ވާހަކަ: ޑައިރީ – ހަތްދިހަ ހަތަރުވަނަބައި

ކުރީގެ އަދަދާއި ގުޅޭ.... ނާޒިމާގެ ދިރިއުޅުން އެފަދަ ގޮތަކަށް ފުނޑުފުނޑު ވެގެން ނުދިޔަނަމަ މިއަދު ނާޒިމާ ވާނީ ރަށުގައި ނަދުވީ އާ ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅޭ މީހަކަށެވެ. އެކަމަކު އެންމެނ...

17 Dec 2024 | 09:53

ކުރީގެ އަދަދާއި ގުޅޭ....

ނާޒިމާގެ ދިރިއުޅުން އެފަދަ ގޮތަކަށް ފުނޑުފުނޑު ވެގެން ނުދިޔަނަމަ މިއަދު ނާޒިމާ ވާނީ ރަށުގައި ނަދުވީ އާ ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅޭ މީހަކަށެވެ. އެކަމަކު އެންމެންނަކީ އެހާ އުފާވެރި ނަޞީބުގަދަ ބައެއްވެސް ނޫނެވެ.

އެހެން ދުވަސްދުވަހެކޭ އެއްގޮތަށް މިއަދުވެސް ނާޒިމާ ވަރަށް ހިތްވަރުކޮށްގެން ފަތިހު ތެދުވެގެން ދިޔައީ ބަދިގެއަށެވެ. ރޭ ހަތަރުދަމު ނުނިދާ ރޮއި ރޮއި ނާޒިމާ ގެ ދެލޯވަނީ ދުޅަވެފައެވެ. މުޅި މޫނުމަތިވެސް ވަނީ ދުޅަވެގެންގޮސް ފާޑަކަށް ނޫފައިގެންފައެވެ. ނާޒިމާ ބަދިގެއަށްވަދެ ސައި ތައްޔާރު ކުރިއެވެ. އަދި ރޮށްޓާއެކު ކެއުމަށްޓަކައި މަސްހުނި މޮޑުނެވެ. ސައި ތައްޔާރުކޮށް ނިންމާލުމަށްފަހު ނާޒިމާ ގޮސް އިށީނީ ސިޓިންގ ރޫމުގައެވެ. ނާޒިމާ އިނީ އައިލީން ބޭރަށް ނުކުންނާނެ ވަގުތަކަށް އިންތިޒާރު ކުރާށެވެ. ނާޒިމާ އަދި ދައްކަންޖެހޭ ބައެއް ވާހަކަ ހުރުމާއެކުގައެވެ.

އައިލީންއަށް ހޭލެވުނީ ބޭބީ ރޯލި އަޑަށެވެ. އޭރު ހެނދުނު ހަގަޑި ބައިވަނީއެވެ. އައިލީން ތެދުވެ ބޭބީ ނަގާ އުރާލުމަށްފަހު ބޭބީ ހުއްޓާލެއްވުމަށްޓަކައި ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލިއެވެ. ބޭބީ ރޯ އަޑު ބޭރުގައި އިން ނާޒިމާ އަށް އިވެއެވެ. އެ އަޑު އިވުމާއެކު ނާޒިމާއަށް އެއްވެސް އިޚްތިޔާރަކާ ނުލާ ސޯފާއިން ތެދުވެވުނެވެ. ނާޒިމާ ބޭނުންވަނީ ބޭބީ އުރާލުމަށެވެ. ގަޔާލާ ބޮނޑި ކޮށްލުމަށެވެ. ނާޒިމާ، އައިލީން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އެހެން ނަމަވެސް ކުއްލިއަކަށް ހިނގުން ހުއްޓުނެވެ. ކަންތައް ވެފައިވާ ގޮތުން މިހާރު ނާޒިމާގޮސް އައިލީން ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމަކީވެސް ކޮށްގެންވާނެ ކަމެއް ނޫންކަން ނާޒިމާއަށް އެނގެއެވެ. ނާޒިމާގެ ލޮލުން ކަރުނަ އައެވެ.

އައިލީން، ބޭބީ ފެންވަރުވައިގެން އައިސް ބުއްފުޅިއެއް ދިނުމާއެކު އަނެއްކާވެސް ބޭބީ ނިދައިފިއެވެ. އައިލީން ފާހާނާއަށްގޮސް ކުޑަކޮށް ގައި ދޮވެލައިގެން ނުކުތްއިރު ރާއިފު އޮތީ ހޭލައެވެ.

"މި ތައްޔާރުވަނީ އޮފީހަށް ދާންތަ...؟" އައިލީން އާ ދިމާއަށް ބަލަންއޮތް ރާއިފު ސުވާލު ކޮށްލިއެވެ.

"މިއަދު އޮފީހަކަށް ނުދާނަމޭ ބުނީމެއްނު...! މިއަދު ޗުއްޓީއަކަށްވެސް އެޕްލައި ކުރާނަން...!" ރާއިފު އާ ދިމާއަށް ބަލާލުމަށްފަހު އައިލީން ބުންޏެވެ.

"މިއަދު އޮފީހަށް ގޮއްސަ، ޗުއްޓީއަށް އެޕްލައި ކުރަންވީނު..! ބޭބީ ގާތުގައި އަހަރެން މަޑުކޮށްފާނަމޭ...! މިއަދު މަންމަވެސް ގެންނަންވީ ކަންނޭނގެ...!" އަނެއްކާވެސް އައިލީން އާ ދިމާއަށް ބަލަން އޮވެ ރާއިފު ވާހަކަ ދެއްކިއެވެ.

"މަންމަ ގެނެސްގެން އަދި ބަހައްޓާނެ ތަނެއްވެސް ނެތެއްނު...! ނާޒިމާ މިގެއިން ދިޔައިމަ މަންމަ ގެންނާނީ...! ކަންކަން ހަމައަކަށް އެޅެންދެން މި ދުވަސްކޮޅު އަހަރެން ގޭގަ މަޑުކުރާނީ...! އަހަންނަށް އަހަރެންގެ ޖޮބަށްވުރެ ބޭބީ މާ މުހިންމު...!" ފުނާ އަޅަން ޑްރެސިންގ ޓޭބަލް ދޮށުގައި އިން އައިލީން ބުންޏެވެ.

"ބޭބީ މިއަދު ނުހޭލާ ދުވަހެއްތަ...؟ ހާދަ ލޯބިކޮށް ނިދާލާފަ މިއޮތީ..." އެދުމަތީގައި ނިދާފައިއޮތް ބޭބީގެ މޫނަށް ބަލާލަމުން ރާއިފު ބުންޏެވެ.

"ދެންމެ ހޭލީމަ ފެންވަރުވާލާފަ، ބުއްފުޅިއެއް ދިނީމަ އަނެއްކާވެސް ނިދާލާފަ އެއޮތީ...!" އައިލީންވެސް ބޭބީ އާ ދިމާއަށް ބަލާލަމުން ބުންޏެވެ.

"އަހަރެން އަދިވެސް ހިތަށް މިއަރަނީ އެ ނާޒިމާ ކީއްވެބާއޭ އެހެން ކަންތައް އެކުރީ...! މީހަކު ހުންނަގޮތަކުން އެމީހަކީ ކާކު ކަމެއް ނޭނގޭނެތާ...!  ދެރައީ މިހާ ދުވަސްވީ އިރުވެސް އެއީ ކާކުކަން ނޭނގުނު ކަން...!" އެނދުން ތެދުވަމުން ރާއިފު ވާހަކަ ދެއްކިއެވެ.

"އޭނަ މިގެއަށް ގެނައިއިރު އެއީ ކޮންތާކު އުޅުނު ކާކުތޯ ރާއިފުވެސް ބަލާލީކީ ނޫންވިއްޔަ..! އޭނަގެ ޙަޤީޤަތް ބަލާލާފަ ގެނައިނަމަ...!" ޑްރެސިންގ ޓޭބަލް ކައިރިން ތެދުވަމުން އައިލީން ބުންޏެވެ.

"އާނ...! ތިބުނީ ތެދެއް..! އެވަގުތު މީހަކު ގެއަށް ގެންނަން ބޭނުންވެފަ ހުރީމަ އަވަހަށް ލިބުނު މީހަކު ގެނައީ...! ރައްޓެއްސެއް އޭނަ ހޯދައިދިނީ...! ހިޔެއްނުވޭ ނާޒިމާގެ ޙަޤީޤަތް އޭނައަށްވެސް އެނގޭހެނެއް...! އެނގޭނަމަ ކޮންމެސް ވަރަކަށް މަގޭ ކައިރީގައި އެވާހަކަ ދެއްކީސް...! ދެން ހިނގާބަލަ އެއްޗެއް ކާލަންދާން...! ވަރަށް ބަނޑުހައިވެއްޖެ...!" އެނދުން ތެދުވަމުން ރާއިފު ބުންޏެވެ.

"އެއްޗެއް ކެޔުމުގެ ކުރިން ފުރަތަމަ ފާހާނާއަށް ގޮސް ރެޑީވެގެން އާދެބަލަ...! މަ މިދަނީ ސައި ތައްޔާރު ކުރަން..!" ކޮޓަރިން ބޭރަށް ނުކުންނަށް ހިނގައިގަންނަމުން އައިލީން ބުންޏެވެ.

"އަދި މަޑުކޮށްބަލަ..! އިއްޔެ އެ މިފްޒާލް މަގުމަތިން ފެނުނޭ...! އިއްޔެ ކަންތައްވީ ގޮތުން އެވާހަކަ ބުނަން ހަނދާންނެތި މިހިރީ...! އަންހެން ކުއްޖެއްގެ އަތުގައި ހިފާލައިގެންގޮސް ފިހާރައަކަށް ވަންނަނިކޮށް ފެނުނީ...! އެއީ މިފްޒާލްތޯ ޔަޤީން ކޮށްލަން އަހަރެން ފަހަތުންގޮސް އެ ފިހާރައަށްވެސް ވަނިން...! މީގެ މޮޅުކަމަކީ އަހަރެން އޭނަ ފަހަތުން ފިހާރައަށް ވަތްއިރު އޭނަ ފަހަތަށް އެނބުރި ބަލާވެސްލި..! އަހަރެން އަޅައެއްނުލަން..!" ކުޑަކޮށް ހީނލާފައި ރާއިފު ވާހަކަ ދެއްކިއެވެ.

"އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެންނޭ...؟" ޙައިރާންވެފައި ހުރެ އައިލީން ސުވާލުކޮށްލިއެވެ.

"އާނ..! މަވެސް ހައިރާންވި...! އަހަރެން ފަހުން އެ ކުއްޖެއްގެ މައުލޫމާތުވެސް ހޯދިން... އޭނަގެ އަންހެނުންނޯ އެއީ..!" އަނެއްކާވެސް މަޖާވެފައިހުރެ ރާއިފު ބުންޏެވެ.

"އަންހެނުންނޭ...! ރަނގަޅުތާ ދޯ އެހެންވީމަ...! އޭނަ ގޮތެއް ނިންމަން އަހަންނަށް ދީފައޮތް ދުވަސް މިހަމަވީ...! ގުޅީމަވެސް ޚަބަރެއްނުވީ އެހެންވީމަތާ...! ބޮލަށްފަސޭހަތާ...!" އައިލީންވެސް ކުޑަކޮށް ހިނިތުންވަމުން ބުންޏެވެ.

"އުހުން...! އަދިވާނެ އޭނައަށް ގުޅަން..! މަ ބޭނުމީ ދެން މިކަން ގޮތަކަށް ނިންމާފަ ބާއްވަން..! މިފަހަރު މިކަން ކޮޅެއްގަ ޖައްސާނަން..!" ފާހާނާއަށް ވަންނަމުން ރާއިފު ބުންޏެވެ.

"މިހާރު މި ދިމާވެގެންއުޅޭ ކަންތައް ވަކިކުޑަތަ...؟ މިކަން ކޮޅެއްގަ ޖައްސާފަ ތިކަމާވެސް އުޅެންވީ...! ދެން އަވަސްކޮށްލައިގެން ސައިބޯން އާދޭ...!" އައިލީން ކޮޓަރިން ނުކުންނަމުން ބުންޏެވެ.

އައިލީން ބޭރަށް ނުކުންއިރު ނާޒިމާ ސިޓީން ރޫމުގައި އިނެވެ. އައިލީން ފެނުމާއެކު ނާޒިމާ ސިހިގެން ދިޔައެވެ. އެހެންނަމަވެސް އިސްދަށަށް ޖަހައިގެން އިން ނާޒިމާ އިސްއުފުލާލުމަށްފަހު މަޑުމަޑުން އައިލީން އާ ދިމާއަށް ބަލާލިއެވެ. އެވަގުތު އައިލީންވެސް ހުރީ ނާޒިމާއާ ދިމާއަށް ބަލަހައްޓައިގެންނެވެ.

"ބޭބީ ނިދީތަ...؟" އެއްޗެއް ނުބުނަން ހުއްޓަސް ނާޒިމާއަށް އެ ސުވާލުކޮށްލެވުނީ ބޭބީ ދެކިލާހިތުން ހުރިވަރު ބޮޑުކަމުންނެވެ.

"އާނ...! ނިދާފައޮތީ...!" ނާޒިމާގެ ސުވާލަށް އައިލީން ޖަވާބުދިނީ ފަރުވާ ކުޑަގޮތަކަށެވެ.

އައިލީން ބަދިގެއަށްގޮސް ސައިތައްޔާރު ކުރިއެވެ. ސައި ތައްޔާރު ކުރަންވާއިރަށް ރާއިފު ކޮޓަރިން ނުކުމެގެން ބަދިގެއަށް އައެވެ.

"ކޯއްޗެއް ސައިބޯންހުރީ...؟" މޭޒުދޮށުގައި އިށީންނަމުން ރާއިފު ސުވާލުކޮށްލިއެވެ.

"މަސްހުނި ހަދާފަ ނާޒިމާ މިހިރީ...! ބޭނުމިއްޔާ ކުޅިރިހާކުރު ވެސް ހަދާލެވިދާނެ...!" މަސްހުރި ތަށީގެ މަތިގަނޑު ހިއްލާލަމުން އައިލީން ބުންޏެވެ.

"މިގަޑީގަ ދެން ރިހާކުރު ކުޅިކުރާނެ ކަމެއްނެތް...! މަސްހުނިވެސް އޯކޭ ވާނެ..! ހަފްތާއެއްވެއްޖެ މަސްހުނި ނުކާތާ...!" ރޮށްޓެއްނަގާ ތަށީގައި ބާއްވާލަމުން ރާއިފު ބުންޏެވެ.

"އާނ...! ބޮޑުފަތިހާ ނާޒިމާ ތެދުވެ ސައިކައްކާ، މަސްހުނިވެސް މޮޑެފަ މިހިރީ...! ވެދާނެ އަހަރުމެންގެ އެޓެންޝަން ހޯދަން ކަމަށްވެސް..! ނޫނީ ރޭގަ ނުނިދާ ރެޔެއް ކަންނޭނގެ... ހިނގާބަލަ ސައިބޮއިގެން ގޮސް އޭނަ ދައްކާ ވާހަކައެއްވެސް އަޑުއަހާލަން...!" ނާޒިމާ އާ ދިމާއަށް ބަލާލަމުން އައިލީން ބުންޏެވެ.

"އޭނަގެ އެ ވާހަކަތައް އަޑުއަހާކަށް އަހަރެންގެ އެއްވެސް ޝައުޤެއްނެތް...! ކޮންމެ ވާހަކައެއް އޭނަ ދެއްކިޔަސް އަހަންނަށް އެނގޭ އެއްޗަކީ މިއަދު އޭނަ މިގެއިން ދާން ޖެހޭނެކަން...! މަންމަ ކައިރީގައި އަހަރެން ބުނާނަން މިއަދު ހަވީރު ނޫނީ މިރޭ މި ގެއަށް ބަދަލުވާން ރެޑީ ވެގެން ހުންނާށޭ...! އަހަރެން މަންމަ ބަލާދާނަމޭ...! އައިލީންވާނެ މަންމަ އަންނަންވާއިރަށް އެކޮޓަރި ތައްޔާރު ކޮށްލަން...! ވަރަށް ރަނގަޅަށް ސާފުކޮށްލާތި...! އަހަރެން ބޭނުންވަނީ އެ އެނދުގައި އަޅާފަހުރި ބެޑްސީޓާއި ބާލީސްތައްވެސް އުކާލާފަ އާ އެއްޗިހި ހޯދަން...! އައިލީން އަށް އުނދަގުލިއްޔާ ހަވީރު ބޭރު މީހަކު ގެނެސްގެންވެސް އެކޮޓަރި ސާފުކޮށްލަންވާނެ...!" ސައިބޮއި ނިމިގެން މޭޒުމަތީގައިހުރި ފެންތަށި ނަގަމުން ރާއިފު ބުންޏެވެ.

"ކޮންމެހެން މީހަކު ގެންނާނެ ކަމެއްނެތް...! އަހަރެން އެ ކޮޓަރި ސާފުކޮށްލަފާނަން..! އެއްޗިހިތައް އުކާލާނެ މީހަކު ހޯދީމަ ރަނގަޅުވާނެ...! އެކަމަކު ބާލީސްތައް އުކާލައިފިއްޔާ ޖެހޭނެ ބާލީސް ގަންނަން...! ބާލީހު އުރަޔާއި ބެޑްޝީޓްތައް ބައިވަރު ހުންނާނެ...!" ތަށިތައް ހިފައިގެން ތެދުވަމުން އައިލީން ބުންޏެވެ.

ސައިބޮއި ނިމިގެން ރާއިފު ގޮސްވަނީ ކޮޓަރިއަށެވެ. އައިލީން ސައިބޮއިގެން ތަށިތައް ދޮވުމަށްފަހު މޭޒުމަތި ސާފުކޮށްލާފައި ބަދިގެއިން ނުކުންއިރު ނާޒިމާ އެއިންގޮތަށް ސޯފާގައި އިނެވެ.

"ނާޒިމާ ސައިބޮއިފިންތަ...؟" ނާޒިމާއާ ދިމާއަށް ބަލާލުމަށްފަހު ހިތްހަމަ ނުޖެހިފައިހުރެ އައިލީން ސުވާލު ކުރިއެވެ.

"ނޫން..! އަދި ނުބޮން...!" މަޑުމަޑުން އިސްއުފުލާލުމަށްފަހު އައިލީންގެ ސުވާލަށް ނާޒިމާ ޖަވާބު ދިނެވެ.

"ނާޒިމާ ގޮސް ސައިބޮއޭ..! ނާޒިމާ ކޮންމެހެން މެންދުރަށް އެއްޗެއް ކައްކަން އުޅޭނެ ކަމެއްނެތް...! އަހަރެން ކައްކަފާނަން...! ނާޒިމާގެ ތި ވާހަކަތައް އަޑުއަހަން އަހަރެން އެބައަންނަން...! ތި ވާހަކަތައް ކިޔައިދީފަގޮސް ނާޒިމާގެ އެއްޗިހި ޕެކް ކޮށްގެން ހަވީރުވުމުގެ ކުރިން މިގެއިން ދޭ...! ހަވީރު ރާއިފުގެ މަންމަ މިގެއަށް ބަދަލުވާނެ...!" އަމުރުވެރި ރާގަކަށް އައިލީން ވާހަކަ ދެއްކިއެވެ.

"ތިހެން ނަހަދާ، އަހަރެން...! އަހަރެން... މިގެއިން ނުކުމެގެން ދާނީ ކޮންތާކަށް...! ގޮސް ވަންނާނެ ހަމަ އެއްވެސް ތަނެއް މިހާރަކު ނެތް...! ކުއްލިއަކަށް ރަށަކަށްވެސް ނުދެވޭނެ...! އަހަރެން ނުބުނާނަން އަހަރެން މިގޭގަ ބަހައްޓާށެކޭ...! އެކަމަކު ރަށަށް ދެވޭނެ ގޮތެއް ވަންދެންވެސް އަހަރެން ހުންނާނެ ތަނެއް ނެތް..!" ނާޒިމާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.

"ތިކަމާ މިހާރަކު އަހަރުމެން ވިސްނާކަށް ނުޖެހޭނެ...! ނާޒިމާ ތިކަމަށް ގޮތެއް ހޯދާނީ..! ނާޒިމާއަކަށް ނޭނގޭތަ މިހެން ކަންތައް މިވާންޖެހުނީ ނާޒިމާ ކަންތައްކުރި ގޮތުން ކަމެއް...! އަހަރެން ކުރިން ނާޒިމާ ދެކެމުންދިޔައީ ހަމަ އަހަރުމެންގެ ޢާއިލާގެ މީހެއްގެ ގޮތުގައި...! އެހެން ނަމަވެސް މިހާރު ނާޒިމާއާ ދޭތެރޭ އަހަރެންގެ ހިތުގައި އެއްވެސް ކުލުނެއް ނެތް...! ނާޒިމާ ހަނދާންކޮށްބަލަ ނާޒިމާ ތިކުރި ކަންތައްތައް...! ނާޒިމާ އިސްއުފުލާ އަހަރުމެންނާ ވާހަކަ ދައްކަންވެސް ލަދު ގަންނަންޖެހޭނެ...! އަހަރެންވާ ރަނގަޅު ވަގުންވަގުތަށް ނާޒިމާ ފޮނުވާނުލާ އަދިވެސް މިގޭގައި ބަހައްޓާފައިހުރިކަން...!" ހިތްހަމަ ނުޖެހިފައިހުރި އައިލީންގެ އަޑު ގަދަވަމުން ދިޔައެވެ.

"އަހަރެންގެ... އަހަރެންގެ... ހުރިހާ... ހުރިހާ ވާހަކަތައް ރަނގަޅަށް އަޑުއަހާލިނަމަ އައިލީންވެސް ތިހެނެއް ނުބުނާނެހެން ހީވަނީ...!" ގިސްލަގިސްލާ ރޮމުން ނާޒިމާ ވާހަކަ ދެއްކިއެވެ.

"ކަލޭގެ ތި ވާހަކަ ތަކާއި ކަލޭ ތިކުރި ކަންތައްތަކާ އެއްވެސް ގުޅުމެއް ނެތޭ...! ކަލޭ ހީކުރީ ކަލޭގެ ކުރީގެ ދިރިއުޅުން އަހަރުމެންނަށް ކިޔައިދީގެން އަހަރެންގެ ހިތުގަ ކަލެއާމެދު ހަމްދަރުދީ އުފެދިދާނެ ކަމަށްތަ...؟ އެހާވަރުގެ ކަމެއްނޫނޭ ކަލޭ ކޮށްފަ ތިހިރީކީ...! ކަލޭ ސައިބޮންޏާ ބޯންދޭ...! ނުބޮންޏާ ނުބުޔަސް މަށަށް ހެޔޮ...!" އައިލީން ކޮޓަރިތެރެއަށް ވަންނަމުން ރުޅިއައިސްފައި ބުންޏެވެ.

"އެކަމުގައި އަހަރެންގެ ދިރިރުޅުމާ ވަރަށް ބޮޑު ގުޅުމެއް އެބައޮތް...!" އައިލީން ކޮޓަރިއަށްގޮސް ވަންނަނިކޮށް ނާޒިމާ ބުންޏެވެ.

ނާޒިމާ ވާހަކައަށް ސަމާލުކަމެއްނުދީ އައިލީން ގޮސްވަނީ ކޮޓަރިއަށެވެ. އައިލީން ކޮޓަރިއަށް ދިޔައިރު ރާއިފު އުޅެނީ ފާހާނާގައެވެ. ޒާރާބޭބީ އޮތީ އޭރުވެސް ނިދާފައެވެ.


ނުނިމޭ... ވާހައިގެ އާ ބައެއް، 19 ޑިސެމްބަރ، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް