ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ފަންސާސް ހަތަރުވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "ބަލާބަލަ.... ލާމިހުގެ ފައި ބިންމައްޗަކު ނުޖެހެއެއްނު.....! ބަލާބަލަ..... އެހެރީނު......" ނާޝިދުއާއި ދިމާއަށް ބަލާލުމަށްފަހު ހުމޭދާ ބުނެލިއެވެ. "ސާބަސް.... ލާމިހު ވެލިގަނޑުމަތީ...

21 Jan 2024 | 05:37

ކުރީގެ އަދަދާއި ގުޅޭ...

"ބަލާބަލަ.... ލާމިހުގެ ފައި ބިންމައްޗަކު ނުޖެހެއެއްނު.....! ބަލާބަލަ..... އެހެރީނު......" ނާޝިދުއާއި ދިމާއަށް ބަލާލުމަށްފަހު ހުމޭދާ ބުނެލިއެވެ.

"ސާބަސް.... ލާމިހު ވެލިގަނޑުމަތީ ހިނގާފައެއްނު އެދަނީ..... ހުސްފައިގަ އަދި އެހެރީވެސް.... ބަލާބަލަ....." ނާޝިދު، ލާމިހުއާ ދިމާއަށް ބަލާލުމަށްފަހު ހުމޭދާ އަށް ބަލާލަމުން ބުނެލިއެވެ.

ހުމޭދާ އެވަގުތު ލާމިހުއަށް ބަލާލިއެވެ. އޭރު ލާމިހު ހުސްފަޔާ ވެލިގަނޑުމަތީގައި ހިނގަމުން ދަނީއެވެ.

"ހުމޭއަށް އެކަމަކު އެހެން ހީވީ....." މަޑުމަޑުން ނާޝިދު ގާތުގައި ހުމޭދާ ބުނެލިއެވެ.

"އަބަދު ބިރުގަނެފަ ތިހުންނަނީ..... ބިރުން ހުންނަންޏާ ނުފެނަންޖެހޭ ބައިވަރު އެއްޗިހި ފެންނާނެ..... ތިހެން އުޅެނިކޮށް އަސްލު އެއްޗެއްވެސް ހަމަ ފެނިދާނެ....." ނާޝިދު، ހުމޭގެ އަތުގައި ހިފައިގެން ބާރަށް ހިނގައިގަންނަމުން ބުނެލިއެވެ.

"ކޮންއިރަކުން އަހަރުމެން ދަރިޔަކު ހޯދާނީ....." ނާޝިދު ހިނގަމުން ހިނގަމުން ވާހަކަ ދެއްކިއެވެ.

"ކައިވެނިކުރަނީ ދެމީހުން ލޯބިން ދިރިއުޅެން.... ކައިވެންޏަށް ފަހު ދަރިޔަކު ހޯދަން މީހުން ވިސްނާނީ ދުވަސްކޮޅެއް ފަހުން.... އުފަލުގައި ދެމީހުން ދުވަސްކޮޅަކު ދިރިއުޅުމަށްފަހު..... އެހެންވީމާ ކީއްކުރަން އަދި އެހާއަވަހަށް އަހަރުމެން ދަރިއަކު ހޯދަންވީ...." ހުމޭދާވެސް ކުރިއަށް ހިނގަމުން ވާހަކަ ދެއްކިއެވެ.

"ނާޝިދު ބޭނުން ވީހާވެސް އަވަހަކަށް އަހަރުމެން ދެމީހުންގެ ދަރިޔަކު އުފަންކުރަން.... އަހަރުމެންގެ ފެމިލީއަށް އިތުރު މެންބަރަކު ގެންނަން.... އޭރުން ކިހާ އުފާވެރިވާނެ...." މަޖާ ރާގަކަށް އެކަމަކު ސީރިއަސްވެފައި ނާޝިދު ވާހަކަ ދެއްކިއެވެ.

"ނާޝިދު ބޭނުމިއްޔާ ތިކަމާ ހަމަ ވިސްނަންވީ.... ހުމޭއަށް އޯކޭ.... އަހަރުމެން ދެމީހުންނަށް ދަރިޔަކު ލިބިގެން ރަނގަޅު ތަރުބިއްޔަތު ދީގެން ގެންގުޅެވެންޏާ ހުމޭއަށް އޯކޭ...." ނާޝިދު އާއި ދިމާއަށް ބަލާލަމުން ހުމޭދާ ބުނެލިއެވެ.

"ނާޝިދުގެ ދަރިއަކަށް ނާޝިދު ވަރަށް ރަނގަޅަށް ތަރުބިއްޔަތު ދޭނަން..... ނާޝިދުގެ ޢާއިލާއިން ނާޝިދު ބޮޑުކޮށްފަހުރީވެސް ވަރަށް ރަނގަޅަށް ތަރުބިއްޔަތު ކޮށްގެން.... އެކަމަކު ޢާއިލާގެ މީހުން އެންމެ ބޭނުންގޮތަކަށްނޫން ނާޝިދަށް މިއުޅެވެނީކީ..... އަހަރުމެންގެ ދަރިފުޅަށް އެހެންވިޔަ ދީގެން ނުވާނެ...." ކުރިއަށް ހިނގަމުން ނާޝިދު ވާހަކަ ދެއްކިއެވެ.

"ފެމިލީ މީހުން ބޭނުން ނޫން ކޮންގޮތަކަށް ނާޝިދު އުޅޭ ވާހަކައެއް ތިބުނީ...." ނާޝިދުއާ ދިމާއަށް ބަލާލަމުން ހުމޭދާ ބުނެލިއެވެ.

"ފެމިލީ މީހުން ޤަބޫލުނުވާ ވަރަށް ގިނަ ކަންކަން ނާޝިދު އެބަކުރަން.... އެކަމަކު އެކަންތައްތަކަކީ ނާޝިދު އެންމެ ބޭނުންވާ ކަންކަން... އެހެންވީމާ ފެމިލީ މީހުން ބޭނުން ނުވިޔަސް އެކަންކަން އެހެން ކުރެވޭނީ.... އިނގޭ އެކަންކަން އެގޮތަށް ކުރުމުގެ ސަބަބުން ނާޝިދު އެންމެލޯބިވާ މީހުންނަށް އެކަމުގެ ސަބަބުން ގެއްލުން ލިބޭނެކަންވެސް.... މިހާރު ގެއްލުން ލިބެމުންދާކަންވެސް..... ނާޝިދު ބޭނުމެއް ނޫން އެކަހަލަ ކަންކަން ވާކަށް.... އެފުރުޞަތު އެއްވެސް މީހަކަށް ދޭކަށްވެސް....." ނާޝިދު ކުރިއަށް ހިނގަމުން ވާހަކަ ދެއްކިއެވެ.

"ނާޝިދު ތިދައްކަނީ ކޮންވާހަކައެއް.... ހުމޭއަކަށް ހަމަ އެއްގޮތަކަށްވެސް ނާޝިދު ތިދައްކާ ވާހަކައެއް ނޭނގެ...." ހުމޭދާ ނާޝިދުއަށް ބަލާލުމަށްފަހު ބުނެލިއެވެ.

"އެހެންވެ މި ބުނަނީ އަވަހަށް ކުއްޖަކު ހޯދަން.... އަހަރުމެންނަށް ކުއްޖަކު ލިބުނީމަ ފަހަރެއްގައި މިކަންކަން ރަނގަޅު ވެދާނެ...." ނާޝިދު އަނެއްކާވެސް ހީނލާފައި ބުނެލިއެވެ.

"ތިބުނާ ހުރިހާ ކަމެއް އަހަރުމެންނަށް ލިބޭ ކުއްޖަކާ ގުޅިފަ އޮތިއްޔާ ހުމޭއަށް ފެންނަނީ ކުއްޖަކު ހޯދުމުގެ މަސައްކަތް މިރެއިން މިރެއަށްވެސް ފަށަން....." ހުމޭދާ ބާރަށް ހެމުން ހެމުން ވާހަކަ ދެއްކިއެވެ.

"ހުމޭ މިއީ ސީރިއަސް ވާހަކައެކޭ..... ހުމޭއަށް އަދި ފަހުން ވިސްނޭނެ....." ހުމޭދާއާއި ދިމާއަށް ބަލާލުމަށްފަހު ސީރިއަސް ވެފައި ނާޝިދު ބުނެލިއެވެ.

"އޯކޭ .... އޯކޭ..." ހުމޭދާ ހިނިތުންވެލާފައި ބުނެލިއެވެ.

"މިދެމީހުން ވާހަކަ ދައްކާކަށްވެސް ނޫޅުނުދޯ...." މަޢުޟޫ ބަދަލުކޮށްލުމަށްފަހު ކުރިމަތިން ހިނގަމުންދިޔަ ޢާއިޝާ އާއި ލާމިހު އާ ދިމާއަށް ބަލާލުމަށްފަހު ނާޝިދު ބުނެލިއެވެ.

"އަހަރުމެން ދެމީހުންނާ ވަކިން މިދެމީހުން ފޮނުވައިގެން ކަންނޭނެ ވާހަކަ ދައްކާނީ.... ހިނގާ ކޮންމެސް އެއްޗެކޭ ކިޔާފައި އަހަރުމެން މިތާ މަޑުކުރަމާ...." ހުމޭދާ، ނާޝިދުއަށް ޚިޔާލެއް ދިނެވެ.

"ޔޭސް... ތިއީ މޮޅު ގޮތެއް....." ހުމާދާގެ ޚިޔާލަށް ތާއިދު ކުރުމުގެ ގޮތުން ނާޝިދު ބުނެލިއެވެ.

ލާމިޙުވެސް ޢާއިޝާވެސް ހިނގަމުންދިޔައީ އިސްޖަހައިގެންނެވެ.

"ލާމިހު ކޮއްކޯ.... ދޮންބެދައްތަގެ ބޮލަށް ތަދުވާތީ އެ އުޅެނީ.... ކުޑަކޮށް ރަނގަޅުވެލަންދެން ދޮންބެމެން މިތާ މަޑުކޮށްލާނަން.... ގޮސް ހިނގާލާފައި އާދޭ މިކޮޅަށް..... ޢާއިޝާއަށް ރަނގަޅަށް ބަލާތި....." ނާޝިދު، ލާމިހު އަށް ގޮވާލުމަށްފަހު ބުނެލިއެވެ.

"ހިނގާ އެކޮޅުން އެފެންނަ ގަސްތަކާ ދިމާއަށް ހިނގާލަން...." ލާމިޙު ޢާއިޝާ ގާތަށް ޖެހިލުމަށްފަހު ދުރުން ފެންނައޮތް ގަސްތައް ދައްކާލަމުން ބުނެލިއެވެ.

ލާމިހު މިހެން ބުނުމާއެކު ވަކިއެއްޗެއްނުބެ ޢާއިޝާ އެދިމާއަށް ހިނގައިގަތެވެ.

"ލާމިހު އާ ވާހަކައެއް ނުދައްކާނަންތަ....؟" ޢާއިޝާ އާއި ދިމާއަށް ބަލާލަމުން ލާމިހު ބުނެލިއެވެ.

"ކޮން ވާހަކައެއް ދައްކަންވީ...." ޢާއިޝާ މަޑުމަޑުން ބުނެލިއެވެ.

"ޢާއިޝާއަށް ދިމާވިގޮތުގެ ވާހަކަ ދޮންބެ ކިޔައިދިން.... ފާހާނާއަށް ވެއްޓިގެން ވަރަށް ބަލިވި ވާހަކައާއި، ދޮންބެގެ ބެސްޓުފްރެންޑް ޢާއިޝާއަށް ލަނޑުދިން ވާހަކަވެސް.... ކުރިއަށް ހިނގަމުން ލާމިހު ވާހަކަ ދެއްކިއެވެ.

"އެހެންތަ....؟" ފަރުވާކުޑަ ރާގަކަށް ޢާއިޝާ ބުނެލިއެވެ.

"ލާމިހު ވެސް ކުއްޖަކާ ރައްޓެހިވާން ރަނގަޅު ކުއްޖެއް ހޯދަދޭށޭ ބުނީމަ ބުނި ޢާއިޝާ ވަރަށް ރަނގަޅުވާނެއޭ.... މިކޮޅަށް އަންނަންވީނުންހޭ.... އެހެންބުނީމަ އަސްލު މި ކޮޅަށް މިއައީ...." ޢާއިޝާ އާއި ދިމާއަށް ބަލާލުމަށްފަހު ލާމިހު ބުނެލިއެވެ.

"އިންނަން ތިހޯދަނީ ކޮންކަހަލަ ކުއްޖެއްތަ....؟" ލާމިހު އާއި ދިމާއަށް ބަލާލުމަށްފަހު ޢާއިޝާ ބުނެލިއެވެ.

"ތިކަހަލަ އިންސާނެއް ހަމަ....." މަޖާވެލާފައި ލާމިހު ޖަވާބު ދިނެވެ.

ލާމިހުގެ މި ޖަވާބަށް ޢާއިޝާ ހިނިތުންވެލިއެވެ.

"ދެން ދެމީހުން ވާހަކަ ދައްކަފާނެ...." ލާމިހު އާއި ޢާއިޝާ ހިނގައިގަތުމުން ބީޗުގައި ސިމެންތިން ހަދާފައިހުރި ގޮނޑިއެއްގައި އިށީންނަމުން ހުމޭދާ ބުނެލިއެވެ.

ހުމޭދާއާއި ޖެހިގެން ނާޝިވެސް ގޮނޑީގައި އިށީނެވެ.

"އައްދޯތް....." ހުމޭދާގެ ބޮލުގައި ކޮންމެސް އެއްޗަކުން ޖެހުމާއެކު ބޮލުގައި ދެއަތުން ހިފަހައްޓައިގެން އިނދެ ހަޅޭއްލަވައި ގަތެވެ.

ނާޝިދު ސިހިފައި ބަލާލިއެވެ. ހުމޭދާގެ ބޮލުގައި ޖެހުނީ އުނބަކުންނެވެ. ބޮލުގައި ޖެހުމަށްފަހު އެ އުނބު ތަންކޮޅެއް ދުރަށް ވިއްސައިގެންދިޔަތަން ނާޝިދަށް ފެނުނެވެ. ނާޝިދު ވަށައިގެން ހޯދާ ބަލާލިއެވެ. އެހިސާބު ކައިރީގައިވެސް ރުކެއް ގަހެއް ނެތެވެ. ދެންއެއީ ކޮން އުނބެއް ހެއްޔެވެ. ޤަސްދުގައި މީހަކު އުނބެއް އެއްލީ ހެއްޔެވެ. އެހެންނަމަވެސް ކައިރީގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

"ވަރަށް ބޮޑަށް ތަދުވެއްޖެތަ....؟" ނާޝިދު ހުމޭދާގެ ބޮލުގައި ހިފަހައްޓާލަމުން ބުނެލިއެވެ.

"އާނ..... ފާޑަކަށް އެނބުރުންވެސް އަރައިފި.... މިތާކު ރުކެއްވެސް ނެތް.... މީހަކު އެއްލި އެއްޗެއްތަ....؟ ހުމޭދާ ދެކޮޅު ހޯދާލަމުން ބުނެލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 23 ޖެނުއަރީ 2024، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް