ޝާރުކް އާއި ސަލްމާންގެ ފިލްމު ފްލޮޕް ވުމާއި މެދު އާމިރް ހާން ދެކެނީ ތަފާތު ގޮތަކަށް!

އެންމެ ފަހުން ރިލީޒް ކުރި ސަލްމާން ހާންގެ "ޓިއުބް ލައިޓް" އާއި ޝާރުކް ހާންގެ "ޖަބް ހެރީ މެޓް ސީޖަލް" އަކީ އެ ދެ ތަރިން ކުޅުނު ފިލްމުތަކުގެ ތެރެއިން މިފަހަކަށް އައިސް އެންމެ ބޮޑު ގެއްލުމާއި ކުރިމަތިލާނ...

23 Aug 2017 | 03:30

އެންމެ ފަހުން ރިލީޒް ކުރި ސަލްމާން ހާންގެ "ޓިއުބް ލައިޓް" އާއި ޝާރުކް ހާންގެ "ޖަބް ހެރީ މެޓް ސީޖަލް" އަކީ އެ ދެ ތަރިން ކުޅުނު ފިލްމުތަކުގެ ތެރެއިން މިފަހަކަށް އައިސް އެންމެ ބޮޑު ގެއްލުމާއި ކުރިމަތިލާން ޖެހުނު ފިލްމުތަކެކެވެ.

ހާއްސަކޮށް "ޓިއުބް ލައިޓް" އަކީ ސަލްމާން ހާންގެ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއްވި ފިލްމެވެ.

މިކަމާ ގުޅިގެން ބޮލީވުޑް ދިރާސާ ކުރާ ފަރާތްތަކުންނާއި މީޑިއާއިން ބުނެފައިވަނީ އުމުރުން ދުވަސް ވުމުން ގައިގޯޅި މަންޒަރު ކުޅުމުން އާންމުން ބަލައި ނުގަންނާނެ ކަމަށެވެ. އަދި މިހާރު އެ ތަރިން ޅަ އަންހެން ކުދިންނާއި އެކު ލޯބީގެ ބައިތައް ކުޅުމުގެ ބަދަލުގައި ތަފާތު އެހެން ރޯލުތަކުން ފެންނަން ޖެހޭ ކަމަށެވެ.

އަދި އެންމެވެސް ވަނީ މިފަހަކުން އާމިރު ހާން ނިންމި ވަރުގަދަ ނިންމުމަށް ތައުރީފުކޮށްފަ އެވެ. އެންމެ ފަހުން އާމިރު ހާން ފެނިގެން ދިޔަ ފިލްމު "ދަންގާލް" ގައި އޭނާ އަދާކޮށްފައިވަނީ ހަތަރު އަންހެން ކުދިންގެ ބައްޕައެއްގެ ރޯލެވެ. އެ ފިލްމަކީ މިހާތަނަށް ބޮލީވުޑްގަ ދެވަނައަށް އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމެވެ.

އެހެންވެ ގިނަ ބަޔަކު ވަނީ ސަލްމާން ހާން އާއި ޝާރުކް ހާންގެ ފިލްމު ފްލޮޕްވުމުން އާމިރު ހާން ދެކޭގޮތް ބެލުމަށް ވަރަށް ބޮޑަށް ޝައުގުވެރިވެފަ އެވެ.

އާމިރު ބުނީ ފިލްމެއް ފްލޮޕް ވުން ތަރިންގެ އުމުރާއި ނުގުޅުވޭނެ ކަމަށެވެ. އަދި ތަރިން އުމުރުން ދޮށީވުމުން އާންމުން ދެކޭ ގޮތާއި ޝައުވެރިކަން ބަދަލުވާކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ބުންޏެވެ.

އާމިރު ދެކޭގޮތުގައި ހުރިހާ ފިލްމަކީ ކާމިޔާބު ފިލްމުތައް ކަމަށް ބަލައިގެން ނުވާނެ އެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެ ކަމަށް އޭނާ ބުންޏެވެ.

ދެން އެންމެ އަވަހަށް އާމިރު ހާން ފެނިގެންދާނީ މިއަހަރުގެ އޮކްޓޯބަރު މަހު ރިލީޒް ކުރާ "ސީކްރޭޓް ސުޕާ ސްޓާ" އިންނެވެ. މިހާރު އެެ ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓުތައް ވަނީ ފަށާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް