"ކޮންތާކުން ތިޔައީ....؟ ރެސްޓޯރަންޓަކަށް ގޮއްސަތަ ތިއައީ...؟" ބިލަށް ބަލާލުމަށްފަހު ރާއިފު އައިލީން އާ ސުވާލުކޮށްލިއެވެ.
"އާނ...! އޮފީހުގައި އުޅެނިކޮށް ހީނާ ގުޅާފަ އޭނަ ކޮންމެވެސް ވާހަކައެއް ޝެއަރކޮށްލަން މީޓްކޮށްލަން ބޭނުމޭ ބުނީމަ އޭނައާއެކު ދިޔައީ...! ރާއިފުއަށް ސަލާމް ބުނާށޭ ވެސް ހީނާ ބުނި..." އައިލީން ދޮގެއް ހެދުން ނޫން އިތުރު ގޮތެއް ނެތުމާއެކު ދޮގެއް ހަދާލިއެވެ.
ރާއިފު އެވާހަކަ ގަބޫލުކުރިއެވެ. ދޮގުހެދުމަކީ އައިލީން ނުކުރާ ކަމަކަށް ވާތީއެވެ. ދޮގެއް ހަދަން ޖެހުނީތީ އައިލީން ވަރަށް ހިތްހަމަ ނުޖެހުނެވެ. އެހެންނަމަވެސް ޙަޤީޤަތް ހާމަކުރާކަށް ނުކެރުނެވެ.
"އަހަރެން ހީކުރީ ރެސްޓޯރަންޓްތަކަށް އައިލީން އެހާ ދާހިތް ނުވާކަމަށް...." ދާހިތްވާކަން އެނގޭނަމަ ކޮންމެ ރެޔަކު އައިލީން ގޮވައިގެން ކޮންމެވެސް ރެސްޓޯރަންޓަކަށް ދާނަން..." ސަމާސާ ރާގަކަށް ރާއިފު ބުނެލިއެވެ.
"މަޑުކޮށްބަލަ...! ކޮންތަނަކަށް ތި ދަނީ...؟" ރާއިފު ބޭރަށް ދާން ހިނގައިގަތުމުން އައިލީން ހީކުރީ ރާއިފު އެބިލުގައިވާ ރެސްޓޯރަންޓަށްގޮސް އައިލީން އެތަނަށް ދިޔައީ އަންހެންކުއްޖަކާ އެކުގައިތޯ އަހާފާނެ ކަމަށެވެ.
"ކިހިނެއްވީ...؟ ބުނީމެއްނު ރައްޓެއްސަކާ ބައްދަލުކޮށްލަން ދާށޭ....! އަނެއްކާ ކަމެއް އޮތީތަ...؟ މިރޭ ބޭރަށް ނުގޮސް މަޑުކުރަންވީތަ...؟ އަނެއްކާވެސް ހީނލާފައި ސަމާސާ ރާގަކަށް ރާއިފު ބުނެލިއެވެ.
"ނޫނޭ ކަމެއްނުވެއޭ...! މާ ނަލަހެދިލައިގެންދާތި ހަމަބަލާލީއޭ...! ދޭ އަވަހަށް ގޮސްލާފައި އަންނަން...!" އައިލީންވެސް ކުޑަކޮށް ހީނލުމަށްފަހު ބުނެލިއެވެ.
"ހަމަ އޯކޭތަ އަހަރެން ދިޔަޔަސް...! ބޭނުމިއްޔާ ނުގޮސް މަޑުކޮށްފާނަމޭ...!" އަނެއްކާވެސް ސަމާސާ ކޮށްލުމުގެ ގޮތުން ރާއިފު ބުނެލިއެވެ.
ރާއިފު ނުކުމެގެން ދިޔުމުން އައިލީން ވިސްނާލިއެވެ. އެބިލް އަނެއްކާ ދަބަސް ތެރެއަށް ލެވިފައ އެއޮތީ ކީއްވެބާއެވެ. ބިލް ފެނިގެން ރާއިފަށް ޝައްކު ނުވިކަން ނަސީބެކެވެ. މިފަދަ ޚިޔާލުތަކެއްގައި ހުއްޓާ އައިލީންގެ މޮބައިލް ރިންގ ވިއެވެ. ފޯނު ކުރަނީ މިފްޒާލް އެވެ. މިފްޒާލްގެ ބޭނުމަކަށްވީ ރާއިފުއަށް އެ ބިލް ފެނުނުތޯ އާއި އެބިލް ފެނުނުނަމަ ބިލް ފެނިގެން އެއްވެސް މައްސަލައެއް ޖެހުނުތޯ ބެލުމެވެ.
"ކިހިނެއް ވީ...؟" އައިލީން ހިތްހަމަނުޖެހިފައި ފޯނު ނެގިގޮތާށް ސުވާލު ކުރިއެވެ.
"ކަމެއްވީމަތަ އަހަރެން ގުޅަންޖެހޭނީ...! ކޮބާ ރާއިފު...؟" މިފްޒާލް ވަގުތުން ސުވާލު ކޮށްލިއެވެ.
"އެބައުޅޭ ގޭގައި...! ތިވަރަށް މަށަށް ނުގުޅަބަލަ...! މިހާރު އަހަރުމެން ދެމީހުންގެ ދެމެދުގައި ގޮތެއް ހަމަޖެހިއްޖެއެއްނު...! މިރޭ ރެސްޓޯރަންޓުން ގެއަށް އައި އިރު އަހަންނަށް އާދެވުނީ ބިލްވެސް ދަބަސް ތެރެއަށް ލައިގެން...! ކިރިޔާ ސަލާމަތް މިވީ..." ހިތްހަމަ ނުޖެހިފައިހުރެ އައިލީން ވާހަކަ ދެއްކިއެވެ.
މިފްޒާލް އެވަގުތުހުރީ އައިލީންމެންގެޔާ މާދުރު ނޫން ހިސާބެއްގައި ކަމުގައިވާތީ ރާއިފު ބޭރަށް ނުކުމެގެން ދިޔަތަން ފެނިފައިވާތީ ރާއިފު ގޭގައި އުޅެޔޭ ކިޔައިގެން ހެދީ ދޮގެއްކަން މިފްޒާލް އަށް އެނގެއެވެ. އެހެން ނަމަވެސް އާދެވުނީ ބިލު ހިފައިގެންނޭ ބުނުމުން މިފްޒާލް އަށް ކުޑަކޮށް ހެވުނެވެ. އަދި އެކަން އައިލީން އަށް ފާހަގަވެސް ވިއެވެ. ލޯބިވާ މީހަކަށް އެ ކަހަލަ ކަމެއް ވުމުން ހޭން ވާނެ ހެއްޔެވެ؟ ނޫނީ އެއީ މިފްޒާލް ކަމެއްބާއޭ އައިލީންގެ ހިތަށްއެރިއެވެ.
"އެހެން ބުނީމާ ކީއްވެ ތި ހީނގަތީ...! ތިއީ ހާދަ ހެއްވާ މީހެކޭ...! މިފްޒާލްދޯ މަގޭ ހޭންޑްބޭގަށް އެ ބިލު ލީ...؟ ކީއްކުރަން ކުރިކަމެއް އެއީ....! މިފްޒާލް ބޭނުންވަނީ އަހަންނާ އަހަރެންގެ ފިރިމީހާ އާ މައްސަލަ ޖަލްސަންތަ...؟" ހިތްހަމަނުޖެހިފައި އައިލީން ސުވާލު ކުރިއެވެ.
"އަހަންނޭ...! އުހުނ...! އަހަންނެއް ނޫން...! އަހަރެން ކީއްކުރަން އައިލީންއަށް ލަނޑެއްދޭން އެކަހަލަ ކަމެއް ކުރަންވީކީ...! މިފްޒާލް އޮޅުވާލަން މަސައްކަތް ކުރިއެވެ.
"ހުސް ދޮގު ތިހަދަނީ...! އެހެންނޫނީ ކޮން ހިންޏެއް ތިއަންނަނީ...! ތި ކަހަލަ ކަންތައް ކުރާތީ އަހަރެން މިފްޒާލް މަތިން ފޫހިވަނީ...!" އައިލީން ހިތްހަމަ ނުޖެހިފައި ބުންޏެވެ.
"އަދިވެސް އަހަރެންތަ ދޮގު މި ހަދަނީ...! ނޫނީ އައިލީންތަ...؟ އަހަންނަށް ކަނޑައެޅިގެން އެބައިނގޭ ތިގޭގައި މިވަގުތު ރާއިފު ނެތްކަން...! އެކަމަކު ތި ބުނަނީ ރާއިފު އުޅެއޭ...! ކީއްވެތަ އަބަދު އައިލީން އޮޅުވާލަން މަސައްކަތް ކުރަނީ...! އަހަރެން ދެރަކުރަނީ...!" މިފްޒާލް ދެރަވާކަމަށް ހެދެމުން ބުނެލިއެވެ.
"އެހެންވީމަ، އަދިވެސް މިފްޒާލް މަށަށް ފާރައެއްނު ތި ލަނީ..! ކީއްވެތަ އަބަދު އަހަންނަށް ފާރަ ތިލަނީ...! ބުނީމެއްނު އަހަރެން ހަނދާން ނައްތާލުމަށްފަހު އަންޖަލް އަލުން ގެޔަށް ގެންނާނަމޭ...! މިފްޒާލް ދައްކާ ވާހަކަތަކުގައި އެއްވެސް އިތުބާރެއް ނެތެއްނު....!" އައިލީންވެސް ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ.
"އާނ...! އަހަރެން ބުނިން އެކަން ކުރާނަމޭ...! އެކަމަކު އެކަން ކުރުމަށްޓަކައި އަހަންނަށް އައިލީންގެ ސަޕޯޓް ކިހާވަރަކަށް ބޭނުންވާނެކަން އައިލީންއަށް އެނގޭތަ...؟ އެކަމަކު އަބަދު އައިލީން ތިއުޅެނީ އަހަރެން ދެރަކުރަން ވެގެން...! އަހަރެން ބޭނުން މިރޭ އައިލީން އާ ބައްދަލު ކުރަން...! އެކަމާބެހޭ ގޮތުން ވާހަކަ ދައްކަން...! މިރޭ ބައްދަލު ކުރެވިދާނެތަ...؟" މިފްޒާލް ބޭނުންވީ ކޮންމެވެސް އެއްޗެއް ކިޔައިގެން އައިލީން އާ ބައްދަލު ކުރުމަށެވެ.
"މިފްޒާލްއަށް ހީވަނީ މިފްޒާލް ގުޅައިގެން ތިވާހަކަ ދައްކަނީ ހުއްސަރިބައި ކުއްޖަކާ ކަމަށްތަ...؟ ބަލަ، އަހަރެން މިއީ މީހެއްގެ އަތްންބެކޭ...! އަހަރެން މި އުޅެނީ އަހަރެންގެ ޢާއިލާ ރޫޅުނަ ނުދީ ވޭތޯ...! ކިހާ ރީތިކޮށް މިރޭ ވެސް ވާހަކަ ދެއްކިއްޖެ...! އެކަމަކު ހިޔެއްނުވޭ މިފްޒާލް އަށް އެއްވެސް އެއްޗެއް ވިސްނުނުހެނެއް...! އިރުއިރުކޮޅާ އަހަރެން ކިހިނެއްތަ މިފްޒާލްއާ އެކީގައި ތަންތަނަށްދާނީ...؟" ހިތްހަމަ ނުޖެހިފައި އައިލީން ތަންކޮޅެއް ބާރަށް ވާހަކަ ދެއްކިއެވެ.
"ބަލަ...! މީގެ ކުރިން މަށާއެކީ ކޮޓަރިތަކަށާއި، އެކިއެކި ތަންތަނަށް ދިޔައީ ހުއްސަރިބައިކޮށް ހުރެގެންތަ..؟ އައިލީން ޖަވާބުދީފާނަންތަ...؟ ނޫނީ ނުދާނަންތަ...؟" މިފްޒާލްގެވެސް އަޑު ބާރުވިއެވެ.
އައިލީން ހިތްހަމަ ނުޖެހިގެން ހަމަ ވަގުތުން ފޯނު ކަނޑާލިއެވެ. ފޯނު ކަނޑާލުމާއެކު އަނެއްކާވެސް މިފްޒާލް ފޯނު ކުރުމަށްފަހު އޭނައަށް އަމަލު ކުރެވުނު ގޮތާމެދު މާފަށް އެދުނެވެ. އެހެން ނަމަވެސް އައިލީން ހުރީ މިފްޒާލް ދެކެ ވަރަށް ބޮޑަށް ފޫހިވެފައެވެ.
"ވަރަށް ބޮޑަށް ސޮރީ...! އައިލީން ވާހަކަ ދެއްކިގޮތުން އަހަރެން ކޮންޓްރޯލުން ނެއްޓީ...!" އާދޭސްކުރާ ރާގަކަށް މިފްޒާލް ވާހަކަ ދެއްކިއެވެ.
"ކޮން ސޮރީއެއް...! އަހަރެން ބޭނުމެއްނޫން މިފްޒާލް އާ އިތުރަށް ދެން ވާހަކަ ދައްކާކަށް...! އަހަރެން ވަރަށްބޮޑަށް ފޫހިވެއްޖެ...!" އައިލީން ހިތްހަމަ ނުޖެހިފައިހުރެ ވާހަކަ ދެއްކިއެވެ.
"އެހެންވިއްޔާ ދެން އަހަރެން އައިލީންއަށް ފޯނު ވެސް ނުކުރަންވީތަ....؟" ޙަޤީޤަތުގައި ވެސް މިފަހަރު މިފްޒަލްހުރީ ވަރަށް ބޮޑަށް ދެރަވެފައެވެ.
އާނ...! އަހަންނަށް ދެން ފޯނު ނުކުރާތި...! އަހަރެން ބޭނުމެއް ނޫން ދެން އިތުރު އެއްވެސް ވާހަކައެއް މިފްޒާލް އާ ދައްކާކަށް...! މިއީ އަހަންނަށް ކުރެވުނު އެންމެ މޮޔަ ކަންތައްކަން މިހާރު އަހަންނަށް ވިސްނިއްޖެ...!" އަނެއްކާވެސް އައިލީން ފޯނު ކަނޑާލިއެވެ.
ނަސީބަކުން މިފްޒާލް އެރޭ ފަހުން ދެން ނުގުޅައެވެ. އެހެން ނަމަވެސް ކެނޑިނޭޅި މެސެޖްތައް ފޮނުވަމުން ގެންދިޔައެވެ. އެކި ކަހަލަ ލޯބީގެ މެސެޖްތަކެވެ. އެމެސެޖްތައް ކިޔާލުމުންވެސް މިފްޒާލް އަކީ ލޯތްބަށް ކުޅަދާނަ މީހެއްކަން އެނގެއެވެ. ބައެއް މެސެޖުތައް ކިޔާލުމުން އެމެސެޖުތަކުގެ ސަބަބުން އައިލީންގެ ހިތަށްވެސް އަސަރު ކުރެއެވެ. އެހެން ނަމަވެސް އައިލީން މިފަހަރު މިފްޒާލްގެ ބަހަށް ހެއްލޭކަށް ގަސްދެއް ނުކުރެއެވެ. މިފްޒާލް އަކީ މަކަރުވެރިއެއްކަން އައިލީން އަށް އެނގެއެވެ. ލިބެން އުޅުނު ދަރިފުޅު އައިލީންއާ ވަކިވި ދުވަހު މިފްޒާލް އުފާވިކަމީ އެ ކަމުގެ ފުރިހަމަ ހެއްކެކެވެ. އަދި އައިލިންއަށްޓަކައޭ ބުނެ އަމިއްލަ އަނބިމީހާ ދޫކޮށްލުމަކަށް މިފްޒާލް ފަހެއް ނުޖެހުނެވެ. އެފަދަ މީހަކު އެހެން މީހަކަށްޓަކައި އައިލީން ދޫކޮށްލުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަދި އައިލީންގެ ދިރިއުޅުން ހަލާކުކޮށްލަންވެސް މިފްޒާލް ފަސްނުޖެހޭނެކަންވެސް އައިލީން އަށް އެނގެއެވެ. ނިދަން ތައްޔާރު ވުމަށްޓަކައި އެއްޗެހި ބަދަލު ކޮށްލައިގެން އައިލީންވަނީ ފާހާނާއަށެވެ. ފާހާނާގައި ހުރި އިރުވެސް ދެތިން މެސެޖު އައި އަޑު އިވުނެވެ. ފާހާނާއިން ނިކުމެ އައިލީން މެސެޖުތައް ކިޔާލިއެވެ. ފުރަތަމަ އޮތީ ލޯބީގެ ލަވައެކެވެ. "ނުވާނަމަ އިޝްޤު ދުނިޔޭގައި ހިތާމަ ކުރަން ނުޖެހުނީހޭ... އައި ލަވް ޔޫ..." މިހެންނެވެ. ދެން އޮތީ ލޯތްބަށް އެދި ސަލާން ޖަހަމޭ ކިޔާފައި ލިޔެފައި އޮތް މެސެޖެކެވެ. އައިލީން މެސެޖުތައް ޑިލީޓްކޮށްލިއެވެ. އަދި ހިތަށް އެރިއެވެ. އެއީ ލޯތްބޭ ބުނެވިދާނެ ބާއެވެ...؟ އެ ވަރަށް ލޯބިވާނެ މީހަކު ހުރިކަމީ އައިލީން އުފާވާ ކަމަކަށް ވިޔަސް ހިތުގައިވަނީ ބިރުވެރިކަމެއް އުފެދިފައެވެ. ހެޔޮހިތުން އައިލީން ގަބޫލުކުރަންވީ ކޯޗެއް ހެއްޔެވެ؟ މިފްޒާލްގެ ލޯބި އެކަނިހެއްޔެވެ؟ ނޫނީ ހަމައެކަނި މިފްޒާލްގެ އޯގާތެރިކަން ހެއްޔެވެ؟ ރަޙުމަތްތެރިކަން ހެއްޔެވެ؟ އެރޭ ނުނިދާ ހޭލާ ހުރެގެން މިފްޒާލް އެތައް މެސެޖެއް ފޮނުވިއެވެ. ހެއްވާކަމަކީ ދެން އަންނާނެ މެސެޖެއްގެ އިންތިޒާރުގައި އައިލީން ހޭލައި އޮތްކަމެވެ. މިފްޒާލް ދެކެ ރުޅިއަންނަން އައިލީން ކުރާ މަސައްކަތްތައް ވަނީ ބޭކާރެވެ. އެ ކަމުގެ ޙައްލަކީ ކޮބައިކަމެއް އައިލީން އަކަށް ނުވިސްނެއެވެ. އައިލީން ކާމިޔާބު ކުރުމަށްޓަކައި އެންމެ ތަންކޮޅެއްވެސް ދޫދޭކަށް މިފްޒާލް ބޭނުމެއް ނުވެއެވެ. ދެދުވަހުން އެއް ދުވަހަކު މިފްޒާލް، އައިލީން ކާމިޔާބު ކުރުމަށްޓަކައި ކޮންމެވެސް ކަމެއް ކުރެއެވެ. ރުހުމުގައި އައިލީން މިފްޒާލް ގާތަށް ނާންނާނެކަން އިނގޭތީ މިފްޒާލް ކުރާ މަސައްކަތަކީ ފަންޑިތަ ހެދުމެވެ.
"އައިލީން އަބަދުވެސް ހުންނަނީ ކޮންމެވެސް ޚިޔާލެއްގަ...! ހީވަނީ ހިތްބިރުގަނެ މާޔޫސްވެފަ ހުންނަހެން....! އެކަމާ އަހަރެން ވަރަށް ކަންބޮޑުވޭ....! ހަދާނެ ގޮތެއްވެސް ނޭނގިފަ މިހުންނަނީ...!" ރާއިފު، މަޝްވަރާކުރީ އޭނާގެ އެކުވެރިއެއް ކަމުގައިވާ ޙަސަން އާ އެވެ.
"ތިކަމުގައި އަހަންނަށް ފެންނަ ޙައްލެއް ބުނަން...؟ ތިގޮތަށް ކަންތައް ދިމާވަންޏާ އަހަންނަށް ފެންނަނީ އަންހެނުން ހިތްހަމަ ޖައްސާލަން އޭނަ ގޮވައިގެން ތަންތަނަށް ނުކުމެ ހިނގާލާ ރަށްރަށަށް ގޮސްލާ ހަދާލަން...!" ޙަސަން އޭނާއަށް ފެންނަ އެއްޗެއް ބުނެލިއެވެ.
"މިހާރަކަށް އައިސް އައިލީން އަބަދުހެން ހުންނަނީ ނެގިމަޑުވެފައި...! އަހަންނަށް ހީވަނީ ދަރިފުޅު ބައިގެން ދިޔައިމަ އެކަމާމެދު މާބޮޑަށް ވިސްނަނީހެން...! އޭނަ އޮފީހަށް ނޫން ތާކަށް ދާކަށް ބޭނުމެއް ނުވާނެ...! އެހެންވީމާ ތަނަކަށްވެސް ނުދެވިގެން މިއުޅެނީ...!" ރާއިފު ވާހަކަ ކުރިއަށް ގެންދިޔައެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 25 ޖުލައި، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް