ރޭ ލ. އަތޮޅުގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި ޑިންގީއެއް ބަންޑުން ޖަހާލައި ޒުވާން އަންހެން ކުއްޖަކު ގެއްލިފައިވާއިރު އެ ޑިންގީ ބަންޑުން ޖަހާލުމުން އެހީ ހޯދަން ފިރިހެން މީހާ ފަތާފައި ދިޔައީ އެ އަންހެން ކުއްޖާ އަތަށް އެ ޑިންގީގެ ޕެޓްރޯލް ޓޭންކް ދީފައި ކަމުގައި މައުލޫމާތު ލިބިއްޖެއެވެ.
މިއަދު މީޑިއާތަކަށް އެންމެ ފަހުގެ މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ އެ ޑިންގީގައި ތިބީ ދެމަފިރިންނެއް ނޫން ކަމަށެވެ. މިއަދު ހެނދުނުވެސް ފުލުހުންނާއި އާންމުން އަދި ސިފައިން، އެ ކުއްޖާ ހޯދުމުގެ މަސައްކަތް އެބަ ކުރާކަމަށެވެ.
"އެ ޑިންގީ އަކީ އިންޖީނަކާއި ކުޑަ ޓޭންކެއް ހުންނަ ކަހަލަ ޑިންގީއެއް (ޕެޓްރޯލް މަދު ލިޓަރު އެޅެނީ) އެހެންކަމުން އެމީހުން ދިޔައީ 20 ލިޓަރުގެ ޕެޓްރޯލް ހަމެއްވެސް ހިފައިގެން" ފުލުހުން ބުންޏެވެ.
ފުލުހުން ބުނެފައިވަނީ ޑިންގީ ނައްޓާލީ ފޮނަދޫއިން މާމެންދުއަށް ކަމަށެވެ. ފިރިހެން މީހާ ދިޔައީ އަންހެން ކުއްޖާ ޑްރޮޕް ކުރަން ކަމަށެވެ. އަދި ގާދޫއާއި ސިކްސް ސެންސެސް ދޭތެރޭ ކަނޑު އޮޅީގައި ސިކްސް ސެންސާއި ބޮޑަށް ކައިރީގައި އޮއްވާ ޑިންގީ އިން ޕެޓްރޯލް ހުސްވެގެން ޑިންގީ ހުއްޓުނީ ކަމަށް ބުނެފައިވެއެވެ. އަދި ޑިންގީ ބަންޑުން ޖަހާލީ ޑިންގީއަށް ޕެޓްރޯލް އަޅަނިކޮށް ޖެހި ރާޅާއެކީ ކަމަށްވެސް ބުނެފައިވެއެވެ.
އެމީހުން ފޮނަދޫން ނައްޓާލީ ހަވީރު 06:00 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ފިރިހެން މީހާއަށް ލ. ގަން ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ހާލު ރަނގަޅުވަމުން އަންނަކަމަށާއި އަންހެން ކުއްޖާއަށް ފަތަން ނޭނގޭ ކަމަށް އަދި ފިރިހެން މީހާ އަންހެން ކުއްޖާ ފްލޯޓް ކުރާނެ ހަމަކާއި އަދި ފޯނެއް ދީފައި އޭނާ އެހީ ހޯދަން ސިކްސް ސެންސް ރިސޯޓަށް ފަތާފައި ދިޔައީ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް މި ހާދިސާގައި ފަތާފައި ރިސޯޓަށް އެރި ގަމަށް ނިސްބަތްވާ އިބްރާހިމް ފަޒީލްގެ ރައްޓެއްސަކު ފަޒީލް އާއި ހަވާލާދީ ސަން ނޫހަށް ދީފައިވާ މައުލޫމާތުގައި ބުނެފައިވަނީ މާމެންދުއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ އައިމިނަތު ސިމާ ނާފިޒު އަތަށް ފަޒީލް ދިނީ އެ ޑިންގީގެ ޕެޓްރޯލް ޓޭންކު ކަމަށެވެ. އޭގެން ޕެޓްރޯލް ހުސްކޮށްފައި ކަމަށެވެ.
ޑިންގީ ބަންޑުން ޖަހާލުމުން އެ އަންހެން ކުއްޖާ ނަގައި ޑިންގީ މަތީގައި ބައިންދާފައި ޕެޓްރޯލް ޓޭންކުން ޕެޓްރޯލް ހުސްކޮށް މަތި ޖެހުމަށްފަހު އެ ކުއްޖާ އަތަށް ދިން ކަމަށާއ އޮއި ބާރު ކަމުން ދެން އެ ކުއްޖާ އަތު ނުވި ކަމަށާއި ނަމަވެސް ސިމާ އޮތީ ޓޭންކުގައި ހިފަހައްޓައިގެން ކަމަށް ފަޒީލްގެ ރަހުމަތްތެރިޔާ ސަން އަށް ކިޔައިދީފައިވެއެވެ.
އެމްއެންޑީއެފުން އެންމެ ފަހުން ހަމާކޮށްފައިވާ މައުލޫމާތަށް ބަލާއިރު ސިމާ ހޯދުމަށް ބޮޑު ސަރަހައްދެއް އަންނަނީ ބަލަމުންނެވެ. އެ އޮޕަރޭޝަންގައި ފުލުހުންނާއި އާންމުންނާއި ސިފައިން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އަދި ހެލިކޮޕްޓަރު ބޭނުން ކުރަމުން އަންނަ ކަމުގައިވެސް ސިފައިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް