N/A
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ހުންނަ އަމާން ދޯދި ފަސް ވަނަ ފްލެޓްގެ ދެ ވަނަ ފްލޯއިން ރޭ ވެއްޓުނު 16 އަހަރުގެ ފިރިހެން ކުއްޖަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބުނީ ރޭ 11:15 ހާއިރުއެވެ. ފުލުހުންގެ އެހީތެރިކަމާ އެކު އެ ކުއްޖާ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލަށް ކުއްޖާ ގެންދިޔައީ 11:25 ގައެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ ކުއްޖާ ގެނައިއިރު ވާހަކަ ދައްކާ ކަމަށާއި ވައިޓަލްސް ސްޓޭބަލް ކަމަށެވެ. ނަމަވެސް ކަރުން، ނޭފަތުން އަދި ކަންފަތުން ލޭ އަންނަމުން ދިޔަ ކަމަށާއި ދަތްދޮޅި ފަޅައިގެން ގޮސްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އޭގެ އިތުރުން ފައިގެ ފަލަމަސްގަނޑާ ދިމާލުން ބިނދި ކަކޫ ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށާއި މޫނުމަތީގެ އެކި ކަށިތައް ވެސް ބިނދިފައިވާ ކަމަށް ބުންޏެވެ.
އެ ހޮސްޕިޓަލުން ހެދި ސިކުނޑީގެ ސީޓީ ސްކޭނުން އެތެރެހައްޓަށް ލޭ އެޅުން ފަދަ ކަމެއް ފާހަގަވެފައެއް ނުވެއެވެ. ނަމަވެސް އިތުރު ފަރުވާއަށް ދަންވަރު 3:40 ހާއިރު ކުއްޖާ ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އައިޖީއެމްއެޗުން ބުނީ ކުއްޖާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ. ނަމަވެސް ލިބިފައިވާ އަނިޔާގެ އިތުރު ތަފްސީލެއް އެ ހޮސްޕިޓަލުން ނުދެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ފުލުހުން ބުނީ މިކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް