ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ނައިބު ރައީސް މޫސާ މަނިކު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ގަމު ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ.
އެކަން ބައެއް މީޑިއާތައް މެދުވެރިކޮށް މިއަދު މޫސަ ވަނީ ހާމަކުރައްވާފައެވެ. މަޖިލީހުގައި މޫސަ މިހާރު ތަމްސީލުކުރައްވަމުން ގެންދަވަނީ ހުޅުހެންވޭރު ދާއިރާއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ އެ ދާއިރާއަށް ވާދަކުރައްވަން ނިންމެވީ އެ ދާއިރާއަކީ ސިޔާސީ ހަޔާތް ފެއްޓެވި ދާއިރާ ކަމުގައިވާތީ ކަމަށެވެ. އަދި އެ ދާއިރާގައި ދިރިއުޅޭ ރައްޔިތުނންނާއިމެދު ވަރަށް ގާތް ގުޅުންތަކެއް އުފެދި ތާރީހީ ކަންތައްތަކެއްވެސް ކުރެއްވިފައި އޮތީމާކަމުގައިވެސް މޫސަ ވިދާޅުވެފައިވެއެވެ.
ލ އަތޮޅު ތަމްސީލުކުރައްވާ މެމްބަރެއްގެ ގޮތުގައި މޫސަ ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ނިކުމެވަޑައިގެންނެވީ 2004 ވަނަ އަހަރުގައެވެ.
މޫސަ މިހާރު ފުރުއްވަމުންގެންދަވާ ދާއިރާ، ހުޅުހެންވޭރު ދާއިރާ 2019 ވަނަ އަހަރު ނޯންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާއިރު މޫސަ ވިދާޅުވެފައިވަނީ މާލޭގެ ގޮނޑިއަކަށް ވާދަނުކުރަން ނިންމެވީ މާލޭގެ ދާއިރާތައް "މަސްހުނި"ވެފައި އޮތުމުގެ ސަބަބުން ކަމަށެވެ.
މޫސަ ގަމު ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވަނީ އަމިއްލަ ގޮތުންނެވެ. މޫސަ ޕީޕީއެމުން ވަކިވެފައިވާއިރު އެ ޕާޓީން ވަކިވެވަޑައިގަތީ އެ ޕާޓީގައި މުސްތަގްބަލެއް ނެތުމުން ކަމުގައި މޫސަ ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް