ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ފަންސާސް ފަސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ.... ނާޝިދު ތެދުވެގެންގޮސް އެއުނބުގަނޑު ނެގިއެވެ. އެއީ ހަމަ ހަރު އުނބެކެވެ. ނާޝިދުއަށް ލިބިފައިވަނީ ޙައިރާން ކަމެކެވެ. ރުކެއް ގަހެއް އަދި އިތުރު މީހެއް ނެތްތަނެއްގައި އެއީ ކިހިނެތް...

23 Jan 2024 | 03:20

ކުރީގެ އަދަދާއި ގުޅޭ....

ނާޝިދު ތެދުވެގެންގޮސް އެއުނބުގަނޑު ނެގިއެވެ. އެއީ ހަމަ ހަރު އުނބެކެވެ. ނާޝިދުއަށް ލިބިފައިވަނީ ޙައިރާން ކަމެކެވެ. ރުކެއް ގަހެއް އަދި އިތުރު މީހެއް ނެތްތަނެއްގައި އެއީ ކިހިނެތްވާނެ ކަމެއް ހެއްޔެވެ. އުނބު ނެގުމަށްފަހު ނާޝިދު އެކި ދިމަދިމާއަށް ބަލާލިއެވެ. އެވަގުތު ދާދި ގާތުގައި ހުމޭދާ އިށީނދެ އިން ގޮނޑި ކައިރިން ހުމޭދާގެ ފަހަތުގައި ކަޅު ބޮޑު ހިޔަންޏެއް ހުއްޓެވެ. ނާޝިދު ރުޅިވެރި ނަޒަރަކުން ހިޔަންޏަށް ބަލާލުމަށްފަހު އެދިމާއަށް ހިނގައިގަތެވެ. ނާޝިދު ގޮސް ހުއްޓުމާއެކު އެހިޔަނި މަޑުމަޑުން ގެއްލެމުން ގެއްލެމުން ގޮސް ގެއްލިއްޖެއެވެ.

"އަދިވެސް ވަރަށް ތަދުވޭތަ.....؟ ހިނގާ ދެން ގެއަށްދާން......" ހުމޭދާގެ އަތުގައި ހިފުމަށްފަހު ނާޝިދު ބުނެލިއެވެ.

"މަޑުމަޑުން ތަޑު ކުޑަވަމުންދަނީ..... ޢާއިޝާމެން އަންނަންދެން އަދި މަޑުކޮށްލަންވީނު....." ނާޝިދު އާއި ދިމާއަށް ބަލާލުމަށްފަހު ހުމޭދާ ބުނެލިއެވެ.

"އެކަމަކުވެސް މިތަނުން ހިނގާދާން.... ކުޑަކޮށް ހިނގާލަން ނަމަވެސް..... ނޫނީ ހިނގާ ކާރުގައި ތިބެންދާން...." ހުމޭދާ ގޮވައިގެން އެތަނުން ދާން ބޭނުންވެފައިވާތީ ނާޝިދު ބުނެލިއެވެ.

ނާޝިދު އާއި ހުމޭދާ ހިނގައިގަތީ ކާރާ ދިމާއަށެވެ. އޭރު ދުރުން ލާމިހުއާއި ޢާއިޝާ ދުވަމުން ދުވަމުން ކާރާއި ދިމާއަށް އަންނަތަން ފެނެއެވެ.

"ޢާއިޝާމެން ދުވެފަ އެއަންނަނީ އަނެއްކާ ކިހިނެތްވީބާ....." ޢާއިޝާ މެންނާ ދިމާއަށް ބަލާލުމަށްފަހު ނާޝިދު ބުނެލިއެވެ.

ޢާއިޝާ އާއި ލާމިހު އަށް ކާރާ ހަމައަށް އާދެވެނު އިރު ދެމީހުންނަށް ތިބީ މާނޭވާ ލެވިފައެވެ.

"ކިހިނެތްވީ....؟" ޢާއިޝާމެން އައިސް ކާރާ އަރާހަމަވުމުން ހުމޭދާ އަހާލިއެވެ.

"ނޭނގެ.... ޢާއިޝާއަށް މީހަކު ފެނުނީޔޯ...." ހުމޭދާގެ ސުވާލަށް ލާމިހު ޖަވާބު ދިނެވެ.

"އެތާނގައި ބައިވަރު މީހުން އުޅެއެއްނު.... އެހެންވީމަ ބައިވަރު މީހުން ފެންނާނެއެއްނު....." ހުމޭދާ ހީނލާފައި ވާހަކަ ދެއްކިއެވެ.

"ނޫނެކޭ.... ލާމިހު ޢާއިޝާ ކައިރީގައި ހުއްޓަ، ގަސްތަކުގެ އަނެއް ފަރާތުން ލާމިހު ފެނުނީ.... ލާމިހު ބިރުގަންނަވަން ވެގެން އުޅެނީ...." ޢާއިޝާ މާނޭވާ ލަމުން ބުނެލިއެވެ.

"ސާބަސް.... ހިނގާ ދާން..... ތިވާނީ ލާމިހު އާއި ވައްތަރު މީހަކު ފެނުނީކަމަށް...." ކާރުގެ ދޮރުފަތް ހުޅުވާލަމުން ހުމޭދާ ބުނެލިއެވެ.

ހަލަބޮލި މަގުތަކުގައި ކާރުދުއްވާފައި ދިޔައިރުވެސް ޢާއިޝާ އިނީ ބިރުންނެވެ. ގަސްތަކުގެ ތެރެއިން ޢާއިޝާއަށް ފެނުނީ ލާމިހު ކަން ޔަޤީނެވެ. އެކަމަކު އެވަގުތު ޢާއިޝާ ކައިރީގައިވެސް ހުރީ ލާމިޙު އެވެ. ހުމޭދާ ބުނިހެން އެއީ ލާމިޙު އާއި ވައްތަރު މީހެއްބާއެވެ.

"އެކަމާ ދެން ނުވިސްނާ.... އެއީ ހުމޭ ބުނިހެން ޢާއިޝާއަށް ހީވި ގޮތެކޭ.... އެތާނގައި ބައިވަރު އެހެން މީހުންވެސް ތިއްބެއްނު.... ބިރުވެރިކަމެއްނަމަ އެތާތިބި އެހެން މީހުންވެސް ބިރުން އުޅޭނެއެއްނު.... ކޮންމެވެސް ކަމަކާ މާބޮޑަށް ވިސްނާތި ވީގޮތެއް ކަންނޭގެ ތީ.... ލާމިހުއަކަށް ނުފެނެ ގަސްތަކުގެ ތެރެއިން އެއްވެސް މީހަކު....." ޢާއިޝާ ބިރުން އިންކަން އެނގުމާއެކު ލާމިހު ބުނެލިއެވެ.

"އައްދެ... ހާދަ އަވަހަކަށް ކެއަރ ކުރަން ފެށީ...." ދިމާކޮށްލުމުގެ ރާގަކަށް ހުމޭދާ ބުނެލިއެވެ.

"އެތާނގައި އިންދަ ހުމޭގެ ބޮލުގައި އުނބުގަނޑަކުން ޖެހިގެން މިއުޅެނީ..... އަދިވެސް ތަދުވާތި އެއުޅެނީ.... " ޢާއިޝާ އާއި ދިމާއަށް ބަލާލުމަށްފަހު ނާޝިދު ބުނެލިއެވެ.

"އެކީއްވެ އުނބުގަނޑަކުން ޖެހެންވީ....؟ އެ ހިސާބުގައި ރުކެއްވެސް ގަހެއްވެސް ނެތެއްނު....." ހުމޭދާއާއި ދިމާއަށް ބަލާލަމުން ޢާއިޝާ ބުނެލިއެވެ.

"މީހަކު އެއްލިއެއްޗެއްހެން ހީވަނީ.... ކޮންމެވެސް ވަރަކަށް ގޮނބިވެސް ނަގާފައި މިހިރީ....." ހުމޭދާ އުނބުގަޑުން ޖެހުނު ހިސާބުގައި އަތްހާކާލަކުން ބުނެލިއެވެ.

"ދާ މަގުމަތީ ފާމަސީއަކަށްވަދެ ތިތާ އުނގުޅާލާނެ ބޭހެއް ގަނެގެން ދަމާ....." ކާރު ދުއްވަމުން ނާޝިދު ބުނެލިއެވެ.

"އޯކޭވާނެ.... މިހާރު އެހާބޮޑަކަށް ތަދެއްނުވެއޭ..... ގެޔަށްގޮސް އައިސް އަޅާނީ..... އޭރުން ގޮނބި ރަނގަޅުވާނެ...." ނާޝިދު އަށް ބަލާލުމަށްފަހު ހުމޭދާ ބުނެލިއެވެ.

"މިހާރު ލާމިހު އާއި ޢާއިޝާ އެކަކު އަނެކަކަށް ތަޢާރަފު ވެއްޖެތަ....؟" ކުޑަކޮށް ހިނިއައިސްފައި އިނދެ ނާޝިދު ބުނެލިއެވެ.

ހަތަރު މީހުން ވާހަކަ ދައްކަމުންގޮސް ގެޔާއިހަމައަށް ދެވިއްޖެއެވެ. ކާރުން ފައިބައިގެން ގޭތެރެއަށް ވަތްއިރު ހަސީނާ އާއި ޒާހިރާ ބަދިގޭގައި އުޅެއެވެ. ޚާލިދު އިނީ ސިޓިން ރޫމްގައެވެ.

"ހުރިހާ ކުދިން ކޮންތާކުން ތިއައީ....." ނާޝިދުމެން ފެނުމުން ޚާލިދު އަހާލިއެވެ.

"މިއީ ކާރު ދުއްވާލަން ގޮއްސަ...." ސޯފާގައި އިށީންނަމުން ނާޝިދު ބުނެލިއެވެ.

"ޢާއިޝާގެ ޗެކްއަޕްގެ ހުރިހާ ކަމެއް ނިމުނީމަ މިކިޔަނީ އަންނަ ހަފްތާގައި ރަށަށްދާން ހިނގާށޭ.... މިކޮޅުގައި ވަރަށް ގިނަ ދުވަހު މަޑުކުރެވިއްޖެއެއްނު.... ނާޝިދުގެ ޗުއްޓީ އަދިވެސް ހަމަނުވޭތަ......؟" ނާޝިދުއާއި ދިމާއަށް ބަލަންއިނދެ ޚާލިދު އަހާލިއެވެ.

"އަދި ހަމައެއްނުވޭ.... ބޭނުންވާ އިރަށް ޗުއްޓީ ލިބޭގޮތަށް އޮންނާނީ.... އެކަމަކު ދާންވެއްޖިއްޔާ ހަމަ ދާންވީ...." ޚާލިދުގެ ސުވާލަށް ނާޝިދު ޖަވާބު ދިނެވެ.

"މާލެގޮސް ފުވައްމުލަކަށް ޗޭންޖުވާ ވާހަކަ މަންމަގާތުގައި މިދައްކަނީ.... މިހާދުވަހު އެންމެން އެކީ އުޅެފަ ވަކިވާންވީމާ އުނދަގޫ ތަކެއް ހުންނާނެއެއްނު.... ނާޞިރުބޭވެސް ޒާހިރާއްތަވެސް ބޭނުންވަނީ އެގޮތް...." ހުމޭދާއާއި ދިމާއަށް ބަލަންއިނދެ ޚާލިދު ބުނެލިއެވެ.

"ރަނގަޅު އައިޑިއާއެއް..... އެހެންނޫނީ ޢާއިޝާވެސް ވަރަށް ފޫހިވާނެ.... އެކަމަކު ލާމިހުވެސް އެގޭގައި ބެހެއްޓިއްޖިޔާ ވަރަށް ފޫހިފިލާނެ...." ޚާލިދުއާއި ދިމާއަށް ބަލަންއިނދެ ނާޝިދު ބުނެލިއެވެ.

"ލާމިހު އެއީ ނާޝިދުގެ ކޮއްކޮއެއްނު.... އެހެންވީމާ މިހާރު ލާމިހުވެސް ވާނީ ހަމަ މިފެމިލީގެ ކުއްޖަކަށްނު.... ނާޝިދު ބޭނުމިއްޔާ ހަމަ ލާމިޙުވެސް ދާންވީ...." ދައްކަމުންދިޔަ ވާހަކައިގައި ޒާހިރާވެސް ބައިވެރިވެލިއެވެ.

"ދުވަސްކޮޅަކުން ލާމިހު މާބޮޑަށްވެސް މިފެމިލީގެ ކުއްޖަކަށްވެދާނެ.... " ޢާއިޝާ އާއި ދިމާއަށް ބަލަންއިނދެ އެއްލޯ މަރާލުމަށްފަހު ނާޝިދު ބުނެލިއެވެ.

"ޓިކެޓް ނެގުމުގެ ކަންތަކާއުޅެމާ...." ސިޑިން ތިރިއަށް ފައިބަމުން ނާޞިރު ވާހަކަ ދެއްކިއެވެ.

"މިރޭ ދެން ނުހުޅުވާނެ.... މާދަން ޓިކެޓް ނަގަންދާނީ...." ނާޞިރަށް ޖަވާބު ދިނީ ޚާލިދެވެ.

"މިކޮޅުން ދާއިރުވެސް ޓިކެޓް ނަގާނީ މާލޭގައި މަޑުނުކޮށް ފުވައްމުލަކަށް ސީދާ ދޭވެގޮތަށް.... މިހާރު މޯލްޑިވިއަން ގެ ވަރަށް ގިނަ ފްލައިޓްތަކެއް އެގޮތަށް އޮވޭ....އެހެން ނޫނީ މާ ޚަރަދުބޮޑުވާނެ... މާލޭގައިހުރި އެއްޗެހި ބަޔަކާ ވާހަކަ ދައްކައިގެން ފުވައްމުލަކަށް ގެންގޮއްސަ އެގެ ދޫކޮށްލާނީ....." ހަސީނާ، ޚާލިދަށް ބަލާލުމަށްފަހު ބުނެލިއެވެ.

"ކެއުން ރެޑީވީމި... އާދޭ އެންމެން... ދެން ވާހަކަ ދައްކާނީ ކައިނިމިގެން....." ޒާހިރާ ހުރިހާ މީހުންނަށް ކާންގޮވާލިއެވެ.

"އަސްތާ މިރޭ މިހިރީ އަލުވި ހިކިރިހަދޯ..... ވަރަށް މީރުވާނެ...." ތަށިތަކަށް ބަލާލަމުން ޚާލިދު ބުނެލިއެވެ.

"އާނ... ހިކިރިހަ ކައްކާފަ ތިހިރީ ހަސީނާގެ އަމިއްލަ ރެސިޕީއަކަށް..... ހަސީނާއަކީ ހަމަ ކެއްކުމުގެ މާހިރެއް...." ޒާހިރާ މޭޒުމަތީގައި ޖޫސްތަށިތައް ބަހައްޓަމުން ވާހަކަ ދެއްކިއެވެ.

"ކޮބާ ލާމިހު.... ކާންއަންނަން ގޮވާބަލަ..... ލާމިހު މޭޒުދޮށުގައި ނެތުމުން ނާޞިރު، ނާޝިދަށް ބަލާލުމަށްފަހު ބުނެލިއެވެ.

"އޭނަ ނުކާންވެގެން އެދިޔައީ.... އޭނަގެ ފެމިލީ މީހުން އޭނަ ބޮޑުކޮށްފަ އެހެރީ ވަކިއެއްޗެއް ކާންދީގެން.... މިފާޑުފާޑު އެއްޗެހި އޭނައަކަށް ނުކެވޭނެ....." ނާޞިރުގެ ސުވާލަށް ޖަވާބު ދެމުން ނާޝިދު ބުނެލިއެވެ.

"ނުކައިހުރީމަ ދަންވަރު ބަނޑުހައިވެގެން ނުވެސް ނިދޭނެއެއްނު....." އަނެއްކާވެސް ނާޞިރު ބުނެލިއެވެ.

"ދަންވަރު ބަނޑުހައިވެއްޖިޔާ އޭނާ ތެދުވެ އޭނަ ބޭނުން އެއްޗެއްކާނެ.... އޭނަގެ ކެޔުމުގެ ކަންތައްތަކާ އަހަރުމެން ވިސްނާކަށް އަދި ނުޖެހޭނެ.... ކާނެއެއްޗެއް ހޯދައިގެން އޭނަ އަމިއްލައަށް ކާނެ...." ނާޞިރަށް މިފަހަރުވެސް ޖަވާބު ދިނީ ނާޝިދެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 25 ޖަނަވަރީ 2024، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް