ވާހަކަ: ޑައިރީ – ތިރީސް އެއްވަނަބައި

ކުރީގެ އަދަދާއި ގުޅޭ... "އައިލީން ބުނެބަލަ...! އައިލީން ބުނި ކޮންމެ ކަމެއް ކޮށްދެވޭތޯ އަހަރެން ބަލާނަން...! ފުރާނަ ދޫކޮށްލަންވެސް އަހަރެން މިހިރީ ތައްޔާރަށް....! އައިލީންގެ ލޯތްބައްޓަކައި އަހަންނަށް ނ...

21 Jul 2024 | 08:00

ކުރީގެ އަދަދާއި ގުޅޭ...

"އައިލީން ބުނެބަލަ...! އައިލީން ބުނި ކޮންމެ ކަމެއް ކޮށްދެވޭތޯ އަހަރެން ބަލާނަން...! ފުރާނަ ދޫކޮށްލަންވެސް އަހަރެން މިހިރީ ތައްޔާރަށް....! އައިލީންގެ ލޯތްބައްޓަކައި އަހަންނަށް ނުކުރެވޭނޭވަރުގެ ކަމެއް އައިލީން އަކަށް ނުބުނެވޭނެ...!" ޔަޤީން ކަމާއެކު މިފްޒާލް ބުނެލިއެވެ.

"ތި ހީކުރާވަރުގެ ބޮޑުކަމެއްނޫން އަސްލު ބުނަން މިއުޅެނީ...! ވަރަށް ކުޑަކަމެއް...! އުއްމީދު ކުރަން އަހަރެން ދެކެ ތިވާ ލޯތްބައްޓަކައި މިކަން ކޮށްދޭނެ ކަމަށް...! އަހަރެން ބުނަން މިއުޅެނީ އަލުން އަންޖަލް ގެޔަށް ގެނެސްގެން އަންޖަލް އާއެކު އަލުން ދިރިއުޅެން ފަށާށޭ....! އަހަންނަށްޓަކައި ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް ހުރިކަމުގައި ވަންޏާ އަހަންނަށްޓަކައި އެކަން ކޮށްދީ...! ލޯބި ލިބުމަކީ ހާސިލުވުން އެކަންޏެއްނޫން...! ލޯބިވެރީންނަށްޓަކާ ދިރިހުރެގެން ވާ ޤުރުބާނީ އަބަދު ލޮލަށް ފެންނަން ހުންނާނެ...! މިގޮތަށް އަހަންނަށްޓަކައި ޤުރުބާންވާން ކެރޭނެތަ...؟" މިފްޒާލް އާ ދިމާއަށް ބަލަހައްޓައިގެން އިނދެ އައިލީން ވާހަކަ ދެއްކިއެވެ.

"ތިކަންވެސް އަހަރެން ކޮށްފާނަން...! އެކަމަކު އައިލީން ދަންނަށްޖެހޭނެ އައިލީންއަށްޓަކައި އަނެއްކާވެސް އަހަރެން މިވަނީ ކިހާބޮޑު ޤުރުބާނީއެއްކަން...! އަހަރެން އައިލީންއަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނަން... ފުރާނަވެސް ދުއްވަލަފާނަން....! އައިލީން އަހަރެންގެ ލޯތްބަށް ސަމާސާ ކުރިޔަސް، އަހަރެން މިވާ ލޯތްބަކީ ސަމާސާއެއް ނޫން...!" މިފްޒާލް އައިލީން އާ ދިމާއަށް ބަލަން އިނދެ ވާހަކަ ދެއްކީ މަކަރުވެރި ކަމާއެކުގައެވެ.

އެވަގުތު މޭޒުމަތީގައި ފައިސާ ދައްކާފައިއޮތް ބިލް ދަނޑިވަޅެއް ބަލާފައި އައިލީންގެ ހޭންޑްބޭގް ތެރެއަށް ސިއްރު ސިއްރުން މިފްޒާލް ވައްޓާލީ ފަހަރެއްގައި އެ ބިލް ރާއިފުއަށް ފެނިގެން އެކަމުގެ ސަބަބުންވެސް އެދެމީހުންގެ ދެމެދުގައި ހަމަނުޖެހުމެއް އުފެދި ދެމީހުން ވަކިވޭތޯ ބެލުމުގެ އުއްމީދުގައެވެ. ކައިވެންޏެއްގެ ތަޖުރިބާ ލިބިފައި ހުރި މީހެއްގެ އަމާޒަކަށް ވާނީ ތަޖުރިބާގެ ހުރިހާ އުކުޅުތަކެއް ބޭނުންކުރުމެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ...! ދެން އަހަރެން ދަނީ...." އައިލީން ގޮނޑިން ތެދުވަމުން ބުނެލިއެވެ.

"އައިލީން ބުނި ބުނުމަކަށް އަދި އައިލީން ދެކެ ލޯބިވާލެއް ބޮޑުކަމުން އަހަރެން މިއެއްބަސްވީ ވަރަށް ބޮޑު ކަމަކަށް....! އަހަރެން އަބަދު ވެސް ތި ލޯތްބަށް އިޙުތިރާމް ކުރާނަން...! އަހަރެން އުއްމީދު ކުރަން އައިލީންވެސް އަހަރެންގެ ލޯތްބަށް އިޙްތިރާމް ކުރާނެ ކަމަށް...!" އައިލީން ހިނގައިގަތުމާއެކު މިފްޒާލް ބުނެލިއެވެ.

އައިލީން އެކަމަށް ވަކި ޖަވާބެއް ނުދެއެވެ. އިސްދަށަށް ޖަހައިގެން މަޑުމަޑުން ހިނގައިފައި ނުކުމެގެން ދިޔައީއެވެ.

އައިލީން ދިއުމުން މިފްޒާލްވެސް ނުކުތީ ގެއަށްދާށެވެ. އެހެން ނަމަވެސް ގެއަށް ދިޔުމުންވެސް މިފްޒާލްއަށް ލިބޭނެ އުފަލެއް ނެތުމާއެކު ގަސްދުކުރީ ދުއްވާލަން ދިޔުމަށެވެ. ސައިކަލްގައި އެކިމަގުތަކުގައި ދުއްވުމަށްފަހު މިފްޒާލް އެރޭ ގެއަށްދިޔައީ ދިހައެއް ޖަހަން އުޅެނިކޮށެވެ.

"ކާންވެސް ނައިސް ކޮންތާކު އުޅެފަ ތިއައީ...! މިހާރު ކާންވެސް ދަރިފުޅު ބޭނުން ނުވަނީތަ....؟ މީހާއަށް ވަމުންދާގޮތް ދެކިބަލަ...! ކިހިނެތްތަ މިހާރަކަށް އައިސް ދަރިފުޅު ތިއުޅެނީ....؟ ގައިމު ތިއީ ކުރިން ދަރިފުޅު އުޅުނު ގޮތެއް ނޫނެއްނު....!  އާދޭ ކާން...!" މިފްޒާލް އައިސް ގޭތެރެއަށް ވަނުމާއެކު ބަދިގެ ތެރޭގައިހުރި މިފްޒާލްގެ މަންމަ ޝަކުވާ ކުރިއެވެ.

"މިއައީ ބޭރުން ކައިގެންނޭ...! ދެން ނުކެވޭނެ...!" މަންމައާ ދިމާއަށް ބަލާލުމަށްފަހު މިފްޒާލް ބުނެލިއެވެ.

"ބޭރުން ކައިގެން އަޔަސް ހެޔޮ...! މަންމަ މިރޭ މި ހުންނަނީ ދަރިފުޅު އަންނަންދެން ނުކައި....! ދަރިފުޅު ނުކަންޏާ މަންމަވެސް ނުކާނަން...!" މިފްޒާލް އާ ދިމާއަށް ބަލަންހުރެ މަންމަ ބުނެލިއެވެ.

"މަންމަ އަދިވެސް ތިއުޅެނީ ކުޑަކުދިން އުޅޭގޮތަށޭ...! މަންމަ ކައިބަލަ...! އަހަރެން މިއައީ ރައްޓެއްސަކާ އެކީ ބޭރުން ކައިގެންނޭ...!" މަންމަ އާއި ދިމާއަށް ހިނގައިގަންނަމުން މިފްޒާލް ބުނެލިއެވެ.

"ކައިގެން އަޔަސް ހެވޭ...! މިތާ މަންމަ ކަންދެން އިށްނަން އާދެބަލަ...! ދަރިފުޅު ގާތުގައި މަންމަ ވާހަކައެއް ދައްކަން އެބައޮތޯ...!" ކާމޭޒު ދޮށުގައި ހުރި ގޮނޑި ދަމާލަމުން މިފްޒާލްގެ މަންމަ ބުނެލިއެވެ.

"ކޮން ވާހަކައެއްތަ...؟ މިފްޒާލް ގޮސް މޭޒު ދޮށުގައި އިށީންނަމުން ސުވާލުކޮށްލިއެވެ.

"ދަރިފުޅު މިހާރު ކޮންގޮތަކަށްތަ ތިއުޅެނީ..؟ ގޭގައި މަޑުވަނީކީ ނޫން...! އަބަދު ބޭރުގައި...! މަންމަ މުސްކުޅިވެ ގައިބާރު ދެރަވި ދުވަހު ދަރިފުޅު ތިގޮތަށް އުޅުނީމަ މަންމަ ކިހާ ދެރަވާނެ...! އަބަދު މަންމައަށް މިހާރު ވިސްނެނީ ތިކަމާ...! ތި އުޅުން ހުއްޓާލާފައި ކުރިން އުޅުނު ގޮތަށް ހަރުދަނާ ދިރިއުޅުމެއް އުޅެން ފަށާބަލަ...! މަންމަ ދަރިފުޅު ގާތުގައި އާދޭސް މިކުރަނީ...!" ހިތާމަވެރި އަޑަކުން މަންމަ ވާހަކަ ދައްކަމުން ގެންދިޔައެވެ.

"ގެއަށް އައިމާ ފޫހިވާތީއޭ އެހާގިނައިން ގޭގައި ނޫޅެނީ....! އަހަރެން ބޭރުގައި އުޅުނަސް ގޯސްގޮތަކަށް ނޫޅެމޭ...!" މަންމަ އާއި ދިމާއަށް ބަލާލުމަށްފަހު މިފްޒާލް ބުނެލިއެވެ.

"ދަރިފުޅު މިއިން ދުވަހަކު އަންޖަލް އުޅޭ ހާލެއް ބަލާލިންތަ....؟ ހާލު ބަލާނުލާތާ އަންޖަލް އަށް ގުޅާލިންތަ...؟" މަންމަ ސުވާލު ކުރިއެވެ.

"އަހަންނަށްވެސް ކަންތައް ކުރެވުނު ގޮތުން ގުޅާލަންވެސް ނުކުރިފަ މި ހުންނަނީ....! އެހެން ނޫނަސް މިހާރު އަންޖަލް އަށް ގުޅުމުގެ އެއްވެސް ޙައްޤެއް އަހަންނަކަށް ނުވެސް އޮންނާނެ....!" އަނެއްކާވެސް މަންމަ އާ ދިމާއަށް ބަލާލުމަށްފަހު މިފްޒާމް ބުނެލިއެވެ.

"އެ ކީއްވެ...؟ އަންޖަލް މިގެއިން ދިޔަކަމުގައި ވިޔަސް އެއީ ދަރިފުޅުގެ އަންހެނުން ނެއްނު...! އެހެންވީމާ އަންހެނުންގެ ހާލު ބެލުމާއި އޭނާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަކީ ފިރިމީހާގެ ވާޖިބެއްނު....!" ކައި ނިމިގެން ތަށި ހިފައިގެން ތެދުވަމުން މިފްޒާލްގެ މަންމަ ބުނެލިއެވެ.

"މަންމާ...! މިވާހަކަ ބުނަން ލަދުވެސް ގަނޭ....! އަހަންނަށް އަންޖަލް ވަރިވެސް ކުރެވިއްޖެ...! އެކަމަކު އަހަރެން އަންޖަލް ވަރި ކުރިކަމެއް އަދި އަންޖަލް އަކަށް ނުވެސް އެނގޭނެ...! ރައްޓެއްސެއްގެ ގާތުގައި ހުރެއެކަން ކުރެވުނީ....!" އަޅައަޅައިގަންނަމުން މިފްޒާލް ވާހަކަ ދެއްކިއެވެ.

"އޭނ... ވަރިކުރީއޭ...! މަންމަ ވަރަށް ދެރަވެއްޖެ....! މަންމަ ހީކުރިކަހަލަ ކުއްޖަކަށް ދަރިފުޅުނުވި... ކީއްވެ ތިހެން ތިކަންތައް ކުރީ....! އަންޖަލް ދޫކޮށްލާފަ ދަރިފުޅަކަށް އުފަލުގައި އުޅެވިދާނެހެން ދަރިފުޅަށް ހީވޭތަ....؟" މަންމަގެ ދެލޮލުން ކަރުނަ އައެވެ.

"މަންމާ...! ޤަބޫލުކޮށްބަލަ...! އެއީ އަހަރެން ގަސްދުގައި ކުރި ކަމެއް ނުނޭ...! ކުރެވުނު ކަންތައް އަހަންނަށްވެސް ވިސްނުނީ މާފަހުންނޭ... ދެން ކިހިނެތް ހަދާނީ...؟" މަންމަގެ އަތުގައި ހިފާލުމަށްފަހު މިފްޒާލް ވާހަކަ ދެއްކިއެވެ.

މިފްޒާލް ބޭނުންވަނީ މަންމަ މެދުވެރިއަކަށް ހަދައިގެން އަލުން އަންޖަލް އާއި ގުޅުމަށެވެ. އަންޖަލް ދެކެ ލޯބިވާތީއެއް ނޫނެވެ. އައިލީންއަށް ޓަކައެވެ. އައިލީން ދެކެ ވާ ލޯތްބައްޓަކައި އައިލީން ބުނީތީއެވެ.

"ދެން އަލުން ކައިވެނި ރުޖޫޢު ކުރަން މަންމައަށް ފެންނަނީ...! އެކަމާބެހޭ ގޮތުން ދަރިފުޅު އަންޖަލް އާ ވާހަކަ ދައްކަންވީނު...! މަންމައަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ މިއީ...!" މިފްޒާލްގެ މަންމަ، މަންމަ އަށް ފެންނަ އެންމެ ރަނގަޅު ލަފާދިނެވެ.

"އަހަރެންވެސް މިހާރު ބޭނުންވާ ގޮތަކީ ތިއީ...! އެކަމަކު ނުކެރޭނެ ތިވާހަކަ އަންޖަލް އާ ދައްކާކަށް....! މަންމަ އަންޖަލްއާ ވާހަކަ ދައްކަދޭންވީނު..." މިފްޒާލް ބޭނުންވީ މަންމަ ލައްވާ އެވާހަކަ ބުނުވާށެވެ.

"މިހުރިހާ ކަމެއް މިހެން މިދިމާވަނީ ދަރިފުޅު ވިސްނާނުލާ ކަންތައްތައް ކުރާތީއެވެ. ވަގުތު ފާއިތުވީމަ ހުރިހާ ކަމެއް ތި ވިސްނެނީ....! މަންމަ ބަލާނަން ތިކަން ވޭތޯ...!" އަތް ދޮވެލުމަށްފަހު އަތް ފޮހެލަމުން މަންމަ ބުނެލިއެވެ.

މިފްޒާލް ތެދުވެގެން ދިޔައީ އޭނާ ބޭނުންވި ކަންތައް ވަރަށް ފުރިހަމައަށް ކާމިޔާބު ވެއްޖެކަމުގެ ޔަޤީން ކަމާއެކުގައެވެ.

ހަމަ އެރެއެވެ. ރާއިފު ބޭރަށް ދާންވެގެން ބަލާލިއިރު ގޭގެ ތަޅުދަނޑިއެއް ނުފެނުނެވެ. އެތަންމިތަން ހާވަނިކޮށް އައިލީން އޮފީސް ނިންމާލުމަށްފަހު ގެޔަށް އައިސްވަނެވެ.

"އައްދޭ ގުޅާވެސް ނުލާ ތިޔައީ..! ކިހިނެތް ތިއައީ...؟" އައިލީން ކޮޓަރިއަށް ވަނުމާއެކު ރާއިފު ސުވާލު ކުރިއެވެ.

"އާނ....! އޮފީސް، ހަނާން އެކަނި ދާންޖެހޭތީ އޭނަ ބުނެފި އޭނައާ އެކީ ހިނގާލާފަ ދާން ހިނގާށޭ...! އެހެންވެ ހިތަށްއެރީ ހިނގާލާފަ އަންނާނީއޭ....! އެހެން ބުނަންވެގެން ރާއިފު އަށް ގުޅީމޭ...! ކޮބައިތަ ފޯނު...؟ ނުއެއް ގުޅޭ...!" އައިލީން ކޮޓަރިއަށްގޮސް މޭޒުމަތީގައި ދަބަސް ބާއްވަމުން ބުނެލިއެވެ.

"އެހެންތަ....؟ ފޯނު ނިވިފަ އޮތީމަ ޗާޖަށް ޖަހާފަ އެއޮތީ...! އަހަރެން އަދި މި ރެޑީވީ އައިލީން ނިމޭ ގަޑިއަށް ބަލާދާން...! ތަޅުދަނޑި ނުފެނިގެން މިއުޅެނީ...! އަހަރެންގެ ތަޅުދަނޑި ދުށިންތަ...؟" ރާއިފު ގޮސް އައިލީންގެ ކޮނޑުގައި ހިފާލަމުން ލޯތްބާއެކު ސުވާލު ކުރިއެވެ.

"ނުދެކެން...! ކަބަޑުތެރޭ ކުރިންވެސް ބާއްވާ ތާނގައި ނެތްތަ...؟" އައިލީން ސުވާލުކޮށްލިއެވެ.

"ނެތޭ...! ރައްޓެއްސަކާ ދިމާވެލަންދާށާ އެކީ ނުކުންނަން އުޅުނީ...! ދެން ދާނީ ކައިގެން....! ވަރަށް ބަނޑުހައިވެއްޖެ...! ހިނގާ އެއްޗެއް ކާން ދަމާ..." އައިލީންގެ އަތުގައި ހިފަހައްޓާލަމުން ރާއިފު ބުނެލިއެވެ.

ރާއިފު ކައިގެން އައިސް އަނެއްކާވެސް ތަޅުދަނޑިފަތި ފެނޭތޯ ހޯދަން ފެށިއެވެ. ކޮޓަރީގެ އެތަންމިތަން ބެލިއިރުވެސް ތަޅުދަނޑިފަތި ފެންނަގޮތެއް ނުވިއެވެ.

"އަހަރެންގެ ބޭގުގައި އޮންނާނެ އަހަރެންގެ ތަޅުދަނޑިފަތި އެ ހިފައިގެން ދޭބަލަ...!" ރާއިފު އާ ދިމާއަށް ބަލާލުމަށްފަހު އައިލީން ބުނެލިއެވެ.

ރާއިފު ގޮސް ދަބަސް ހުޅުވާލުމަށްފަހު ތަޅުދަނޑިފަތި ނެގިތަނާއި، ތަޅުދަނޑި ފައްޗާއެކު ނެގުނު ކަރުދާސްކޮޅެއް ބިންމައްޗަށް ވެއްޓުނެވެ. ރާއިފު އެކަރުދާސްކޮޅު ނެގުމަށްފަހު ބަލާލިއެވެ. އެއީ ރެސްޓޯރަންޓަކުން ކެޔުމަށްފަހު ފައިސާ ދައްކާފައިވާ ބިލެކެވެ. ބިލްގައިވަނީ މިއަދުގެ ތާރީޚެވެ. އެވަގުތު އައިލީންއަށްވެސް ރާއިފު އާ ދިމާއަށް ބަލާލެވުނެވެ. އަދި ރާއިފު އަތުގައި ބިލް އޮތްތަން ފެނުމާއެކު އައިލީން ހީކުރީ އައިލީންއަށް އޮޅިގެން ބިލް ދަބަހަށް ލައިގެން ގެނެވުނީ ކަމަށެވެ.

"ރެސްޓޯރަންޓަކުންތަ ތިއައީ...؟" ބިލަށް ބަލާލުމަށްފަހު ރާއިފު އައިލީން އާ ސުވާލުކޮށްލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 23 ޖުލައި، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް