ލަންކާގެ މަސްބޯޓެއް ރާއްޖެ ސަރަހައްދުގައި އޮޔާދާތީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑް ހަރަކާތްތެރިވާން ފަށައިފި އެވެ.
ލަކްޕްރިޔާ ނަމަކަށް ކިޔާ އެ މަސްބޯޓަކީ ލަންކާގެ ބެރުވަލަ ފިޝަރީސް ހާބަރުން ހަ މަސްވެރިންނާއެކު މިދިޔަ މަހުގެ 21ގައި ފުރާފައިވާ ބޯޓެއް ކަމުގައި ލަންކާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައި ވެ އެވެ.
މިކަމުގެ މައުލޫމާތު އެ މަސްވެރިންގެ އާއިލާއާއި، ކަމާބެހޭ ފަރާތްތަކުން ހިއްސާ ކޮށްފައިވާއިރު އެ ބޯޓުގެ ވެރިފަރާތުން އެ ބޯޓު ސަލާމަތް ކުރުމަށް އިތުރު ބޯޓެއް ފޮނުވުމުގެ މަސައްކަތް ފަށާފައިވާކަމުގައިވެސް ލަންކާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައި ވެ އެވެ. އެހެންނަމަވެސް އެ ބޯޓު އޮތީ ކޮން ސަރަހައްދެއްގައިކަން ސީދާ ކަށަވަރު ނުވާކަމުގައިވެސް ރިޕޯޓް ކޮށްފައި ވެ އެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ރާއްޖެ ސަރަހައްދުގައި ކޮލޮމްބޯގެ މަސސްބޯޓެއް އޮޔާދާކަމުގެ މައުލޫމާތު ކޮލޮމްބޯގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އިން ރާއްޖޭގެ އެމްއާރުސީސީއާއި ކޯސްޓްގާޑާއި ހިއްސާ ކޮށްފައިވާކަމަށެވެ.
ކޮލޮމްބޯ އެމްއާރުސީސީއާއި ހަވާލާދީ އާޒިމް ހާމަކުރައްވާފައިވާގޮތުގައި އެ މަސްބޯޓުގެނަމަކީ ލަކްޕްރިޔާ 1 އެވެ. އެ މަސްބޯޓު އޮޔާދަނީ އިންޖީނު ފެއިލްވެގެން ކަމަށާއި އެއީ ޅ އަތޮޅު ސަރަހައްދުން ކަމަށާއި އަދި އެކަން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވަނީ ހަވީރު 5:30 ގައި ކަމުގައިވެސް އާޒިމް ވިދާޅުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް