އިނގިރޭސިވިލާތުގެ ލަންޑަނުން ނުވަ ޒުވާނަކު ހައްޖަށް ދިޔައީ ބައިސްކަލުގައި އެވެ. އެމީހުން މިހާރު މަދީނާއަށް ގޮސްފައިވާއިރު ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ދިޔައީ ފަސް ގައުމެއް ހުރަސް ކޮށްފަ އެވެ.
ބައިސްކަލުގަ ހައްޖަށް ދިޔަ ގްރޫޕުގެ ލީޑަރު އަބްދުލް ވާހިދު ބުނެފައިވަނީ މަގުސަދަކީ ބައިސްކަލުގައި 3،000 ކިލޯ މީޓާރު ދަތުރުކޮށް ހައްޖަށް ދިއުމުގެ ޝަރަފު ހޯދުން ނޫން ކަމަށެވެ. އޭނާ ބުނީ މި މާތް އަޅުކަމަށް ހަ ހަފްތާ ވަންދެން ބައިސްކަލުގައި ކުރި ދަތުރުގައި އިޓަލީ، ސްވިޒަލޭންޑު، ފްރާންސް، ގްރީސް އަދި މިސްރު ހުރަސްކޮށްގެން ދައްކައިދޭން ބޭނުންވީ އިސްލާމް ދީނަކީ ހަމަނުޖެހުމަށް ތާއީދު ނެތް އަމާން ކަމުގެ ދީނެއް ކަމެވެ.
އަދި ހައްޖުގެ މަތިވެރި އަޅުކަމަކީ އެކަކު އަނެކަކަށް އެހީވެ އޯގާތެރިވެ އަދި ދުއާ ކޮށްދިނުމުގެ އިތުރުން އަމިއްލަ ފާފަތައް ފުއްސަވައިދެއްވާތޯ މާތް ﷲ ގެ ހަޞުރަތުން ދުއާ ކުރުމަށް ކުރެވޭ އަޅުކަމެއްކަން ބުނެދިނުމެވެ. އަބްދުލް ވާހިދު އިސްލާމްވީ މީގެ ހަ އަހަރު ކުރިންނެވެ.
އެމީހުންގެ މިދަތުރަކީ ބަޔަކު ހަރަދުކޮށްގެން ކުރި ދަތުރެއް ނޫންކަމަށާއި މިދަތުރަށް ތާއީދުކޮށް މިހާތަނަށް އަމިއްލަ މީހުންނާއި ޖަމާއަތްތަކުން ދީފައިވާ ފައިސާ އާއި ދޭން ނިންމާފައިވާ ފައިސާ ހަރަދު ކުރާނީ ސީރިއާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ކަމަށް ބުންޏެވެ. އެމީހުންގެ އަމާޒަކީ މި ދަތުރަށް އެ މިލިއަން ޕައުންޑު ހޯދުމެވެ.
އަދި އެ ފައިސާއިން މެލޭޝިއާ އާއި އިނގިރޭސިވިލާތުގެ އެހީދޭ ދެ ޖަމާއަތަކުން ސީރިއާއަށް ފޮނުވާ އެމްބިއުލާންސްތަކަށް ބޭނުންވާ ފުރަތަމަ އެހީގެ ސާމާނު ގަންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް