އަންނަ ނޮވެމްބަރު މަހު ބާއްވަން ހަމަޖެއްސި ނައިޓް މާކެޓް، ހައުސިން މިނިސްޓްރީން އެއްބާރުލުން ނުލިބުމުން ކެންސަލް ކޮށްފި އެވެ.
ނައިޓް މާކެޓް ބާއްވަން ހަމަޖެހިފައި އޮތީ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން މާލޭ ސިނާއީ ސަރަހައްދުގައި އެވެ،
މާކެޓް އިންތިޒާމް ކުރާ ވިޔަވާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ ނައިޓް މާކެޓް ބާއްވަން މިނިސްޓްރީން ހުއްދަ ދިން ނަމަވެސް އިތުރު މަސައްކަތްތަކުގައި އެއްބާރުލުން ނުދޭ ކަމަށެވެ. އަދި މިނިސްޓްރީން އެކަމަށް ކަނޑައަޅާފައިވާ އޮފިޝަލް ޗުއްޓީގައި ހުރުމުން ދެން ހަވާލުވި މީހާއަށް ނައިޓް މާކެޓާ ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގުމަކީ ކުރު މުއްދަތެއްގެ ތެރޭގައި އިންތިޒާމުތައް ހަމަޖެއްސުމަށް އުނދަގޫވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކަށް ނޭނގެ އެކަން ކުރަންވީ ކިހާ ސަރަހައްދެއްގައި ކަމެއް. އަދި އެކަމުގެ އެއްވެސް އިންތިޒާމެއް މިހާތަނަށް މިނިސްޓްރީގެ ފަރާތުން ހަމަޖެހިފައެއް ނެތް،" އާސިފް ވިދާޅުވި އެވެ.
އާސިފް ވިދާޅުވި ގޮތުގައި ނައިޓް މާކެޓާ ގުޅޭ ކަންކަން ހަމަޖެއްސުމަށް ހައުސިން މިނިސްޓްރީއަށް ގުޅައި، ފޯނަށް އެސްއެމްއެސް ކުރުމުން ވެސް ޖަވާބެއް ނުލިބެ އެވެ. އަދި ވިދާޅުވީ ހައުސިން މިނިސްޓްރީން ބިން ދޫކުރި ނަމަވެސް މި މަސް ނިމުމުން އެކަމާ ގުޅޭގޮތުން އެއްބަސްވުމެއް ހެދުމަށް އެދިފައިވާ ކަމަށެވެ. އެކަމަކު އެއްބަސްވުމުގައި އޮތް އެއްޗެއް ނޭނގި، ގިނަ ދުވަސްތަކެއް ވަންދެން މަޑުނުކުރެވޭނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ނައިޓް މާކެޓްގައި ބައިވެރިވުމަށް މި އަހަރު ހުޅުވާލުމުން މޭޒު ހޯދުމަށް 800 އަށް ވުރެ ގިނަ މީހުން ވަނީ ނަން ނޯޓުކޮށްފަ އެވެ. މޭޒެއް ވިއްކުމަށް ހަމަޖެއްސީ 5،750 ރުފިޔާ އަށެވެ.
އާސިފް ވިދާޅުވީ އެއްވެސް މީހެއްގެ އަތުން އަދި ފައިސާއެއް ނުނަގާ ކަމަށާއި އެހެންވެ، ނައިޓް މާކެޓް ކެންސަލް ކުރުމުން ގެއްލުމެއް ނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް