ހަމަލާ ދިނުމުގެ ދެ ގަޑިއިރު ކުރިން މައުލޫމާތު ލިބުނު – އިތުރު ހަމަލާތަކެއް ދިނުމުގެ ފުރުސަތު ބޮޑު: ރަނިލް

އިއްޔެ ލަންކާގައި ދިން ބޮމުގެ  ހަމަލާތައް ދިނުމުގެ ދެ ގަޑިއިރު ކުރިން އިންޓެލިޖެންސަށް އެ މައުލޫމާތު ލިބި ކަމާގުޅޭ ފަރާތްތަކާ އެ މައުލޫމާތުތައް ހިއްސާކޮށްފައިވާކަމުގެ މައުލޫމާތު މިހާރު ލިބިފައިވާކަމުގ...

23 Apr 2019 | 15:22

އިއްޔެ ލަންކާގައި ދިން ބޮމުގެ  ހަމަލާތައް ދިނުމުގެ ދެ ގަޑިއިރު ކުރިން އިންޓެލިޖެންސަށް އެ މައުލޫމާތު ލިބި ކަމާގުޅޭ ފަރާތްތަކާ އެ މައުލޫމާތުތައް ހިއްސާކޮށްފައިވާކަމުގެ މައުލޫމާތު މިހާރު ލިބިފައިވާކަމުގައި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ހަމަލާ ނާކާމިޔާބު ކޮށްލުމުގައި ސަރުކާރު ފެއިލްވި ސަބަބު ހޯދާނެ ކަމަށާއި މިކަމުގައި ބައެއް މިނިސްޓަރުންގެ ވަޒީފާ ދިއުންވެސް އެކަށީގެންވާކަމަށެވެ. އަދި އިތުރު ބޮޑެތި ހަމަލާތަކެއް އައުމުގެ ފުރުސަތު ވަރަށް ބޮޑުކަމުގައިވެސް ރަނިލް ވިދާޅުވިއެވެ.

ރަނިލް ވިދާޅުވިގޮތުގައި އެ ހަމަލާތަކުގެ މައުލޫމާތު ލަންކާގެ އިންޓެލިޖެންސާއި ހިއްސާކުރީ އިންޑިއާގެ އިންޓެލިޖެންސުންނެވެ. އަދި ޗާޗް ތަކަށް އަމާޒުކޮށް ހަމަލާ ދޭން އުޅޭކަމުގެ މައުލޫމާތު ދެ ގަޑިއިރު ކުރިން އިންޑިއާގެ އިންޓެލިޖެންސުން ލަންކާއަށް ފޯރުކޮށްދިން ކަމުގައި ރަނިލް ވިދާޅުވިއެވެ.

މި ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން މިހާރު އުފުލާފައިވާއިރު މި ހަމަލާތަކުގައި 321 މީހަކު މަރުވެފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި 45 ކުޑަކުދިން ހިމެނޭއިރު ޒަހަމްވި މީހުންގެ އަދަދު އުޅެނީ 500 އަށްވުރެ މަތީގައެވެ.

މިއަދު ރަނިލް ވަނީ އިތުރު މައުލޫމާތެއްވެސް ހާމަކޮށްފައެވެ. އެއީ އިންޑިއާގެ އެމްބަސީގައި ގޮއްވާލަން އުޅުނު ބޮން ނާކާމިޔާބު ކޮށްލެވުނުކަމުގެ ވާހަކައެވެ.

މި ހަމަލާ ދިނުމުގައި އިސް ރޯލެއް އަދާކުރީ ނެޝަނަލް ތޯފީކް ޖަމާއަތުގެ ލީޑަރު މައުލަވީ ޒަހްރާން ހާޝިމް ކަމުގައި ގިނަ ބަޔަކު ތުހުމަތު ކުރާއިރު މި ހަމަލާއަކީ ނެޝަނަލް ތޯފީކް ޖަމާއަތާއި އައިއެސް ގުޅިގެން ނުވަތަ އައިއެސްގެ ވާގިވެރިކަމާއެކު ދީފައިވާ ހަމަލާއެއް ކަމުގައި މިހާރު މިވަނީ ވަރަށް ބޮޑަށް ބެލެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް