ސިއްހީ ދާއިރާއިން އެހީތެރިކަން ފޯރުކޮއްދިނުމަށް ކިއުބާ ސަރުކާރާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮއްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސްވިޒްލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދަ "ވާރލްޑް ހެލްތު އެސެމްބްލީ" ގެ 72 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ. އަދި އެއީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން ކިއުބާގެ މިނިސްޓަރ އޮފް ޕަބްލިކް ހެލްތު ޑރ. ހޯޒޭ އެންޖަލް ޕޯޓަލް މިރަންޑާއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގެ ދަށުން ކިއުބާއާއި ދިވެހިރާއްޖެ ގުޅިގެން ޑޮކްޓަރުން ރެކްރޫޓް ކުރުމާއި، ބޭހާއި ކާބޯތަކެތި ޓެސްޓް ކުރުމާއި، މައިކްރޯ ބަޔޮލޮޖިކަލް ޓެސްޓްތަކާއި، އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ އިތުރުން ކެމިކަލް އަދި އެންވަޔަރަންމަންޓަލް ލެބޯރަޓޮރީ ޓެސްޓްތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެހީތެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރ އަމީން ކިއުބާގެ ޕަބްލިކް ހެލްތް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި ޞިއްޚީ ދާއިރާ ހަރުދަނާކުރުމަށް ތަމްރީންގެ އިތުރު ފުރުޞަތު ހޯއްދަވާދެއްވުމަށް މަޝްވަރާކުރައްވާ، ޑޮކްޓަރުންނާއި، ނަރުހުންގެ ސްޕެޝަލައިޒޭޝަން ތަމްރީން ޕްރޮގްރާމްތަކުގެ ފުރުޞަތު ހޯދުމަށްވެސް މިބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
މި މިބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަމީންގެ އިތުރުން ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވް ޑރ. ހާލާ ހަމީދާއި، މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުންނާއި، ޖެނީވާ މިޝަންގެ އިސް މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް