ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވުމުން ފިލައިގެން ދިޔަ އިޒްޔާން ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހޯދަމުންދާ ފ. ނިލަންދޫ / ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ) ހޯދައި ހައްޔަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އ...

23 Jun 2026 | 07:12
ފ. ނިލަންދޫ / ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ) -

ފ. ނިލަންދޫ / ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ) -

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހޯދަމުންދާ ފ. ނިލަންދޫ / ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ) ހޯދައި ހައްޔަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފިއެވެ.

މި މައްސަލައިގެ ތަޙުޤީޤަށް އެނގިފައިވާ ގޮތުގައި، މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިޒްޔާން ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އޭނާ މިހާރު އުޅޭ ތަނެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. ފުލުހުން މީގެ ކުރިން ވެސް ވަނީ އިޒްޔާން ހޯދުމަށް ފޮޓޯއާ އެކު ޢާންމުކޮށް އިޢުލާންކޮށްފައެވެ.

މި މައްސަލައިގައި ތުހުމަތުކުރެވެނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި "އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހާ" ގެ ގޮތުގައި މާނަކޮށްފައި ވަނީ ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިން، އާއިލާގެ މެންބަރުން، މުދައްރިސުން، ކޯޗުން، ޞިއްޙީ ފަރުވާދޭ ފަރާތްތައް އަދި ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ ކޮންމެ މީހެއް ކަމަށެވެ. މިފަދަ ކުށެއް ސާބިތުވެއްޖެ ނަމަ އަންނާނީ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ޙުކުމެކެވެ.

އިންޓަޕޯލް ރެޑް ނޯޓިހަކީ ކުށުގެ ތުހުމަތުކުރެވޭ ފަރާތްތައް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުއްޓަސް ހޯދައި، ޤާނޫނީ އިޖުރާއާތުތަކުގެ ތެރެއިން ހައްޔަރުކުރުމަށް، އިންޓަޕޯލްގެ 196 މެންބަރު ޤައުމުގެ ފުލުހުންގެ އެހީތެރިކަމަށް އެދި ނެރޭ ނޯޓިހެކެވެ. ރެޑް ނޯޓިހަކީ ބައިނަލްއަޤުވާމީ ހައްޔަރުކުރުމުގެ އަމުރެއް ނޫން ނަމަވެސް، ގިނަ ޤައުމުތަކުން މި ނޯޓިހާ އެއްގޮތަށް ޢަމަލުކޮށް، ނޯޓިސް ރައްދުވާ ފަރާތް ހައްޔަރުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް