ލ. ކައްދޫއިން މާމެންދުއަށް ދަތުކުރަމުންދަނިކޮށް ބަންޑުން ޖަހާލައި ގެއްލުނު އަންހެންމީހާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދި އެ އަންހެން މީހާވެސް، ޑިންގީވެސް ފެނިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މިއަދު ހެނދުނު މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ގެއްލިގެން އުޅޭ އަންހެންމީހާ ހޯދުމަށް ހެލިކޮޕްޓަރު ދަނީ ވައިގެ މަގުން ބަލަމުން ކަމަށެވެ. އަދި ކޯސްޓްގާޑު ޑައިވިން ޓީމުވެސް އަންނަނީ ހަރަކާތްތެރިވަމުން ކަމުގައި އާޒިމް ވިދާޅުވެފައިވެއެވެ.
"އަދި މިހާތަނަށް ޑިންގީވެސް އަދި އަންހެންމީހާގެވެސް ހަބަރެއް ނުވޭ، މީހާ ހޯދުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުން" އާޒިމް ވިދާޅުވެފައިވެއެވެ.
ފުލުހުން ރޭ ބުނެފައިވާގޮތުގައި 10:00 ގެ ފަހުން ހިނގި މިހާދިސާގައި، ޑިންގީ ބަންޑުން ޖަހާލާފައިވަނީ ލ. ގާދޫ ކަނޑުއޮޅި ސަރަހައްދަށެވެ. ޑިންގީ ބަންޑުން ޖަހާލިއިރު އޭގައި ތިބީ ފިރިހެނަކާއި އަންހެނެކެވެ. ފިރިހެން މީހާ ފަތާފައިގޮސް ސިކްސް ސެންސް ރިސޯޓަށް އަރާ އެކަން ރިޕޯޓް ކުރިއެވެ. އަދި އެ ވަގުތުން ފެށިގެން އަންހެން މީހާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ދުވަހަށް ބައެއް މަސްދަރުތަކުން މައުލޫމާތު ލިބިފައިވާގޮތުގައި 19 އަހަރުގެ އެ އަންހެން މީހާ އަކީ މާލެއިން ކައްދުއަށް ގޮސް ކައްދޫއިން ޑިންގީގައި ރަށަށްދާން ދަތުރުފެށި އަންހެނެކެވެ. ޑިންގީ ދުއްވަން އިނީ އެ އަތޮޅު ގަމު މީހެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި ޑިންގީ ބަންޑުން ޖަހާލުމުން އެ އަންހެން މީހާ އަތަށް "ރީނދޫ" ހަމެއް ދީފައި އެއިން ދޫ ނުކުރުމަށް އެ ފިރިހެން މީހާ ބުނިކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި ހަމެއްގެ ބަދަލުގައި ދިނީ ޑިންގީގެ ޕެޓްރޯލް ޓޭންކު ކަމަށްވެސް ބައެއް މަސްދަރުތަކުން މައުލޫމާތު ލިބެއެވެ. ނަމަވެސް މިއީ އަދި އެއްވެސް ރަސްމީ އިދާރާއަކުން ކަށަވަރުކޮށްދީފައިވާ މައުލޫމާތު ތަކެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް