ވާހަކަ: ޑައިރީ – ހަތްދިހަ ފަސްވަނަބައި

ކުރީގެ އަދަދާއި ގުޅޭ... ނާޒިމާގެ ވާހަކައަށް ސަމާލުކަމެއްނުދީ އައިލީން ގޮސްވަނީ ކޮޓަރިއަށެވެ. އައިލީން ކޮޓަރިއަށް ދިޔައިރު ރާއިފު އުޅެނީ ފާހާނާގައެވެ. ޒާރާބޭބީ އޮތީ އޭރުވެސް ނިދާފައެވެ. އައިލީން ކޮޓަރި...

22 Dec 2024 | 17:58

ކުރީގެ އަދަދާއި ގުޅޭ...

ނާޒިމާގެ ވާހަކައަށް ސަމާލުކަމެއްނުދީ އައިލީން ގޮސްވަނީ ކޮޓަރިއަށެވެ. އައިލީން ކޮޓަރިއަށް ދިޔައިރު ރާއިފު އުޅެނީ ފާހާނާގައެވެ. ޒާރާބޭބީ އޮތީ އޭރުވެސް ނިދާފައެވެ.

އައިލީން ކޮޓަރިއަށް ވަނުމުން ދެން ކަންތައްވާނެ ގޮތަކާމެދު ވިސްނާލުމަށްޓަކައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު ނާޒިމާ ދިޔައީ ބަދިގެއަށެވެ. ބަދިގެއަށް ދިޔަކަމުގައިވިޔަސް ސައިބޯނެ ހިތްވަރެއް ނާޒިމާގެ ނެތެވެ. ނާޒިމާ ކޮފީތައްޓެއް ހަދައިގެން އައިސް މޭޒުދޮށުގައި އިށީނދެ ލަސްލަހުން ބޮމުން ގެންދިޔައެވެ. ނާޒިމާގެ ނަޒަރު ހުއްޓިފައިވަނީ އައިލީން ވަދެގެންދިޔަ ކޮޓަރީގެ ދޮރާ ދިމާއަށެވެ. ކޮންމެ ވަގުތެއްގައިވެސް އައިލީން ނުކުމެދާނެ ކަމުގެ ބިރުވެރިކަމުގައި އިނދެ ނާޒިމާ ކޮފީތަށި ބޯލުމަށްފަހު ގޮސް ތަށި ދޮވެ ހަރުގަނޑަށްލާފައި އައިސް އަނެއްކާވެސް ސޯފާގައި އިށީނެވެ. އެތައް ދުވަހެއް ވަންދެން އުފާވެރިކަމާއެކު ނާޒިމާ ދިރިއުޅެމުން ގެންދިޔަ އެ ގޭގައި މިއަދު ނާޒިމާވަނީ ބީރައްޓެހިވެ ބާކީވެފައެވެ. ހިތުގައިވަނީ ބިރުވެރިކަން އުފެދިފައެވެ. ނާޒިމާ ވިސްނަމުން ގެންދިޔައީ އެގެއިން އެނބުރި ދާނެ ތަނަކާމެދުގައެވެ. ހަވީރުވުމުގެ ކުރީން އެގެއިން ނުކުމެގެންދާން ނާޒިމާއަށްވަނީ އަންގާފައެވެ. އެހެން ނަމަވެސް އެގެއިން ނުކުމެގެންގޮސް ނާޒިމާ ވަންނާނެ އެއްވެސް ތަނެއް މާލެއަކު ނެތެވެ. ނާޒިމާ އެގެއަށް އައުމުގެ ކުރިން މާލޭގައިހުރީ އޭނާގެ ރައްޓެއްސެއްގެ ގޭގައެވެ. އެމީހުންވެސް މިހާރުވަނީ ދިރިއުޅުން އެމީހުންގެ ރަށަށް ބަދަލުކޮށްފައެވެ. ނާޒިމާ ވިސްނާ ވިސްނާވެސް އޭނާ ބަހައްޓާވަރުގެ ރައްޓެއްސެއް މާލޭގައިހުރި ހަނދާނެއް ނުވިއެވެ. ނާޒިމާގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ކުއްލިއަކަށް ނާޒިމާ ސިހިގެންދިޔައީ އައިލީންގެ ކޮޓަރި ދޮރުހުޅުވާލި އަޑަށެވެ. ނާޒިމާ އެވަގުތު އެދިމާއަށް ބަލާލިއެވެ. ކޮޓަރިން ނުކުމެގެން އޭރު ނާޒިމާ އާ ދިމާއަށް އަންނަނީ އައިލީން އާއި ރާއިފު އެވެ. ނާޒިމާގެ ހިތް ތުރުތުރު އަޅައިގަތެވެ. އެހެން ނަމަވެސް ނާޒިމާ ގަސްދުކޮށްގެން ހުރީ ނާޒިމާ އެގެއިން ނުކުތުމުގެ ކުރީން ހުރިހާ ވާހަކައެއް ތަފްޞީލްކޮށް އެދެމަފިރިންނަށް ކިޔައިދިނުމަށެވެ.

"ނާޒިމާ ތި ދައްކަންއުޅޭ ވާހަކައެއް ދެން ދައްކަބަލަ...! އެކަމަކު ހަނދާންކުރާތި، ނާޒިމާގެ ތި ވާހަކަތަކަކުން އަހަރުމެންގެ ހިތުގައި ނާޒިމާއާ މެދު ރަޙުމް އުފެދިގެން އަނެއްކާވެސް އެހެން ކަމެއް ކުރަން ނާޒިމާ މިގޭގައި ބަހައްޓާނެ ކަމަށް...! އެހެން ހީވެއްޖިއްޔާ އެއީ ވަރަށްބޮޑު ކުށް ހީއެއް..! ނާޒިމާ ތި ކުރީ އަހަރުމެންނަށް މާފު ކުރެވޭނެވަރުގެ ކަމެއް ނޫން...!" ސޯފާގައި އިށީންނަމުން އައިލީން ބުންޏެވެ.

"އެންމެ ރަނގަޅު...! އަހަރެން ބޭނުންވަނީ ހަމައެކަނީ މިވާހަކަތައް އަޑުއަހާލަން...! މި ވާހަކަތައް އަޑުއަހާލުމަށްފަހު ދެން ތި ދެމަފިރިން ނިންމާ ކޮންމެ ގޮތަކަށް ކަންކަން ކުރިއަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް...!" ނާޒިމާ އަސަރާއެކު ވާހަކަ ދެއްކިއެވެ.

"އަހަރުމެން މި ބުނީނު ތިވާހަކަތައް އަޑު އެހިޔަކަސް އަހަރުމެންގެ މި ނިންމުމަކަށް އެއްވެސް ބަދަލެއް ނާންނާނެއޭ..! ނާޒިމާއަށް އަހަރެން މިދައްކާ ވާހަކަ އަޑެއް ނީވޭތަ...؟" ހިތްހަމަ ނުޖެހިފައި އިނދެ އައިލީން ވާހަކަ ދެއްކިއެވެ.

"އަޑު އިވެޔޭ...! އަހަރެން... އަހަރެން އެރޭ ފަތިހު ފުރައިގެން ދިޔައީ ރަށަށް...! އަހަރެން އެރޭ ރަށަށް ދިޔައިރު އަހަންނަކަށް ނޭނގެ ބޮޑުދައިތަގެ ފިރިމީހާ އެރޭ ބޮޑުދައިތައަށް ކުރި އަނިޔާތަކުގެ ސަބަބުން ބޮޑުދައިތަ އެވަގުތު ދުނިޔެދޫކުރީ ކަމެއް ނުވަތަ ބޮޑުދައިތައަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއްކަމެއް، ނޫނީ ދެން އެރޭ އެތަނުގައި ކަންތައްވީ ކިހިނެތް ކަމެއްވެސް...! އެވަގުތު އަހަންނަށް މުހިންމުވީ އެފަސްގަނޑު ދޫކުރުމަށްފަހު އަވަހަށް ފުރައިގެން ދިޔުން...! އަހަރެން ހޯދަން ނަދުވީ މަސައްކަތް ކުރާނެކަން އަހަންނަށް އެނގުނު...! އެހެން ނަމަވެސް އަހަރެން ރަށަށް ފުރައިގެންދިޔައީ ފަހުން ނަދުވީއާވެސް ބައްދަލުނުކޮށް...! ނަދުވީގެ ކުރިމައްޗަށް އަރާނެ ހިތްވަރެއް އަހަންނަކަށް ނުލިބުނު...!" ނާޒިމާ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އަހަންނަށް ރަށަށް ދެވުނީ އަނެއް ދުވަހު މެންދުރު 11 ޖަހަން ކައިރިވަނިކޮށް...! ރަށަށް އަރައިގެން ދިޔައިރު ބީރައްޓެއްސަކު ރަށަށް އަރައިގެންދާއިރު މީހުން ކަންކަން މައްޗަށް އެއްވެފަ ތިބޭހެން މީހުން އެއްވެ އަހަންނާ ދިމާއަށް ބަލަހައްޓައިގެން ތިބި..! އަހަރެން ހުރީ ރަށަށް އާވެފަ...! މަންމަ ދިރިއުޅުނުގެވެސް އެނގުނީ ދެމީހެއް ކައިރީ އަހައިގެން..! އެ ގެ ހޯދައިގެން އަހަރެންގޮސް އެގެއަށްވަންއިރު މީހުން ނޫޅޭތާ ގިނަ ދުވަސްވުމުގެ ސަބަބުން އެ ގެ ހުރީ ވަރަށް ބޮޑަށް ވީރާނާވެފަ...! މުޅި ގޯތިތެރޭގައިވަނީ ބިޔަ ބޯ ގަސްތައް ހެދިފައި...! މުޅި ގެ ހިރަފުސްކަމުން ހީވަނީ އެހެން ކަމެއްހެން...! އެހެން ނަމަވެސް ވަންނާނެ އިތުރު ތަނެއް ނެތުމާއެކު ދިޔައީ އެ ގެއަށް...! އެ ގެއަށް ގޮސް ގޭތެރެ ކުޑަކޮށް ސާފުކޮށްލައިގެން އެގޭގަހުރީ..! އަހަރެން ރަށަށް ދިޔަތާ ދެ ވަނައަށްވީ ދުވަހު މަންމަ އަހަންނަށްގުޅި...! އަހަރެން އެނބުރި ރަށަށް ދިޔަކަން މަންމައަށް އެނގުނީ ނަދުވީގެ ފަރާތުން...! މަންމަ އެދުވަހު އަހަންނަށް ގުޅާފަ ދެއްކި ވާހަކަތަކުން އަހަންނަށް އެނގުނީ ނަދުވީ މަންމައަށް ގުޅައިގެން ހުރިހާ ވާހަކައެއް ކިޔާދިންކަން...! މަންމަ އިންޑިއާ އަށް ބަދަލުވީ ފަހުން އަހަންނަށް ގުޅި ފުރަތަމަ ދުވަހަކީ އެއީ...! މަންމަގެ ފޯނު ނަންބަރު އަހަންނަށް ލިބިފައި ނުވާތީ އަހަރެންވެސް މަންމައަކަށް ނުގުޅަން..! އެކަމަކު ނަދުވީ މަންމަގެ ފޯނު ނަންބަރު ހޯދިގޮތެއް އަހަންނަކަށް ނޭނގުނު...! އަހަންނަށް ކަންތައްވީގޮތް އަހަރެން މަންމައަށް ކިޔައިދިނިން...! އެދުވަހުގެ ފޯނުކޯލް ގާތްގަޑަކަށް އެއްގަޑިއިރަށްވުރެ ދިގުވެގެން ދިޔަ...! އަހަރެންގެ ވާހަކަތަކުން މަންމައަށް ވަރަށްބޮޑަށް އަސަރުކުރި...! އަހަރެންގެ ވާހަކަތައް އަޑުއެހުމަށްފަހު މަންމަ ވަރަށް ރުއި...! މަންމަ އެދެމުން ދިޔައީ އަހަރެން ރަށުގެ މީހުންގެ ކުރިމަތީގައި ބޭޒާރުވުމުގެ ކުރިން މަންމަ ގާތަށް ދުވަސްކޮޅަކަށް ވިޔަސް އިންޑިއާ އަށް ދިޔުމަށް..! އަހަރެން ފުރަތަމަ އެކަމަށް ދެކޮޅު ހެދިން...!  އެހެންނަމަވެސް ރަށުގައި އުޅެވޭނެ ގޮތެއްވެސް، ކާންބޯނެ ގޮތެއްވެސް ނެތުމާއެކު އަހަންނަށްވެސް އެންމެ ރަނގަޅު ގޮތަކަށްވީ މަންމަ އެދުނު ގޮތަށް އިންޑިއާ އަށް ދިޔުން...! މަންމަގެ އެހީތެރިކަމާއެކު ހަމަ އެހަފުތާގައި އަހަރެން އިންޑިއާ އަށް ދިޔައިން...! އަހަރެން ހީކޮށްގެންހުރީ މަންމަ އިންޑިއާގޮސް އުޅެމުންދަނީ ވަރަށް އުފާވެރި ދިރިއުޅުމެއްކަމަށް...! އެހެން ނަމަވެސް އިންޑިއާއަށް ދިޔުމުން މަންމަގެ ދިރިއުޅުން ފެނުމާއެކު އަހަރެންގެ ލޮލުންވެސް ކަރުނަ އައި...! މަންމަ ކައިވެނިކޮށްގެން އިންޑިއާއަށް ބަދަލުވީ އިރު މަންމަ އަށް ކައިވެނި ކުރެވުނީ ދެ އަންބަށް ކަމެއް މަންމައަކަށް އެނގިފައެއް ނެތް...! އަބްރަހަމް ވީރު އާ ކައިވެނިކޮށްގެން މަންމަ އިންޑިއާއަށް ދިޔުމުން މަންމައަށްވެސް އެނގުނީ އިންޑިއާގައިވެސް އޭނަގެ އަންބަކާއި، ހަތަރު ކުދިން ތިބޭކަން...! އިންޑިއާއަށް ބަދަލުވުމަށްފަހު ދޮންބައްޕަ ކުރަމުންދިޔަ މަސައްކަތަކީ ރަށްޓެއްސެއްގެ އޮޓޯއެއް ދުއްވުން..! ކޮންމެ ދުވަހަކުވެސް އޮޓޯ ދުއްވައިގެން ލިބޭ ލާރިކޮޅުން އޮޓޯގެ ވެރިފަރާތަށް ދޭންޖެހޭ ލާރި ދިނުމަށްފަހު ދޮންބައްޕަ އަށް ލިބޭ ލާރިކޮޅުން ދޮންބައްޕަގެ ދޮށީ އަނބިމީހާއާއި އެ މީހާއަށް ލިބިފައިވާ ހަތަރު ކުދިންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށްފަހު މަންމައަށާއި ކޮއްކޮމެންނަށް ޚަރަދު ކުރާނެ އެއްވެސް އެއްޗެއް ނޯންނާތީ މަންމަވެސް ލާރިހޯދަން މަސައްކަތް ކުރަމުން ގެންދިޔަ...! ދިމާވި ކަންތައްތަކުގެ ސަބަބުން އެދުވަސްކޮޅު އަހަރެންވެސް އުޅުނީ ވަރަށް ބޮޑަށް ބަލިވެ...! އެހެންވީމަ މަންމަ ކުރަންޖެހޭ ޚަރަދުތައް އިތުވެގެންދިޔަ...!" ނާޒިމާ ދައްކަމުން ގެންދިޔަ ވާހަކަތައް ހުއްޓާލުމަށްފަހު މާނޭވާއެއް ލިޔެއެވެ.

އިސްޖަހައިގެން އިން ނާޒިމާ އިސްއުފުލާލާ އައިލީން އާ ދިމާއަށް ބަލާލިއެވެ. އޭރު ނާޒިމާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ކުޑަވަގުތުކޮޅަކަށްފަހު އަނެއްކާވެސް ނާޒިމާ ވާހަކަ ކުރިއަށް ގެންދިޔައެވެ.

އެކަމަކު މަންމަ އަހަންނަށް ވަރަށް ހެޔޮ..! އަހަންނަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް އުފަލާއެކު މަންމަ ކޮށްދެމުން ގެންދިޔަ...! ދޮންބައްޕަގެ އެހެން އަންބެއް ހުއްޓަސް ދޮންބައްޕަވެސް ދިރިއުޅެމުން ގެންދިޔައީ އަހަރުމެންގެ ޢާއިލާއާއެކު...! ދޮންބައްޕަވެސް އަހަންނަށް ވަރަށް ހެޔޮ..! އަހަރެން އިންޑިއާ އަށް ދިޔައިންސުރެ އިންނަންޖެހުނީ ގޭގައި... ޑޮކްޓަރަށް ދެއްކުމަށްޓަކައި ހޮސްޕިޓަލަށް ދިޔުމަށް އެކަނި އަހަރެން ބޭރަށް ނުކުންނަނީ...! އަހަރެން އެގޭގައި ދިރިއުޅުނުކަން ކައިރީގައި އުޅޭ އަވަށްޓެރިންނަކަށްވެސް ނޭނގޭނެ...! އެމީހުންނަކަށް އަހަރެން ނުވެސް ފެންނާނެ...! އަހަރެން ވިހެއީ ދުވަސް ނުފުރާ...! އަހަރެންގެ ބަނޑަށް އަށްމަހުގައި އެއްރޭ ކުއްލިއަކަށް ވަރަށް ބޮޑަށް ބަނޑުގައި ރިއްސައިގަނެގެން ހޮސްޕިޓަލަށް ގެންދިޔައީ...! ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނައިރެއްވުރެ އަހަރެން ވިހައިފި..! އިރާދަކުރެއްވީތީ ވިހެޔުމުގެ ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ފުރިހަމައަށް...! އަހަންނަށް ކުއްޖަކު ލިބުނީ އަހަރެން ބޭނުންވެގެން ނޫން ކަމުގައިވިޔަސް އަދި އެއީ ކޮންމެ މީހެއްގެ ދަރިއެއް ކަމުގައިވިޔަސް އެދުވަހަކީ އަހަރެންގެ ހަޔާތުގައި އަހަންނަށް އައި އެންމެ އުފާވެރި ދުވަސް...! އެންމެ ފުރަތަމަ އެ ދަރިފުޅު އަހަރެންގެ އަތުގައި ޖެހުނު ވަގުތު އުފަލުން ގޮސް އަހަންނަށް ރޮވުނު..! އަހަރެން އެދުވަހު ވީހާ އުފާ އަދި ދުވަހަކުވެސް ނުވޭ...! އަހަރެންގެ ހިތުގައި މައިވަންތަކަމުގެ ލޯބި އުފެދިގެން އައި...! އަހަރެން ހޮސްޕިޓަލުން ދޫކޮށްލި ދުވަހަކީ އަނެއްކާވެސް އަހަރެންގެ ދިރިއުޅުމަށް ކަޅުހިޔަންޏެއް އެޅިގެންދިޔަ ދުވަހެއް...! އަހަރެން ދަރިފުޅު ގޮވައިގެން ގެއަށް އަންނާކަށް މަންމަ އެއްބަހެއްނުވި...! ދަރިފުޅު ބަހައްޓާނެ ތަނެއް ހަމަޖައްސާނީ މަންމައޭ ބުނީ...! އެހެން ނަމަވެސް އަހަރެން އެގޮތެއް ބޭނުމެއްނުވި...! އަހަރެންބޭނުންވީ އަހަރެންގެ ދަރިފުޅު ރަގަނޅު ތަރުބިއްޔަތެއް ލިބިގެން ބޮޑުވަން...! އެހެން ނަމަވެސް މަންމައާއި ދޮންބައްޕަގެ ކުރިމަތީގައި އަހަންނަށް އެއްވެސް ކަމެއް ނުކުރެވުނު...! ރޮއިރޮއި އޮއްވާ އަަހަރެންގެ ދަރިފުޅު މަންމަ ގެނެގޮސްދިނީ ދޮންބައްޕައަތަށް...! ދޮންބައްޕަ ދަރިފުޅު ގޮވައިގެން އެދިޔަތާކަށް ދިޔައީ...! ހޮސްޕިޓަލުން އަހަރެން ގެއަށް އަންނަން ޖެހުނީ ހުސްއަތާ..!" އަނެއްކާވެސް ނާޒިމާގެ ވާހަކަ މެދުކަނޑާލުމަށްފަހު އިސްދަށަށް ޖަހާލިއެވެ.

އެވަގުތު ނާޒިމާގެ ފޯނު ދެފަހަރު ރިންގ ވިއެވެ. އެކަމަކު ފޯނު ސޯފާމަތީގައި ތަންކޮޅެއް ދުރުގައި އޮތުމާއެކު ފޯނު ރިންގވީ ކަމެއް ނާޒިމާއަކަށް ނޭނގެއެވެ. ނާޒިމާ އިސްދަށަށް ޖަހައިގެން އިރުކޮޅަކު އިނުމަށްފަހު އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.

ދޮންބައްޕަ ދަރިފުޅު ގެންދިޔަތަނެއް އަހަންނަކަށް ނޭނގުނު...! އަހަންނަށް ލިބުނީ އަނެއްކާ އަނެއް ހިތާމަ...! މަޔަކާއި ދަރިޔަކު ވަކިކުރުމަކީ ކިހާ ހިތާމަހުރި ކަމެއްކަން އެނގޭނީ އެފަދަ ކަމެއް އިޙްސާސް ކުރަން ޖެހިފައިވާ މީހަކަށް...! އަހަރެންގެ ދަރިފުޅު އަހަރެން ގާތަށް ގެނެސްދިނުމަށްއެދި އަހަރެން މަންމަ ގާތުގައި ރޮއި އާދޭސްކުރިން...! އެހެންނަމަވެސް މަންމަ ބުނަމުން ގެންދިޔައީ މަންމަ އެގޮތަށް ކަންތައްކުރީ އަހަރެންގެ މުސްތަޤްބަލަށްޓަކައި ކަމަށް..! އަހަރެންގެ މުސްތަޤްބަލަށްޓަކައި މަންމަ އެހެން ކަންތައްކުރި ކަމުގައިވިޔަސް އަމިއްލަ ބަނޑުން ވިހޭ ދަރިއަކާ ދުރުގައި ހުރުމަކީ މައިލަގޮނޑިއަކަށް ކެތްވާ ވަރުގެ ކަމަކަށް އަހަންނަކަށް ނުވި..! އަހަރެން މަންމަ ގާތުގައި ރޮއި އާދޭސް ކުރިން...! އެންމެފަހުން މަންމަ ބޭނުންވީ އަހަރެން އަނބުރާ މާލެ ފޮނުވަން...! އަދި ކަންތައް ވެގެންދިޔަގޮތް މުޅިން ހަނދާން ނައްތާލުމަށްފަހު ނަދުވީ އާއެކު އާ ދިރިއުޅުމެއް ފަށަން...! އޭރުވެސް ނަދުވީ ހުރީ އަހަންނާ ކައިވެނި ކުރަން ތައްޔާރަށް ކަމަށް ނަދުވީ މަންމަމެން ގާތުގައި ބުނަމުން ގެންދިޔަ...! އެކަމަކު އަހަރެން އެގޮތެއް ބޭނުމެއްނުވި...! އަހަރެން ދެކޭ ގޮތުގައި އަހަންނަކީ ނަދުވީ ކަހަލަ ރަނގަޅު ކުއްޖަކާ ކައިވެނި ކުރަން އެކަށީގެންވާ މީހެއްނޫން..! އެންމެ ފަހުން އެހެން ގޮތެއް ނެތިގެން އަހަންނަށް މަޖުބޫރުވީ އަހަރެން ބަނޑުއަޅައިވިހޭ ދަރިފުޅު އިންޑިއާގެ ފަސްގަނޑަށް ދޫކޮށްލުމަށްފަހު އެނބުރި މާލެއަންނަން...! އަހަރެންގެ ދަރިފުޅު ގެންދިޔަފަހުން އަހަންނަށް ދަރިފުޅަކާ ބައްދަލެއްވެސް ނުވި...! މަންމަމެން އަހަރެން މާލެ ފޮނުވީ އެއްވެސް ވާހަކައެއް އެއްވެސް މީހެއް ކައިރީގައި ނުދައްކަން ބުނެފަ...! އަހަންނަށް މަޢުލޫމާތު ލިބުނު ގޮތުގައި ބޮޑުދައިތަގެ ރަށުންވެސް އަހަރެން ބަނޑުބޮޑުވި ކަން އެނގިފަވަނީ ބޮޑުދައިތައާއި ބޮޑުދައިތަގެ ފިރމީހާއަށާއި، ނަދުވީއަށް އެކަނި..." ނާޒިމާ ދައްކަމުން ދިޔަ ވާހަކަ ހުއްޓާލީ ބޭރު ދޮރުގައި މީހަކު ޓަކި ޖަހާލި އަޑަށެވެ.

ދޮރުގައި މީހަކު ޓަކިޖަހާލި އަޑަށް އައިލީން ބޭރުދޮރާ ދިމާއަށް ބަލާލުމަށްފަހު ތެދުވެގެން ގޮސް ދޮރުހުޅުވާލިއެވެ. ސޯފާގައިއިން ނާޒިމާވެސް ދޮރާދިމާއަށް ބަލާލިއެވެ. އެވަގުތު ނާޒިމާ ޙައިރާން ވެގެންގޮސް ކުއްލިއަކަށް ސޯފާއިން ތެދުވެވުނެވެ. އޭރުވެސް ނާޒިމާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 24 ޑިސެމްބަރު އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް