމަވެސް، މައްސަލައާއި ގުޅޭ ހެކިގަރީނާ ލިބުމުގެ ކުރިން
އެ އަމުރު ތަންފީޒުކުރަންޖެހޭ މަޤްބޫލު ސަބަބަކާނުލައި (މިސާލަކަށް ތުހުމަތުކުރެވޭ
ފަރާތުން ބަލައި ފާސްކުރުމަށް އެއްބާރުލުން ނުދިނުން ނުވަތަ ހެކި ނައްތާލަން އުޅުންފަދަ
ކަންކަން) ހައްޔަރުކޮށް، ބަންދުގައި ބެހެއްޓުމަށް ނިންމާއިރު އަދި ހައްޔަރުކުރުމުގައި
ރަނގަޅު ނޫންގޮތަކަށް އަމަލުކުރެވިފައިވާކަމަށް ބެލެވޭއިރު، ޤާނޫނާ ޚިލާފަށް ބަންދުގައި
ބަހައްޓައިގެންހޯދާ ހެކި ޤަރީނާ ތަޙުޤީޤުން ނެރޭ ނަތީޖާ ބޭކާރުވެދާނެކަމަށް ދެކޭ ކަމަށެވެ.
"އިސްވެ ބަޔާން
ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން މީނާ ހައްޔަރު ކޮށް ހައްޔަރާމެދު
ގޮތެއް ކަނޑައަޅާފައިވަނީ ކޮން އަސާސެއްގެ މައްޗަށްކަމަށް ފުލުހުންނަށް
ބުނެދެވިފައިނުވާތީ، މީނާ ހައްޔަރުކުރުމަށްފަހު އަމަލުކުރަންޖެހޭ އިޖްރާއަތުގައި
އުނިކަންހުރިކަމަށް ބެލެވޭތީ، މީނާ ބަންދުން ދޫކޮށްލުމަށް ނިންމަމެވެ"
ބަންދުން ދޫކޮށްލަން ނިންމި އަމުރުގެ އިތުރު ބަޔާނުގައި ބުނެފައިވެއެވެ.
ހަމަ ދޫކޮށްލުމާއެކު އަންވަރުވަނީ ލަންކާއަށް
ފުރާފައެވެ. ނަމަވެސް ފުލުހުން އޭރު ކޯޓު އަމުރެއް ހޯދާފައިވާތީއާއި އަދި ހައްޔަރު
ކުރުމުގެ ކޯޓު އަމުރު ހޯދި އިރު ސްރީ ލަންކާއަށް އެތެރެ ނުވެވޭތީ ސްރީ ލަންކާއިން
އަނބުރާ ފޮނުވާލުމުން އެނބުރި ރާއްޖެ އައުމުން ފުލުހުން ވަނީ އަންވަރު
ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދަށް މިހާރު ވަނީ 30 ދުވަހުގެ މުއްދަތެއް
ޖަހާފައެވެ.
ގާޒީ ފާއިޒްގެ ސަސްޕެންޝަނާއިމެދު ޖޭއެސްސީގެ ބަހެއް
އަދި ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް