ތުރުކީގެ އިސްތާންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި މަރާލާފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލް ހަޝޫގްޖީއަށް ނިސްބަތްވާ ބައެއް ތަކެތި ފެނިފައިވާކަމުގައި ސީއެންއެން ތުރްކުން ރިޕޯޓް ކޮށްފިއެވެ.
އެގޮތުން ސީއެންއެން ތުރްކްގެ ވެބްސައިޓްގައި ބުނެފައިވާގޮތުގައި ހަޝޫގްޖީއަށް ނިސްބަތްވާ ބައެއް ތަކެތި ފެނުނީ ސައުދީ ކޮންސިއުލޭޓަށް ނިސްބަތްވާ ވެހިކަލެއްގެ ތެރެއިންނެވެ.
އެ ވެހިކަލްގެ ތެރެއިން ފެނުނު ތަކެތތީގެ ތެރޭގައި ކޮމްޕިއުޓަރަކާއި (ލެޕްޓޮޕެއް ކަމަށް ބެލެވޭ) ލިޔެކިޔުންތަކެއް ފެނުނެވެ. އަދި އެ ތަކެއްޗަކީ ހަޝޫގްޖީއަށް ނިސްބަތްވާ ތަކެތި ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.
ހަޝޫގްޖީގެ ހަށިގަނޑުގެ ބައެއް ބައިތައް ފެނުނު ކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓް އެބަ ކުރެއެވެ. އެހެން ނަމަވެސް އެއީ ސައްހަ ރިޕޯޓެއްކަން އަދި ކަށަވަރެއް ނުވެއެވެ.
----------------
ޖަމާލް ހަޝޫގްޖީ އަކި ސައުދީއަށް ނިސްބަތްވާ ނޫސްވެރިއެކެވެ. 2017 ވަނަ އަހަރު ސައުދީ ދޫކޮށް އޭނާ އެމެރިކާއަށް ހިޖުރަކުރީ ސައުދީގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތްކަމަށް ބުނެއެވެ. އެމެރިކާއަށް ދިރިއުޅުނު ބަދަލުކޯށް ވޮޝިންޓަން ޕޯސްޓަށް ލިޔަމުން ގެންދިޔައެވެ. ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބައެއް ސިޔާސަތުތަކާއި ދެކޮޅަށް ފާޅުގައި ލިޔަމުން ގެންދިޔަ ހަޝޫގްޖީ ތުރުކީގެ އިސްތާންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔައީ، ތުރުކީގައި ހުރި އޭނާގެ ލޯބިވެރިޔާ (ހަދީޖާ) އާއި ކައިވެނި ކުރުމަށް ބޭނުންވާ ލިޔެކިޔުމެއް ހޯދުމަށެވެ.
އޮގަސްޓް ދެވަނަ ދުވަހު ސައުދީ ކޮންސިއުލޭޓް ތެރޭގައި ހަޝޫގްޖީ މަރާލާފައިވަނީ ސައުދީއަށް ނިސްބަތްވާ ޓީމަކުން ކަމުގައި ސައުދީން ވަނީ އެއްބަސްވެފައެވެ. ނަމަވެސް ހަށިގަނޑު ވީތަނެއް އަދި ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް