އަދުރޭގެ ދަރިފުޅުގެ ދެމަފިރިން އައިނު ހައްދަން ދައުލަތުން ނެގި ފައިސާ އަނބުރާ ހޯދަން އަންގައިފި

ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲގެ ދަރިކަލުން ފައިސަލް އިބްރާހިމްއާއި އަނބިކަނބަލުން އައިނެއް ހެއްދުމަށް ދައުލަތުގެ ބަޖެޓުން ހޭދަކުރެއްވި، 72،438 ރުފިޔާ އަނބުރާ ހޯދުމަށް ފިނޭންސ...

23 Feb 2020 | 09:45

ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲގެ ދަރިކަލުން ފައިސަލް އިބްރާހިމްއާއި އަނބިކަނބަލުން އައިނެއް ހެއްދުމަށް ދައުލަތުގެ ބަޖެޓުން ހޭދަކުރެއްވި، 72،438 ރުފިޔާ އަނބުރާ ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް އޮޑިޓާ ޖެނެރަލް އަންގަވައިފި އެވެ.

އޮޑިޓާ ޖެނެރަލް މިއަދު ނެރުއްވި ފޮރިން މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެ ފައިސާ ފައިސަލްގެ ދެކަނބަލުން ނެންގެވީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މަސައްކަތް ކުރެއްވި ދުވަސްވަރު އެވެ. އެކަމަކު އޮޑިޓް ރިޕޯޓުގައި ފައިސަލްގެ ނަން ހާމަ ކުރައްވާފައި ނެތް ނަމަވެސް އެ މުއްދަތުގައި މިނިސްޓާ-ކައުންސެލާގެ މަގާމުގައި ހުންނެވީ ފައިސަލް އެވެ.

އޮޑިޓް ރިޕޯޓުގައި ވާގޮތުން ދެމަފިރިން ހައްދާފައިވަނީ ޕްރާޑާ ބްރޭންޑްގެ އައިނެކެވެ. އެ ރިޕޯޓުގައި ބުނެފައިވާގޮތުގައި އެކަން ކޮށްފައިވަނީ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ވަޒީފާއަށް ފޮނުވާ މުވައްޒަފުންނަށްދޭ އެލަވެންސްތަކާއި އިނާޔަތްތަކުގެ އުސޫލާ ހިލާފަށް ކަމަށެވެ.

މީގެ އިތުރުން މެލޭޝިއާގައި އޭރު ހުންނެވި ދިވެހި ސަފީރާއި އޭނާގެ އަނބިކަނބަލުން ވެސް މެޑިކަލް ޗެކަޕެއް ހެއްދުމަށް 26،360 ރުފިޔާ އެމްބަސީގެ ބަޖެޓުން ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ. އެ މުއްދަތުގައި މެލޭޝިއާގެ ސަފީރަކަށް ހުންނެވީ ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަނެވެ.

މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައިލެންޑް އޭވިއޭޝަނުން ނަގާފައިވާ ޓިކެޓްތަކަކަށް ފައިސަލް 157،290.12 ރުފިޔާ ނުދައްކާ އޮތް މައްސަލައެއް ފެންމަތި ވިއެވެ. އެކަމަކު، ފަހުން އޭނާ ވަނީ އެ ފައިސާ ދައްކައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް