ޕަބްލިކް ސާވިސް މީޑިއާގެ ވެރިންތަކެއްގެ މައްޗަށް އަބުރުގެ މައްސަލައެއް އެ ކުންފުނީގެ މުވައްޒަފެއް ކަމުގައިވާ މުހައްމަދު އަފްސަލް ހުށަހަޅައިފިއެވެ.
އަފްސަލް މި މައްސަލަ ހުށަހަޅާފައިވަނީ ޕީއެސްއެމްގެ ތިން ވެރިން ކަމަށްވާ، މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފް އާއި ޑިރެކްޓަ އޮފް ނިއުސް، ފަޔާޒު ޔޫސުފްގެ މައްޗަށެވެ.
މިދިޔަ އޮގަސްޓް މަހު އަފްސަލް ނިއުސް އެޑިޓަރެއްގެ މަގާމުގައި ހުއްޓާ ކުއްލި ގޮތަކަށް އޭނާ ދިވެހިރާއްޖޭގެ އަޑުގެ ޕްރެޒެންޓަރެއްގެ މަގާމަށް ބަދަލުކޮށްފައިވަނީ އޭނާގެ އިނާޔަތްތައް ވެސް ކުޑަވާ ގޮތަށެވެ.
އޭނާ ޓީވީއެމްގެ ނިއުސް ރޫމުން ބޭރުކުރަން ޕީއެސްއެމްގެ ވެރިން ތުހުމަތުކުރީ ކުންފުނީގެ ލިޔުންތަކެއް އޭނާ ލީކްކުރި ކަމަށް ބުނެ ކަމަށާއި އެއީ ސާބިތު ނުހިފޭ ދޮގެއް ކަމަށްވެސް އަފްސަލް ބުނެފައިވެއެވެ.
އޭނާ މި މައްސަލަ ހުށަހެޅީ އޭނާއާ ގުޅޭ ގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ފަތުރާފައިވާތީ ކަމަށާއި، އެކަމުގެ ސަބަބުން އޭނާގެ އަބުރާއި އިއްޒަތަށް ގެއްލުންލިބި، މީހުން އޭނާއާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެ އެހެން މުވައްޒަފުންގެ ހިތުގައި އޭނާއާމެދު ޝައްކު އުފެދިފައިވާ ކަމަށް ފުލުހަށް ހުށަހެޅި މައްސަލާގައި އަފްސަލް ބުނެފައިވެ އެވެ.
އަފްސަލް ފުލުހުން ކިބައިން އެދިފައިވަނީ އެ މައްސަލަ އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ގާނޫނުގެ ދަށުން ތަހުގީގުކޮށްދީ، ޖިނާއީ ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިދިނުމަށެވެ.
މިކަމާ ގުޅިގެން އެ ތިން ބޭފުޅުންގެ ބަހެއް ނުލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް