ސިމެންތި ބަސްތާ ވެއްޓި ކުޑަ ކުއްޖަކު ނިޔާވެފައިވާ ހާދިސާއާއި ގުޅުވައި ބައެއް ނޫސްތަކުން ލިޔެފައިވާ ހަބަރު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އިން ދޮގުކޮށްފިއެވެ.
އެ މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިމެންތި ބަސްތާއެއް ވެއްޓި ބިދޭސީ ކުޑަ ކުއްޖަކު ނިޔާވި ހާދިސާ ހިނގި ކޮންސްޓްރަކްޝަން ސައިޓް އަކީ ޤަވާއިދާ އެއްގޮތަށް މަސައްކަތް ކުރަމުންދިޔަ ސައިޓެއް ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވި ކަމަށް، ދެ ނޫހެއްގައި 20 ޑިސެމްބަރު 2018 ވަނަ ދުވަހު ޝާއިޢުކުރި ޚަބަރަކީ ހަގީގަތާ ހިލާފު، ދޮގު ޚަބަރެއްކަމަށެވެ.
"މި މިނިސްޓްރީން 20 ޑިސެމްބަރު 2018 ވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް، އަދި މިނިސްޓްރީގެ އެހެން އޮފިޝަލަކު ވެސް އެފަދަ ސްޓޭޓްމެންޓެއް ދެއްވާފައެއް ނުވެ އެވެ." މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ދޮގު ހަބަރު ފަތުރާއި ރައްޔިތުންނަށް ޚަޤީގަތް އޮޅޭފަދަ މައުލޫމާތު ގެނެސްދިނުމަކީ ތަހުޒީބު އަމަލެއް ނޫން ކަމަށާއި އަދި ނޫސްވެރިކަމުގެ މިންގަނޑުތަކާއި އުސޫލްތަކާ ވެސް ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ. އެފަދަ ޚަބަރެއް އެ ދެ ނޫހުގައި ޝާއިޢުކުރެއްވުމަކީ އެ މިނިސްޓްރީން ނުހަނު ހިތާމަކުރާ ކަމެއްކަމުގައި އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ މިނިސްޓްރީއާއި ސަރުކާރުގެ ކަމާގުޅޭ އެހެން އިދާރާތަކުން ގެންދަނީ ކޮންސްޓްރަކްޝަން ސައިޓުތަކަކީ، މަގުމަތި ބޭނުންކުރާ ފަރާތްތަކަށާއި އެ ސައިޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް ސަލާމަތްތެރި އަދި ރައްކާތެރި ތަންތަނަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށާއި އެ މިނިސްޓްރީއަކީ މީޑިއާއަށާއި ދިވެހިރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި ހިންގަމުންދާނެ މިނިސްޓްރީއެއް ކަމަށެވެ. މިގޮތުން 20 ޑިސެމްބަރު 2018 ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގެ ވީޑިއޯ މި މިނިސްޓްރީގެ ފޭސްބުކް ޕޭޖުގައި ޝާއިޢުކުރެވިފައިވާނެ ވާހަކަ ދަންނަވާކަމުގައިވެސް އެ ނޫސްބަޔާނުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް