N/A
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެންބަރުގެ މަގާމަށް ޙައްޖު ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ 51 މެންބަރުންގެ ވޯޓުން ރުހުންދީފިއެވެ.
ޝަކީލަށް ރުހުން ދީފައި ވަނީ އީސީއަށް އޭނާ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް، ރުހުން ދޭން ފެންނަ ކަމަށް ނިންމުމާ ގުޅިގެންނެވެ. އީސީގެ މެންބަރުގެ މަގާމު ހުސްވީ އެ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު އެ މަގާމުންނާއި މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޝަކީލް ވަނީ މީގެ ކުރިން ވެސް އީސީގެ މެންބަރުކަން ކުރައްވައިފައެވެ. އެ ގޮތުން 3 ޑިސެންބަރު 2014 އިން 9 މެއި 2018 އާ ހަމައަށް މެންބަރުކަން ކުރެއްވިއެވެ. އޭގެ ކުރިން 1 ސެޕްޓެންބަރު 2013 އިން 3 ޑިސެންބަރު 2014 އާ ހަމައަށް އެ ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު ވެސް ޝަކީލް ވަނީ އަދާކުރައްވައިފައެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝަކީލް ވިދާޅުވީ ކުރިން އީސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވީ މިނިވަންކަމާ އެކު މަސްއޫލިއްޔަތު އަދާކުރެވޭނެ މާހައުލެއް ނެތް ކަމަށް ގަބޫލުކުރެއްވުމުން ކަމަށެވެ. އަދި ކޮމިޝަނުގެ މެންބަރަކަށް އައްޔަންކުރައްވައިފި ނަމަ މިނިވަންކަމާ އެކު މަސައްކަތް ކުރައްވާނެ ކަމަށާއި ހުރިހާ ސިޔާސީ ޕާޓީތަކަށް ކަންބޮޑުވުންތައް ހިއްސާކޮށް މަޝްވަރާކުރުމުގެ ފުރުޞަތު ހޯދައިދެއްވާނެ ކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އީސީގައި ޝަކީލާ އެކު މިހާރު ތިއްބަވާނީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙު ރަޝީދާއި ޙަސަން ޒަކަރިއްޔާ އާއި ޢަބްދުލްޙަސީބް އިސްމާޢީލާ އާއި އަލްއުސްތާޛް ރިފްޢަތު ޢަބްދުﷲ އެވެ. ކޮމިޝަނުގެ ރައީސްގެ މަގާމު އޮތީ ހުސްކޮށެވެ. ރައީސަކު އައްޔަންކުރައްވާނީ މެންބަރުން ހަމަވުމުން އެ މެންބަރުންގެ ތެރެއިން މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް